މިނިސްޓްރީ އޮފް ހައުންސިން އެންޑް އެންވަޔަރަންމަންޓާއި ފިޝަރީޒް މިނިސްޓްރީއާ އެލްޖީއޭއިން މިއަދު މަޝްވަރާކޮށްފި އެވެ.

އެލްޖީއޭއިން ބުނީ، ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމަކީ ކުރިއަށް އޮތް ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި ކައުންސިލްތައް ހިންގުމުގައި ހުރި މައްސަލަތަކާއި ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައްތަކާއި ގުޅޭގޮތުން މިއަދު މަޝްވަރާކުރެވުނު ކަަމަށް އެލްޖީއޭއިން މައުލޫމާތު ދެއެވެ.

އެލްޖީއޭއިން ބުނީ، ހައުސިން މިނިސްޓްރީއާއެކު މަޝްވަރާކުރީ ރަށު ކައުންސިލްތަކުގެ މަޝްވަރާގެ މަތީން ކޮންމެ ރަށެއްގައި އެރަށެއްގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ބިމާއިބެހޭ ވުޒާރާއިން ތައްޔާރުކުރަންވާނެކަމަށް ކަނޑައަޅާފައިވާތީ އާއި ބިނާވެށި ޕްލޭން އެކުލަވާލުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމާއި އެހީތެރިކަންދީ ތަމްރީނު ބޭނުންވާ ކައުންސިލްތަކަށް ތަމްރީނު ދިނުމާ ގުޅޭގޮތުން ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ބިންތައް ބެލެހެއްޓުމަށް ކައުންސިލްތަކަށް ހަވާލުކުރުމާ ގުޅޭ ގޮތުން ހައުސިންއާއެކު މަޝްވަރާކުރެވުނު ކަމަށް އެލްޖީއޭއިން މައުލޫމާތު ދެއެވެ.

އެލްޖީއޭއިން ބުނީ، ފިޝަރީޒް މިނިސްޓްރީއާއެކު ވާހަކަ ދެއްކީ ފަޅުރަށްތަކާބެހޭ ޤަވާޢިދާއި، ވަކިފަރާތަކާއި ޙަވާލުނުކުރެވި ހުންނަފަޅުރަށްތައް ބަލަހައްޓާނޭ އުޞޫލެއް އެކުލަވާލަން މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވާތީވެ އެކަމާ ގުޅޭގޮތުން ކަމަށެވެ.