އިންސާނީ ވަގުފާރި ހުއްޓުވުމާއި ގުޅޭ ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިމަހުގެ 13 އިން 14 އަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނީ މި ޕްރޮގްރާމްގައި މީހުން ޓްރެފިކް ކުރުމާއި، ސްމަގަލް ކުރުމަކީ ކޮބައިކަމާއި، ޓްރެފިކްކުރުން ހުއްޓުވުމަށް ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނީ އޮނިގަޑު އެކުލަވާލެވިފައިވާ ގޮތާއި، ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، ޓްރެފިކްކުރުން ހުއްޓުވުމާއި އަދި އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ ދައުރާއި މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ މި ދާއިރާގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލުންނާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންއާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކަމާ ބެހޭ ފަންނީ ބޭފުޅުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މުވައްޒަފުންނާއި، މިނިސްޓްރީގެ ބެލުމުގެ ދަށުން އަތޮޅު ތެރޭގައި ގާއިމްކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުގެ މުވައްޒަފުންނާއި، ލޭބަ ރިލޭޝަންސް އޮތޯރިޓީގެ މުވައްޒަފުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ.

މީގެ އިތުރަށް އެ މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމްގެ އަލީގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ގުޅޭގޮތުން އާއްމުންނާއި ވިޔަފާރިކުރާ ފަރާތްތައް ހޭލުންެތެރިކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތައް މެދިވެރިކޮށް ތަފާތު ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.