ހެންވޭރު ގެއަކުން ވައްކަންކޮށްގެން ފިލަން ދުވި މީހަކު ވަގަށް ނެގި ތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވައްކަންކޮށްގެން ފިލަން ދުވަނިކޮށް މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 04:30 ހާއިރު އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 4،000 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި ފޯނުތަކަކާއި ޗާޖަރުތަކެއްގެ އިތުރުން ވޮލެޓަކާއި ސިނގިރޭޓް ފޮށިތަކާއި އެހެނިހެން ބައެއް ތަކެތި ވެސް ފެނިފައިވާ ކަމަށެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މިމައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނެވެ.