ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަވަހާރަކޮށްލަން ރޭވުމުގެ ތުހުމަތުގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައިވާ ސްރީލަންކާގެ "ސްނައިޕަރު"ގެ ބަންދަށް 13 ވަނަ ފަހަރަށް ކޯޓުން މުއްދަތު އިތުރުކޮށްދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެންމެފަހުން ސްނައިޕަރުގެ ބަންދަށް ޖަހާފައިވަނީ 10 ދުވަސް ކަމަށެވެ. އަދި އެ މުއްދަތު ހަމަވާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ވިދާޅުވި އެވެ.

ސްނައިޕަރު ރާއްޖެ ގެނައުމުގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ތިން މީހަކު ހައްޔަރުވެސް ކުރި އެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް އަވަހާރަކޮށްލުމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ހައްޔަރުކޮށްފައިވާ ލަންކާ މީހާ އަކީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ ލަންކާ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާ ދީގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެމީހާއި ހަވާލުކޮށްފައިވަނީ ހަތިޔާރު ބޭނުން ކޮށްގެން ރައީސް އަވަހާރަކޮށްލުމުގެ މަސައްކަތްކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން ބުނާ ވާހަކަތައް ލަންކާގެ ނޫހެއްގައި ވަނީ ދޮގުކޮށްފަ އެވެ. ލަންކާގެ އެކޮނޮމީ ނެކްސްޓް ނޫހުގައި ބުނެފައިވަނީ ސްނައިޕަރ ޝޫޓަރެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ހައްޔަރުކޮށްފައިވާ ލަންކާ މީހާއަކީ އެގައުމުގެ ވެރިރަށް ކޮލޮމްބޯގެ އިރުމަތީ ރަށްބޭރުގައި އޮންނަ މާލަބޭ އަވަށުގައި ހިކިމަސް ވިއްކަން އުޅޭ މީހެއް ކަމަށެވެ.

އެކަމަކު ސްރީލަންކާގެ ސަންޑޭޓައިމްސް ނޫހުގައި ލަންކާ މީހާގެ މަންމައާއި ހަވާލާދީ ބުނެފައިވަނީ އެނާގެ ދަރިފުޅު، ލަހީރު މަދުޝަންކާ ރާއްޖެ އައީ ވަޒީފާއެއް ހޯދުމަށް ކަމަށެވެ. އަދި އޭނާގެ ދަރިފުޅަށް ވަޒީފާ ދޭނެ ކަމަށް ބުނެ މުއާމަލާތު ކުރި ރާއްޖޭގެ އެޖެންޓުގެ ނަމާއި އޭނާގެ މައުލޫމާތު ކަމާއި ގުޅުހުންހުރި ފަރާތްތަކާއި ހިއްސާކުރެވިފައިވާ ކަމަށްވެސް ލަންކާ މީހާގެ މަންމަ ނޫހުގައި ބުނެފައިވެ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތުގައި އާއި ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފިލައިގެން އުޅޭ އަށް މީހަކު ހޯދުމަށް އިންޓަޕޯލުން ވަނީ ނޯޓިސް ނެރެފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ހައްޔަރުކުރެވުނީ އެންމެ މީހެކެވެ.