ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ގޭބަންދުން ދޫކޮށްލުމަށް ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) އިން ގޮވާލައިފި އެވެ.
ޕީޖީއޭ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިސްކިތެއްގެ ތެރޭގައި މަހްލޫފް އިންނަވަނިކޮށް އޭނާ ހައްޔަރުކުރުމަކީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.
ޕީޖީއޭ އިން ބުނީ މަހްލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވާތީ އޭނާއަށް ލިބިފައިވާ ހައްގުތައް ޔަގީންކޮށްދޭން ޖެހޭ ކަަމަށެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމެއް ނިންމާލިފަހުން ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު މަހްލޫފް ހައްޔަރުކުރީ ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގެ ތެރޭގައި އިންނަވަނިކޮށެވެ.
ފުލުހުން ބުނީ މަހްލޫފް ހައްޔަރުކުރީ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކަަމަށެވެ. ނަމަވެސް ފުލުހުންގެ ތުހުމަތުތައް މަހްލޫފް ވަނީ ދޮގުކުރައްވާފަ އެވެ.
ފުލުހުންގެ މަހްލޫފް ހައްޔަރުކޮށްގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުަމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ގޭބަންދުގައި ބަހައްޓަން ފަސް ދުވަސް ދީފަ އެވެ.