ޝަރުއީ ނިޒާމްގެ ތެރެއިން ނިންމާ ނިންމާ އެއްވެސް ނިންމުމަކަށް ނުފޫޒް ފޯރުވާފައިނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އދ މާމަގިލީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ނިޒާމަކީ ގާނޫން އަސާސީގައި ކަށަވަރުކޮށްދީފައިވާގޮތަށް ވަރަށް މިނިވަންކަމާއެކު ހިނގަމުންއަންނަ ބާރެއްކަމަށެވެ. ރައީސް ވިދާޅުވީ ޝަރުއީ ނިޒާމުން ނިންމާ އެއްވެސް ނިންމުމަށް އެމަނިކްފާނު ބެހިވަޑައިގެންފައި ނޯންނާނެކަމަށާ ވަކި މައްސަލައެއް ވަކި ގޮތަކަށް ނިންމުމަށް، ދަށު ކޯޓްތަކުގައި ނުވަތަ ހައިކޯޓް އަދި ސުޕްރީމް ކޯޓްގައިވެސް އެދިފައިނުވާނެކަމަށެވެ.

މީގެ އިތުރަށް މައްސަލައެއް ކޯޓަކުން ނިމުމުން އެ މައްސަލަ ނިމުނު ގޮތާއި ގުޅޭގޮތުން ސުވާލް ކުރައްވާފައިނުވާނެކަމަށާ ޝަރުއީ ނިޒާމަށް އެމަނިކްފާނުގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ގަބޫލުކުރައްވާ އިނގޭތޯ އަޅުގަނޑެއް ވެރިކަމުގައި ހުރެ ކޯޓުތަކުގައި ހިނގާ މައްސަލަތަކަކާ ނުބެހޭނަން، އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން، އަދި މިހާތަނަކަށް ވެސް ބެހިފައެއް ނޯންނާނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގައިވެސް އަދި އެހެން ގައުމުތަކުގެ ޝަރުއީ ނިޒާމްތަކުގައިވެސް މައްސަލަތައް ހުންނާނެކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަދު ޝަރުއީ ނިޒާމް އިސްލާހް ކުރުމުގެ ނަމުގައި އަޑުއުފުލަމުންދާ ފަރާތްތަކުން އެކަންކުރަނީ އިސްލާހްކުރުމުގެ ނިޔަތުގައި ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރުއީ ނިޒާމު ހަރަދަނާވެ ރައްޔިތުންގެ އިތުބާރު އެ ބާރަށް ލިބިގެންދިއުމަކީ އެމަނިކްފާނު ކުރައްވާ އުންމީދެއްކަމަށެވެ. އަދި ޝަރުއީ ނިޒާމުގެ ތެރެއިން އެމަނިކްފާނު އެދިވަޑައިގެންފައިވާނީ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދެންނެވިން 115 މާއްދާގެ ދަށުން ރައިސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ރައްޔިތުން އަދަލު އިންސާފުގެ ދާއިރާއަށް އޮންނަ އިތުބާރު އިތުރަށް ވަރުގަދަވެގެން ދާނޭ މައްސަލަތައް އަވަސްވެގެންދާނަމަ. އެހެންވީމާ މައްސަލަތައް އަވަސް ކުރުމަކީ އަޅުގަނޑު ބޭނުންވާ ކަމެކޭ". ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ އެގޮތަށް އެދިވަޑައިގެންނެވީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތައް އަވަހަށް ނިންމުމަކީ މުހިންމުކަމެއްކަމަށް އެދިވަޑައިގަންވާތީކަމަށެވެ. އަދި އެކަން ކުރުމަކީ ޝަރުއީ ނިޒާމަށް ނުފޫޒް ފޯރުވުން ނޫންކަމަށާ ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.