މިޔަންމާގެ އާ ރައީސްކަމަށް އަންގް ސަން ސޫކީގެ ސްކޫލް ދައުރުގެ ރަހްމަތްތެރިޔާ އަދި ސޫކީގެ ކުރީގެ ޑްރައިވަރު ޔޫ ހްޓިން ކިޔައު އިންތިޚާބު ކޮށްފިއެވެ.

މިއީ، މިޔަންމާގެ ވެރިކަމަށް 1962 ވަނަ އަހަރު އަސްކަރީން އަތްގަދަ ކުރިފަހުން އެގައުމުގައި މަދަނީ ރައީސަކު އިންތިޚާބު ކުރި ފުރަތަމަ ފަހަރެވެ.

އުމުރުފުޅުން 69 އަހަރުގެ ޔޫ ހްޓިން ކިޔައު ރައީސްކަމަށް އިންތިޚާބުކުރީ، މިޔަންމާގެ ޕާލަމެންޓްގައި މިއަދު ނެގި ވޯޓްގައެވެ. ޕާލަމެންޓްގައި މިއަދު ނެގި ވޯޓްގައި 652 މެމްބަރުން ވޯޓްލާފައި ވާއިރު، ހްޓިން ކިޔައުއަށް 360 ވޯޓް ލިބިވަޑައިގެންނެވިއެވެ.

މިޔަންމާގެ މިހާރު ހުންނެވި އަސްކަރީ ރައީސްގެ ބަދަލުގައި އާ ރައީސްކަމަށް ޔޫ ހްޓިން ކިޔައުގެ ނަން ހުށަހެޅީ އަންސަން ސޫކީގެ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު މިޔަންމާގައި ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓްގެ އަޣުލަބިއްޔަތު ނަގާފައިވަނީ ސޫކީގެ އެންއެލްޑީން ކަމުގައިވާތީ، އެޕާޓީން ރައީސްކަމަށް ހުށަހެޅި ކެންޑިޑޭޓް ރައީސްކަމަށް އިންތިޚާބު ވެވަޑައި ގަންނަވާނެކަން ކުރިންވެސް އޮތީ ލަފާކުރެވިފައެވެ.

އިންތިޚާބުގެ ނަތީޖާ އިޢްލާން ކުރުމާއެކު ޕާލަމެންޓްގެ މެމްބަރުންވަނީ ޔޫ ހްޓިން ކިޔައު އަށް މަރްހަބާ ދެންނެވުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެން އަތްތިލަބަޑި ޖައްސަފާވައެވެ.

އާ ރައީސްކަމަށް ޔޫ ހްޓިން ކިޔައު އިންތިޚާބު ކުރެވުމަކީ، މިޔަންމާގައި ވެރިކަން ކުރައްވާނީ "ޕަޕެޓް" ރައީސެއްކަމަށް ބެލެވެމުން އައި އައުން ޔަގީނަށް ބަދަލުވި ކަމެކެވެ.

ސޫކީގެ ޕާޓީން އާންމު އިންތިޚާބު ކާމިޔާބުކޮށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ހޯދިނަމަވެސް، އަސްކަރީން ފާސްކޮށްފައިވާ ގާނޫނުއަސާސީގެ ދަށުން، މިޔަންމާގެ ރައީސްކަމަށް ސޫކީއަކަށް ވަޑައެއް ނުގެންނެވެއެވެ. ސަބަބަކީ، ބޭރު ގައުމަކަށް ނިސްބަތްވާ އާއިލާގެ ގާތް މެމްބަރުން ތިބި މީހަކަށް ރައީސްކަން ނުކުރެއްވޭނޭ ކަމަށް ގާނޫނުއަސާސީގެ މާއްދާއެއްގައި ކަނޑައަޅާފައި އޮތުމުންނެވެ.

އަން ސަން ސޫކީގެ އަވަހާރަވެފައިވާ ފިރިކަލުންނާއި އަދި ސޫކީގެ ދެ ފިރިހެން ދަރިކަލުންނަކީ އިނގިރޭސި ރައްޔިތުންނެވެ.

އެހެންކަމުން، ނަމުގައި ރައީސެއް އިންތިޚާބު ކޮށްގެން "ރައީސަށްވުރެންވެސް މަތިން" މިޔަންމާގައި ހިނގާނީ ސީދާ ސޫކީގެ ނުފޫޒު ހިނގާ ވެރިކަމެއް ކަމަށް ކުރިންވެސް ބެލެވިފައި ވެއެވެ.

މިޔަންމާގެ އާ ރައީސަކަށް މިއަދު އިންތިޚާބުކުރި ޔޫ ހްޓިން ކިޔައުއަކީ އަންގް ސަން ސޫކީއާ އެއް ސްކޫލެއްގައި، އެކުގައި ކިޔަވާވިދާޅުވާން އުޅުއްވި ބޭފުޅެކެވެ. ސޫކީގެ ކުރީގެ ޑްރައިވަރުގެ އިތުރުން، ސޫކީގެ ހިލޭ އެހިދޭ ފައުންޑޭޝަން ހިންގަވަނީވެސް އޭނާއެވެ. އަދި އޭނާއަކީ ނޭޝަނަލް ލީގް ފޮރ ޑިމޮކްރަސީ ޕާޓިގެ މަރުކަޒީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއްވެސް މެއެވެ.