ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 2:00 އަށް ތާވަލްކުރި ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައިވަނީ ޕީޖީ އޮފީހުން އެދިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

ދައުލަތުން ނިހާނުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

ނިހާން ހައްޔަރު ކޮއްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިމައްސަލާގައި ނިހާންގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަނީ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.