2018 ވަނަ އަހަރަށް ވެރިކަން ދިފާއުކުރުމުގެ މަގުސަދުގައި ރައީސް އަބްދުﷲ ޔާމިން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި، މިވަގުތު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ މަގާމުގެ މަސްއޫލިއްޔަތު ވީހާވެސް ފުރިހަމައަށް އަދާކުރެއްވަމަށް ކަަމަށް ރައީސް ޔާމިންގެ ކެމްޕޭން އޮފީހުން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލާލި ނަމަވެސް ފެނިގެންދަނީ ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމިން ކުރައްވާ މަސައްކަތްޕުޅު ކަމަަށެވެ.

މުއާޒު ވިދާޅުވީ މި ވެރިކަން ދިފާއުކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ޔާމިނަށް ތާއީދުކުރައްވާ ރައްޔިތުން ކަމަަށެވެ. އެގޮތުން 2018 އަށް ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް ޕީޕީއެމް އިން ސިލްސިލާ ގޮތެއްގައި ބާއްވަމުން ގެންދަވާ މަހާސިންތާއަކީ ވެސް ރައްޔިތުންގެ ދީލަތި އެހީގައި ކުރިއަށް ގެންދާ މަަހާސިންތާއެއް ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހާސިންތާގެ ތިންވަނަ ބުރު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ތިންވަނަ ބުރުގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށާއި، އޭގެ ތެރޭގައި މެލޭޝިއާ އަދި ސްރީލަންކާގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ދެ ގޮފިން ދެ މަންދޫބަކު ބައިވެރިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މިފަހަރުގެ މަހާސިންތާގައި ބައިވެރިވާ މަންދޫބުންގެ ރަޖިސްޓްރޭޝަންގެ ކަންތައް މިހާރު ވެސް މިވަނީ ނިމިފައި،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހާސިންތާގައި ބައިވެރިވުމަށް މިހާތަނަށް ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހެދި މަހާސިންތާއަށް ހާޒިރުނުވެވޭ މީހުންގެ ބަދަލުގައި އެހެން މީހަކު އައްޔަން ކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އިން ހަވީރު 4 އާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މުއާޒު ވިދާޅުވީ މި މަހާސިންތާއަކީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ސިޔާސީ ޕާޓީއަކުން އިލްމީ، ގާބިލް ބަޔަކު އުފެއްދުމަށްޓަކައި މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުރާ މިފަދަ ފުރަތަމަ މަސައްކަތް ކަމަށެވެ.

ޕީޕީއެމް ކެމްޕޭން އޮފީހުން ބުނީ މި މަހާސިންތާގެ އިފްތިތާހީ ޖަލްސާ މިރޭ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެން މަނިކު ކަމަށްވެސް ރައީސް ޔާމިންގެ ކެމްޕޭން އޮފީހުން ބުނެ އެވެ.

މި މަހާސިންތާ ކުރިއަށްދާއިރު ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގެން މަހާސިންތާގެ ބައިވެރިންނާ މުހާތަބުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގެ ތިންވަނަ ބުރު ހާއްސަކޮށްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި ތިބި ޕީޕީއެމްގެ މެންބަރުންނަށެވެ. ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށެވެ. އަދި ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށެވެ.

މި މަހާސިންތާއަކީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ މަހާސިންތާއެކެވެ.