ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރަން އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިބިލް މަޖިލީހުން ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މި ބިލް ފާސްކުރަން ވޯޓް ދެއްވީ 43 މެންބަރުންނެވެ. މިބިލް ފާސްކުރުމާ ދެކޮޅަށް 16 މެންބަރުން ވަނީ ވޯޓް ދެއްވާފަ އެވެ.

މިބިލް ދިރާސާކުރި މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ނިންމާފައިވަނީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިބިލް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރަން ހުށަހެޅުމުން މިމަހުގެ ހަތްވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި މިބިލަށް ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން މެންބަރުން ވިދާޅުވީ ޓެރަރިސްޓް ޖާމައަތްތައް ސިއްރުކުރަން ހުށަހެޅިއިރު އެފަަދަ ޖަމާއަތަކަށް އެހީވި މީހަކަށް ބޮޑު އަދަބެއް އަންނަ ގޮތަށް ގާނޫނުގައި އަދަބުތައް ކަނޑައެޅިފައިވާ ކަމަށާއި ޓެރަރިސްޓް ޖަމާއަތްތައް ނޭނގޭ ހާލުގައި މީހަކަށް އެހީވެވިގެން ބޮޑު އަދަބެއް އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ މި އިސްލާހަށް ތާއީދުކޮށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ރާއްޖެ ފަދަ ގައުމަކުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް އާންމުކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާނެ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައިވަނީ މި ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ ތިންވަަނަ ނަންބަރުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތައް ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި މި ގާނޫނުގެ 18 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރާ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށެވެ.

ސައުދު އިސްލާހު ހުށަހަޅުއްވާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަށާއި މިމާއްދާގެ (ނ)ގެ ފަހަތަށް އަށް އަކުރެއް އިތުރުކުރުމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަށް ސައުދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓެރަރިސްޓް ޖަމާއަތްތައް ކަަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަން ވާނެ ކަމަށެވެ. އަދި މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ސިފައިން ބަލަހައްޓަން ވާނެ ކަމަށެވެ. އެހެންކަމުން މި އިސްލާހު މަޖިލީހުން ފާސްވެ ގާނޫނެއްގެ ގޮތުގައި އަމަލުކުރަން ފެށުމާ އެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރެވޭނެ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ހާމަކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވަނިކޮށް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ސިއްރުކުރަން ސަރުކާރުން ގާނޫނަށް އިސްލާހު ހުށަހަޅާފައި މިވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ހާމަނުކޮށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 27 އޮކްޓޫބަރު 2015 ގައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލް ތަސްދީގު ކުރެއްވީ 28 އޮކްޓޫބަރު 2015 ގައެވެ.