ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ޕްރޮގްރާމިން ކޮމިޓީގެ ބައްދަލުވުމެއް ފަށައިފި އެވެ.

މިބައްދަލުވުން ކުރިއަށްދަނީ ނޭޕާލުގެ ޕޮޚާރާގަ އެވެ. ބައްދަލުވުން ފަށާފައިވަނީ އިއްޔެގަ އެވެ.

ސާކްގެ ޕްރޮގްރާމިން ކޮމިޓީގެ 52 ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފަރްޒާނާ ޒާހިރެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި މަޝްވަރާކުރާނީ ސާކް ޔުނިވާސިޓީ، ސާކް ޑިވެލޮޕްމެންޓް ފަންޑް، ސާކް ރީޖަނަލް ސެންޓަރުތަކާއި، ސާކް އާބިޓްރޭޝަން ކައުންސިލް، އަދި ސައުތު އޭޝިއަން ސްޓޭންޑަޑައިޒޭޝަން އޯގަނައިޒޭޝަން ފަދަ މުއްސަސާތަކާ ގުޅުންހުރި މައްސަލަތަކުގައި ކަމަށެވެ.

މީގެއިތުރުން ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި ދަނޑުވެރިކަމާއި، ޓޫރިޒަމާއި، ސަރަހައްދީ ތަރައްގީއާއި، މީޑިއާގެ ދާއިރާގެ އިތުރުން މަސްތުވާތަކެތި ކޮންޓްރޯލްކުރުމުގެ މައްސަލާގައިވެސް މިބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.