ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި ތިންވަނަ މީހާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މި މީހާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އޭނާގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ 10 ދުވަސް ދިނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އިތުރު 10 ދުވަސް ކޯޓުން ދިނީ އިއްޔެގެ ވަގުތެއްގައި ކަމަށެެވެ.
ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކުރި ނަމަވެސް މިހާރު ބަންދުގައި ހުރީ އިއްޔެ މުއްދަތު ޖެހި މީހާ އެކަންޏެވެ.
މީގެ ކުރިން މިމައްސަލައިގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރީ ތިނަދޫ އިންޖީން ގޭގައި މަސައްކަތް ކުރާ އެއްބަނޑު ދެބެއިންނެވެ. އެއީ އިންޖީނު ގޭގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަހްމަދު (28 އ) އާއި ސީނިއަ ޑްރައިވަރެއްގެ މަގާމުގައި ހުރި ޔާމިން މުހައްމަދު (44 އ) އެވެ.
ތިނަދޫގައި މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ދަންވަރު 02:15 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާ ހުލިވެފަ އެވެ. އެރޭ ފުލުހުންނާއި ސިފައިންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 04:25 ހާއިރު އެވެ.
އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަދި އިންޖީނުގެ އާއި އެތަނުގައި ހުރި ތަކެތި ފިޔަވައި އިތުރު އެހެން ތަނަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މިހާދިސާއާއި ގުޅިގެން މުޅި ތިނަދޫ އިން ކަރަންޓް ކެނޑިގެން ގޮސްފައިވެ އެވެ.