ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭ އަދި މިހާރަށް ވުރެ ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ދެ މުއައްސަސާގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށްފި އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މެމްބަރުން ހަމަވުމާއި ގުޅިގެން ކޮމިޝަންގެ މެމްބަރުންނަށް މަރުހަބާ ދެންނެވި އެވެ. މީގެ އިތުރުން ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓިގެންވާ އަދި މިހާރަށް ވުރެ ޕްރޮފެޝަނަލް ހިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ އެއްބާރުލުން ފުލުހުންނަށް ބޭނުންވާ ކަމަށް ވިދާޅުވެ ފުލުހުންނާއި ކޮމިޝަނާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. ހަމައެއާއެކު ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ފުލުހުންގެ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވި ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
ފުލުހުން ބުނީ މި ބައްދަލުވުމުގައި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުހާދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް ރައްޔިތުން ބަލައިގަންނަ ޕްރޮފެޝަން ހިދުމަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކޮމިޝަންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފުލުހުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި ކަމަށެވެ.
މި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުހާދުުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު ސައުދީ އާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ނައިބް ރައީސް ޔޫސުފް މާނިއު މުހައްމަދު އާއި ކޮމިޝަންގެ ތިން މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.