ބުރުޒު މަގުގައި އައިޖީއެމްއެޗް ހުންނަ ސަރަހައްދަށް ދުއްވާ އެއްޗިއްސަން ނުވަދެވޭ ގޮތަށް އެ ހިސާބު ބަންދުކޮށްލަން ނިންމައިފި އެވެ.

އައިޖީއެމްއެޗް އިން ބުނީ އެގޮތަށް ނިންމީ އެހޮސްޕިޓަލްގެ އައިސީޔޫ ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް އާދިއްތަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާތީ ކަމަށެވެ.

އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓް މިހާރު ހުންނަނީ ބުރުޒު މަގަށްވާ ގޮތަށެވެ. ނަމަވެސް އެންބިއުލާންސް ތަކަށާއި އެމަޖެންސީގައި އަންނަ ވެހިކަލް ތަކަށް އައިޖީއެމްއެޗަށް ވަދެވޭ ގޮތަށް އާ ގޭޓެއް ހެދުމަށް ހަމަޖައްސާފައިވާތީ އެފަދަ ވެހިކަލްތަކަށް އެމަޖެންސީ ގޭޓް އާދިއްތަ ދުވަހާ ހަމައަށް ބޭނުން ކުރެވޭނެ ކަމަށާއި އެކަމަކު މިއަދުން ފެށިގެން އާންމުންނަށް ބުރުޒު މަގުގެ އެ ސަރަހައްދު ބަންދު ވާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެ އެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖައްސާފައިވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބުރުޒު ބަގުގެ އެ ސަރަހައްދު ބަންދުވާނެ ކަމަށާއި 25 ބުރީގެ އިމާރާތް ނިމުމާއި އެޖު ބުރުޒު މަގުގެ އެސަރަހައްދު ވެސް ހޮސްޕިޓަލްގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ އާބާތުރަފިލުވާ އެ ހޮސްޕިޓަލް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް މިދިޔަ އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް އެބަދެ އެވެ. މިމަޝްރޫއު ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށްވީ ނަމަވެސް އައިޖީއެމްއެޗްގެ އައިސީޔޫ ތަރައްގީކުރުމުގެ މަސައްކަތަށް ސަރުކާރުން ވެސް ކޮންމެވެސް ވަރެއްގެ ހަރަދުތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ.