އިމާރާތެއް ނުވަތަ ފްލެޓް އަލަށް ގަންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ 15 ޕަސެންޓް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހުކުރަން ރައީސް އަބްދުﷲ ޔާމިން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިކަމާ ބެހޭގޮތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެެވެ.

ރައީސް އޮފީހުން ބުނީ ބިމާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ 15 އިންސައްތަ ޓެކްސްއިން އިސްތިސްނާ ކުރެވޭނީ އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އަލަށް ގަންނަ ފަރާތްތަކުގެ ތެރެއިން އުމުރުން 18 އަހަރުން މަތީގެ މީހުން ކަމުގައި ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޔާމިން މިގޮތަށް ނިންމެވުމުގެ މަގުސަދަކީ ސަރުކާރުގެ ގެވެހިކުރުމުގެ ސިޔާސަތަށް ހެޔޮ ބަދަލެއް ގެންނެވުން ކަމަށާއި އަދި ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް މި އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ގިނަ ބަޔަކު ދެކޮޅު ހަދަމުން ދަނިކޮށް އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނައިރު އިމާރާތުގެ ބިމުގެ ނިސްބަތުން 15 އިންސައްތަ ޓެކްސްއެއް ދައުލަތަށް ދައްކަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން މަޖިލީހުން އެ އިސްލާހު ފާސްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަަނަ ދުވަހު އެވެ. އަދި އެ ބިލް ރައީސް ޔާމިން ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

ބިމާ ބެހޭ ގާނޫނަށް ނޮވެމްބަރު މަހުގެ ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިރިއުޅެން ދޫކުރާ ބަންޑާރަ ގޯއްޗާއި އަދި އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެއްޓެއް ގަތުމަށްފަހު އެހެން ފަރާތަކަށް ވިއްކާލާނަމަ ވިއްކަން ވާނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީން ހަދާ ގަވާއިދަކުން އާންމުކޮށް ޝާއިއުކޮށްފައިވާ އުސޫލާއި އެއްގޮތަށް ކަނޑައަޅާ އަގަކަށް ކަމަށެވެ.

މީގެ އިތުރުން ގޯއްޗާއި އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓް ވިއްކޭނީ ދިވެހި ރައްޔިތަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ 100 ޕަސެންޓް ހިއްސާދާރުންނަކީ ދިވެހިން ކަމުގައިވާ ކުންފުނިތަކަށާއި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ކަމަށެވެ. އަދި އަމިއްލަ ޖަމިއްޔާއެއް ނަމަ އެ ޖަމިއްޔާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހި ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކަށް ވާންޖެހޭނެ ކަމުގައިވެސް ގާނޫނުގައިވެ އެވެ.

ބިމާ ބެހޭ ގާނޫނަށް މިއިސްލާހުތައް ގެނައީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އިންވެސް ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.

އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކުރާއިރު އެތަކެއްޗަށް ވެސް ޓެކްސް ނަގަ އެވެ. މީގެ އިތުރުން އިމާރާތް ކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯން ތަކުންވެސް ބޮޑު އިންޓްރެސްޓެއް މިހާރު ވެސް ނަގަމުންދެ އެވެ. ވިއްކާ ފްލެޓް ތަކުން 15 ޕަސަންޓް ޓެކްސް އެއް ދައްކާ ގޮތަށް ގާނޫނު އިސްލާހުކުރުމާއި ގުޅިގެން 15 ޕަސަންޓް ޓެކްސްގެ އިތުރުން އެފަަދަ ތަންތަނުން ހަ ޕަސަންޓް ޖީއެސްޓީއަކާއި އެކު ޖުމްލަ 21 ޕަސަންޓްގެ ޓެކްހެއް ނަގަ އެވެ. އެހެންކަމުން މިއިސްލާހާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމަށް ރިއަލްސްޓޭޓް ވިޔަފާރި ކުރާ ފަރާތްތަކުންނާ މަސީ އިން ކުރިން ބުނެފައިވެ އެވެ.