ބްރިޖު އެޅުމުގެ މަސައްކަތް ފެށިފައިވާތީ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފައިވަނިކޮށް އެ ސަރަހައްދަށް މޫދަށް އެރުމުން ފުލުހުން ހައްޔަރުކުރި ފަސް މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން މި ފަސް މީހުން އިއްޔެ ދޫކޮށްލީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތު ކޮށްފަ އެެވެ.

ރާޅުގަނޑު ސަރަހައްދުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ މި ފަސް މީހުން ހައްޔަރުކުރީ އެ ސަރަހައްދަކީ މޫދަށް އެރުން މަނާ ސަރަހައްދެއް ކަމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލާފަ އެވެ.

މާލޭގެ ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކޮށް ހައުސިން މިނިސްޓްރީން މިމަހުގެ ތިންވަަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި ބްރިޖު އެޅުމުގެ މަަސައްކަތް ހިނގަމުންދާތީ އެ ސަރަހައްދަށް މޫދަށް އެރިއުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެހެންކަމުން ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ނިމެންދެން އެސަރަހައްދަށް މޫދަށް އެރުން މަނާ ކުރެވިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ މާލޭ އިރުމަތީ ފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައި ބްރިޖުގެ މަސައްކަތް ކުރުމަށް ބޮޑެތި ބޯޓް ތަކެއް ބްރިޖު މަސައްކަތަށް ބޭނުންވާ ސާމަނާ އެކު ހަރަކާތްތެރިވަމުންދާތީ އެ ސަރަހައްދަށް މޫދަށް އެރުން އެއީ ރައްކާތެރިކަމަށް ނުވާތީ އެދުވަހުން ފެށިގެން އެ ސަރަހައްދަށް މޫދަށް އެރުން މަނާކުރެވިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އެހެން ގޮތްތަކެއް ހޯދައިދޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.