ތުރުކީގެ އަންކާރާގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ އަމަލުތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ތުރުކީއަށް މި ކުރިމަތިވި ހިތާމަވެރި ހާދިސާއިން އަރައިގަތުމަށް އެ ގައުމުގައި ކުރެވެމުންދާ މަސައްކަތްތަކުގައާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމިންގެ މެސެޖުގައި ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތުރުކީގެ ސަރުކާރަށާއި، އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.