ށ. ފޯކައިދޫގައި ދޯންޏަކުން 60 ކިލޯގެ މާވަހާރެއް ހޮވައިފި އެވެ.

ކަންނެއްޔަށް ނިކުމެ އުޅުނު ފޯކައިދޫ "މާކަރީ" ދޯނިން މާވަހަރު ހޮވާފައިވަނީ ށ. ފީވަކާ ދިމާ 30 މޭލު ބޭރުން މީގެ ތިން ދުވަސް ކުރިންނެވެ.

ފޯކައިދޫ ކައުންސިލް އިދާރާގެ މުވައްޒަފަކު މިއަދު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު މާކަރީ ދޯނިން ހޮވީ މާވަހަރެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެއީ މާވަހަރެއް ކަން ޔަގީންކުރުމަށްޓަކައި މާވަހަރު ހޮވި ދޯނި މިއަދު މާލެއަށް ދާނެ ކަަމަށެވެ.

ކައުންސިލް އިދާރާއިން ބުނީ މާވަހަރު ހޮވިއިރު ދޯނީގައި 14 މީހަކު ތިބި ކަަމަށެވެ. އަދި ފޯަކައިދޫ ދޯނިން ހޮވީ މާވަހަރެއް ކަމަށްވާނަަމަ އެ މާވަހަރު 17 މިލިއަން ރުފިޔާއަށް ވިއްކާލެވޭނެ ކަމަށްވެސް ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ މިހާތަނަށް ތިން މާވަހަރެއް ހޮވި ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވެ އެވެ. އެއީ ޅ. ކުރެންދޫ މީހަކު ހޮވި މާވަހަރަކާއި. ނ. ފޮއްދޫން އަންހެނަކު ހޮވި 10 ކިލޯގެ މާވަހަރުގެ އިތުރުން ފޯކައިދޫ ދޯނިން ހޮވި މާވަހަރެވެ.