ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓްކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާ ޖަރުމަންގެ ބާލީގައި ކުރިއަށް ދަނިކޮށް ރާއްޖޭގެ އިގްތިސޯދު "ފުނޑާލުމަށް" ރާއްޖެއާ ދެކޮޅު އިދިކޮޅު ކެމްޕޭނެއް ކުރިއަށް ގެންދިޔަ ކަމަށް ބުނެ އެކަން ކުށްވެރިކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އެވެ.

މުބީން ކުއްލި މައްސަލަ ހުށަހެޅުއްވުމާއި ގުޅިގެން މިމައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިމައްސަލަ މަޖިލީހަށް ބަލައިގަތީ 29 މެންބަރުންގެ ތާއީދާއި އެކު އެވެ. މިމައްސަލައާއި ދެކޮޅަށް ހަތް މެންބަރަކު ވޯޓް ދެއްވާފައިވާއިރު ވަކި ގޮތަކަށް ވޯޓް ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މުބީން ވިދާޅުވީ ދިވެހި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ބާލިން ފެއާ ހިނގަމުންދިޔަ ތަނުގައާއި ސޯޝަލް މީޑިއާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ދެކޮޅަށް އަދި ދިވެހި އިގްތިސޯދު "ފުނޑާލުމަށް" ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

މުބީން ވިދާޅުވީ މި ކެމްޕޭން ހިންގި ފަރާތްތަކުން ޖަރުމަންގެ ގްރީން ޕާޓީއާ ބައްދަލުކޮށް ރާއްޖޭގައި ދިރިއުޅޭ ހަތަރު ލައްކައެއްހާ މީހުންގެ ތެރެއިން 250 މީހުންނަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުން ޓްރެެއިން ކޮށްފައިވާ މީހުން ކަަމަށް ބުނެ ރާއްޖެއަކީ ދީނީ ހަރުކަށި މީހުން އުޅޭ ތަނެއްގެ ގޮތުގައި ދައްކައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މުބީން ވިދާޅުވީ މިރާއްޖޭގެ އިގްތިސޯދު ފުނޑާލުމަށް މިރާއްޖޭގެ ވަކި އާއިލާއަކުން ވެރިކަމުގެ ދަހިވެތި ކަމުގައި މަސައްކަތް ކުރަނީ މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ ގިނަ މަސައްކަތްތައް ފެނި ހަޖަމުނުވާތީ ކަމަށެެވެ. އަދި ރާއްޖެއާ ދެކޮޅަށް ކެމްޕޭން ކުރާ ފަރާތްތަކުން ރާއްޖޭގައި އިސްލާމީ ޝަރީއަތަށް ކަންކަން ކުރާތީ ކަންބޮޑުވާ ކަމަށާއި ނަަމަވެސް ރާއްޖޭގައި ދީނީ މިނިވަންކަމާއި އެއްޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އެމްޑީޕީން އެއްވެސް އިރަކު އެއްވެސް ނިންމުމެއް ނިންމައިގެން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ވަކިވަކި ފަރުދުން ކުރާ ކަންކަމުގެ ޒިންމާ ވަކި ޕާޓީއެއްގެ ބޮލުގައި އެޅުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ގޮތަށް އެއްވެސް ފަރާތަކުން އެއްވެސް މަސައްކަތެއް ކުރާނަމަ އެކަން ކުށްވެރިކުރައްވާ ކަމަށެވެ.