ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.

މި ދައުވާ ނާޒިމްގެ މައްޗަށް އުފުލީ ގ. އެނިފްގޭގެ އަށްވަނަ ފްލޯގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގަ އެވެ. މިތަކެތި ފެނުނީ 18 ޖެނުއަރީ 2015 ވަަނަ ދުވަހުގެ ރޭ ދަންވަރު ފުލުހުންގެ ސްވޮޓް ޓީމުން އެގޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭރު ނާޒިމު ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގަ އެވެ. މިހާދިސާއަށް ފަހު ނާޒިމް މަގާމުން ވަކިކުރެއްވީ 20 ޖެނުއަރީ 2015 ގައެވެ.

މިމައްސަލާގައި ނާޒިމް ހައްޔަރުކުރީ 10 ފެބްރުއަރީ 2015 ގައެވެ. އަދި 23 ފެބުރުއަރީ 2015 ގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލުމަށްފަހު ދައުލަތުން ފަހުން ވަނީ މިދައުވާ ބަދަލުކޮށްފަ އެވެ. އެގޮތުން 2 މާޗު 2015 ގައި ނާޒިމަށް އަލުން ދައުވާކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ނާޒިމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރީ 12 އޭޕްރީލް 2015 ގައެވެ. އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހައިކޯޓުގައި ނާޒިމުގެ އިސްތިއުނާފް އަޑުއެހުންތައް އެންމެ ފުރަތަމަ ފެށީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ވިޔަސް، ފަހުން ހައިކޯޓަށް އައި ބައެއް ބަދަލުތަކާއި ގުޅިގެން މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗް އަލުން އެކުލަވާލާ އިސްތިއުނާފް އަޑުއެހުންތައް އަލުން ފެށީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.