ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ ހުރިހާ މައްސަލަ ބަލަން ނިންމާ އެ މައްސަލަތައް ބެލުމަށް އެކޮމިޓީގެ ތެރެއިން ފަސް މެންބަރުންގެ ސަބް ކޮމިޓީ އެއް ނަގައިފި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން މެންބަރުން މިގޮތަށް ނިންމީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައިވާ ހިޔާނާޔާތުގެ މައްސަލަތައް ބެލުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި މައްސަލައަށް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު އެވެ.

ކޮމިޓީގެ ހުރިހާ މެންބަރުންވެސް ވިދާޅުވީ ކޮމިޓީން ބަލަންޖެހޭނީ ވަކި މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހިންގައިގެން ދައުލަތަށް ގެއްލުމެއް ވެފައިވާނަމަ އެފަދަ ހުރިހާ މައްސަލައެއް ބަލަންޖެހޭނެ ކަމުގައިވެސް މެންބަރުން ވިދާޅުވި އެވެ. އަދި ބައެއް މެންބަރުން ވިދާޅުވީ ކޮމިޓީން މައްސަލަ ބަލަން ޖެހޭނީ ކޮންމެހެން ވަކި މެންބަރަކު ކޮމިޓީއަށް މައްސަލައެއް ހުށަހެޅުމުން ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.