ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ސްޓްރެޓީޖިކް ޕްލޭން އިފުތިތާހުކޮށް، އެ އޮފީހުގެ ލޯގޯއާއި ދިދަ ވެސް ތައާރަފްކޮށްފި އެވެ.

ޕީޖީ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭނާއި، ލޯގޯއާއި ދިދަ އިފްތިތާހުކޮށް އަދި އެ އޮފީހުގެ ރަސްމީ ކުލައިގެ ގޮތުގައި މެރޫން އަދި ރިހި ކުލަ ހަމަޖެއްސީ ރޭ މިކަމަށްޓަަކައި ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ވަނީ ޕޖީ އޮފީހުގެ ވެބްސައިޓް ވެސް ލޯންޗްކޮށްފަ އެވެ. ވެބްސައިޓް ލޯންޗް ކޮށްދެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަލްއުސްތާޒު އަހްމަދު މުއިއްޒު އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިފްތިތާހުކޮށްދެއްވި ޕީޖީ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭނަކީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް އަމާޒުކޮށް ޕީޖީ އޮފީހުން ކުރަން ރާވާފައިވާ އަދި އެ އޮފީހުގެ ތަސައްވުރު ބަޔާންކޮށްދޭ ޕްލޭނެކެވެ. މިއީ ޕީޖީ އޮފީހުން މިފަދަ ޕްލޭނެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

ޕީޖީ އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންގައި ހަ ކަމެއް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖަވާބުދާރީވުން، މިނިވަންކަން، ނަޒާހަތްތެރިކަން، ހައްގުތައް ކަށަވަރުކުރުން، ވަކި ފަރާތަކަށް ބުރަ ނުވުން އަދި މުހްތަރިފްކަމެވެ. ލަނޑުދަނޑިތަކުގެ ގޮތުގައި ޕްރޮސިކިއުޝަން ހަރުދަނާކުރުމާއި މުއައްސަސާގެ ހިންގުން ހަރުދަނާކުރުމާއި އޯލްޓަނޭޓިވް ޖަސްޓިސްގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ސްޓްރެޓީޖިކް ޕްލޭންގައި ވަނީ ކަނޑައަޅާފަ އެވެ.