ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަކީ ޑިމޮކްރަސީ ގެންނަން އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާމިގިލީ ފެނުގެ ނިޒާމް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމަށް ތައުރީފްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ޒަމާނީ ޑިމޮކްރަސީއަށް ދިވެހިން ކުރި ދަތުރުގައި ގާސިމް އިބްރާހިމަކީ ފާހަގަކޮށްލެވޭފަދަ ބޭފުޅެއްކަމަށެވެ. އެމަނިކްފާނަކީ ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމުގައި އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އައު ގާނޫން އަސާސީ އެކުލަވާލުމަށް ކުރެވުުނު މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެއްކަމަށެވެ.
2008 ވަނަ އަހަރު ދިވެހިންނަށް ލިބުނު އައު ގާނޫން އަސާސީއަކީ ގާސިމް އިބްރާހިމްގެ މޭސްތިރިކަމުގެ ދަށުން ލިބިގެންދިޔަ އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގާނޫން އަސާސީގެ މަސައްކަތްތައް ކުރިއަށް ގެންދިއައީ ސީދާ ގާސިމްގެ ބެއްލެވުމުގެ ދަށުންކަމަށެވެ.
"2008 ވަނަ އަހަރު އެކަށައަޅައި ބަލައިގަތް ގާނޫނު އަސާސީގެ ހުރިހާ ކަމެއް ނިމިގެން ދިޔައީ އެމަނިކުފާނުގެ (ގާސިމް އިބްރާހިމް) ބެއްލެވުމުގެ ދަށުން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރަށް ރައީސް ވިދާޅުވީ ގާސިމް އިބްރާހިމަކީ ދިވެހި ގައުމާއި، ރައްޔިތުންނަށް ވަރަށް އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަމަށެވެ. އެމަނިކްފާނުގެ ހިދުމަތްތައް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އިގްތިސާދީ ދާއިރާއިން ނަމަވެސް އެނޫން ދާއިރާތަކުންވެސް ގާސިމްގެ ހިދުމަތް ގައުމާއި ރައްޔިތުންނަށް ލިބެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ގާސިމްގެ ގައުމީ ހިދުމަތްތައް އދ މާމަގިއްޔަށް އެކަނި ބަލާލުމުންވެސް ފެންނަކަމަށެވެ.