އަމާޒަކީ މިދައުރު ނިމޭއިރު ރާއްޖޭގެ ކޮންމެ ބޮލަކަށް ޖެހޭ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 12،000 ޑޮލަރަށް އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އަރިއަތޮޅު އުތުރުބުރީ މާމިގިލީގައި ރައްކާތެރި ބޯފެނުގެ ހިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކްފާނުގެ އަމާޒަކީ މިދައުރު ނިމޭއިރު ރާއްޖޭގެ ކޮންމެ ބޮލަކަށް ޖެހޭ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 12،000 ޑޮލަރަށް އިތުރުކުރުންކަމަށެވެ. އެކަމުގެ ސަބަބުން މެދުފަންތީގައި ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން މަތީ ފަންތީގެ ގައުމަކަށް ރާއްޖެވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަންތައް ހާސިލުވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންގިލާބީ ބަދަލު ގެނެވޭނީ ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެގައި އިންވެސްޓު ކުރުމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން އެކި މަޝްރޫއުތަކުގައި އިންވެސްޓުކުރުމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެން ދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޒޯޓު ތަރައްގީކުރަން ދޫކުރެވިފައިވާ ރަށްރަށުގައި ރިޒޯޓު ތަރައްގީ ކޮށް ނިމޭއިރު ދިވެހިރާއްޖޭގެ މައި އެއަރޕޯޓަކީ ގިނަފަތުރުވެރިންތަކަކަށް ރަނގަޅު ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެފަދަ ތަނަކަށް ހެދުމަކީ ލާޒިމު ކަމެއްކަމަށެވެ. މިގޮތުން، މިސަރުކާރުގެ އަމާޒަކީ މިހާރު ރޭވިފައިވާ ގޮތަށް އެއަރޕޯޓު ތަރައްގީކޮށް ނިމުމުން 6 މިލިއަން ފަތުރުވެރިން އަހަރެއްގެ މައްޗަށް ދަތުރުކުރާ އެއަރޕޯޓަކަށް ދިވެހިންގެ އެއަރޕޯޓުވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވަނީ ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެފަރާތްތަކުން ފާޑުނުކިޔުމަށްވެސް ގޮވާލައްވާފައެވެ.

މީގެ އިތުރަށް ރައީސް އަބުދުﷲ ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގައި 3000 އަށްވުރެ ގިނަ އާބާދީ އުޅޭރަށްރަށަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. މިގޮތުން، މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން 50 ރަށަކަށް ބޭނުންވާ ފެނާ ނަރުދަމާގެ ނިޒާމު ހަމަޖެހިގެން ދިއުމަކީ މިސަރުކާރުގެ އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިސަރުކާރުގެ މައިގަނޑު މަގްސަދަކީ އުފާފާގަތި ކަމާ ހިތްހަމަޖެހުން ރައްޔިތުންނަށް ހޯދައިދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ