އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައިވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައިވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އެއް އަހަރަށް އިތުރު ކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މުއްދަތު އިތުރުކުރުމަށް ތާއީދުކޮށް ވޯޓް ދެއްވީ 53 މެންބަރުންނެވެ. މި ހުށަހެޅުމާ ދެކޮޅަށް އެއް މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރަކު އިންނެވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިބިލަށް ބަހުސް ކުރެއްވި މެންބަރުން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރުމުގެ ކުރިން ހެދިފައިވާ ގަވައިދުތަކަށް ގާނޫނީ ބާރު ދިނުމަށް އެކުލަވާލެވުނު އާންމު ގަވައިދުތަކާއި ބެހޭ ގާނޫނުގައިވާ ގަވައިދުތަކަށް ހަދަންޖެހޭ ގާނޫނުތައް ހެދުމަށް އެކަށީގެންވާ މުއްދަތެއް ކަމާ ގުޅުންހުރި މުއައްސަސާތަކަށާއި މަޖިލީހަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ ހަތް އަހަރު ވެގެން ދިޔައިރު ވެސް ބައެއް ގަވައިދުތަކަށް ގާނޫނުތައް ނުހެދި ހުރުމަކީ އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި ދައުލަތަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ.

އާންމު ގަވައިދުތަކާއި ބެހޭ ގާނޫނުގައިވާ ގަވައިދުތަކަށް ގާނޫނުތައް ހެދެންދެން މަޖިލީހުގެ ތެރެއިން މުއްދަތު އިތުރުކޮށްލަ ކޮށްލާ ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވި އެވެ. އެގޮތުން އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައިވާ ގަވައިދުތަކަށް ގާނޫނުތައް ހަދައި ނިންމަން ވަކި މުއްދަތެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައިވާ ގަވައިދުތަކަކީ މިހާރު އަމަލުކުރަމުންދާ ގާނޫނޫ އަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވާލާފައިވާ ގަވައިދުތަކެކެވެ. އެ ގަވައިދުތައް އާންމު ގަވައިދުތަކާއި ބެހޭ ގާނޫނުގައި ހިމަނާ، އެ ގަވައިދުތަކަށް ގާނޫނީ ބާރު ދިނީ އާ ގާނޫނު އަސާސީގައި އެގަވައިދުތަކަށް ގާނޫނުތައް ހަދަން ދީފައިވާ މުއްދަތުގައި ގާނޫނުތައް ހެދިފައި ނުވާތީ އެ ގަވައިދުތަކުގެ ގާނޫނީ ބާރު ކެނޑި ގާނޫނީ އެތައް މައްސަލަތަކެއް ދިމާވެދާނެތީވެ އެކަން ހައްލުކުރުމުގެ ގޮތުންނެވެ.