ޔަހޫދީ އަނިޔާވެރި ވަޒަންވެރިންގެ ބަޔަކު، މިދިޔަ އަހަރުގެ ޖުލައިމަހު ހުޅުޖަހައި އަންދާލި ފަލަސްތީނު އާއިލާއެއްގެ ގެއިން ފުރާނަ ސަލާމަތްވި ހަމައެކަނި ކުއްޖާ ކަމުގައިވާ މިހާރު އުމުރުން 5 އަހަރުގެ އަހްމަދު ދަވާޝާ، ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި ބައްދަލުކުރުމަށް ސްޕޭނަށް ހިނގައްޖެއެވެ.

އަހްމަދު ދަވާޝާގެ އިތުރުން އޭނާއާއެކު ސްޕޭނަށް ދަތުރުކުރީ އޭނާގެ ބޮޑުބޭބެއާއި، މަންމަފަރާތު ކާފައާއި މާމައެވެ. އެ އާއިލާ ސްޕޭނަށް ފުރީ އުރުދުންގެ ވެރިރަށް އައްމާނުންނެވެ.

އަހްމަދު ދަވާޝާގެ ކާފަ ހުސައިން ބުނީ، އެ އާއިލާ ސްޕޭނަށް ދަތުރުކުރަނީ ރެއާލް މެޑްރިޑުން ދައުވަތު ދީގެން ކަމަށާއި، ނަމަވެސް ރެއާލް މެޑްރިޑްގެ ކުޅުންތެރިންނާއި އެ އާއިލާ ބައްދަލުކުރަން ހަމަޖެހިފައިވަނީ ސީދާ ކޮން ދުވަހަކުކަމެއް ނޭނގޭ ކަމަށެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިޔާ ޖިބްރީލް ރަޖޫބް ވަނީ، ރެއާލް މެޑްރިޑްގެ އިންސާނިއްޔަތުގެ މި އަމަލަށް މަރްހަބާ ވިދާޅުވެފައެވެ. "މިއީ، ރެއާލް މެޑްރިޑާއި، އެ ކްލަބްގެ މެނޭޖްމަންޓާއި، ކްރިސްޓިއާނޯ ރޮނާލްޑޯ އިންސާނިއްޔަތަށްޓަކައި ކޮށްދޭ ވަރަށް ބޮޑު ކަމެއް. މުޅި އާއިލާ ގެއްލިފައިވާ ކުޑަ ކުއްޖަކަށް މިކަމުގެ ސަބަބުން (ދިރިހުރުމުގެ) އުންމީދު އާވެގެންދާނެ" ރަޖޫބް ވިދާޅުވިއެވެ.

"މިކަމަށް (ފަލަސްތީނު ކުއްޖާ ސްޕޭނަށް ގެންގޮސް ރެއާލް މެޑްރިޑްގެ ޓީމާއި ބައްދަލުކުރުމަށް) އިސް ނެގުމުގައި ނޭނގޭ ޝަޚްސިއްޔަތެއް އެބަވޭ. އެ ޝަޚްސިއްޔަތަކީ ޒައިނުއްދީން ޒިދާން. އޭނާއަށް އަޅުގަނޑުމެން ވަރަށް ހޫނު މަރްހަބާއަކާއި ޝުކުރެއް ދަންނަވަން" ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗަށް އިޝާރާތް ކުރައްވައި ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ވެރިޔާ ވިދާޅުވިއެވެ.