ކްރިމިނަލް ކޯޓްގައި ޝަރީއަތްތައް ކުރުން ތިން ދުވަހުގެ މުއްދަތަށް ހުއްޓާލާފައިވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ކްރިމިނަލް ކޯޓްގައި ތިން ދުވަހަށް އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމާފައިމިވަނީ ކޯޓްގެ މަސައްކަތް އެސްޓީއޯގެ އިމާރާތައް ބަދަލްކުރަން ފަށާފައިވާތީއެވެ.

މަނިކް ވިދާޅުވީ ކްރިމިނަލް ކޯޓަށް މިހާތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަންކަމަށާއި، ނަމަވެސް އައު އިމާރާތަށް ބަދަލްވުމުން އެމައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ. ފަނޑިޔާރުންނާއިއެކު 100 މުވައްޒިފުން މަސައްކަތް ކުރަމުން ގެންދާ ކްރިމިނަލް ކޯޓްގެ މަސައްކަތް އެހެން އިމާރާތަށް ބަދަލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ފެށޭ ހަފްތާގެ ބުދަ ދުވަހަށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް މަނިކް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްގައި ޝަރީއަތްތައް ކުރުން ތިން ދުވަހުގެ މުއްދަތަށް ހުއްޓާލާފައިވީނަމަވެސް ބައެއް ކަންކަން ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބަންދުގެ މުއްދަތު ޖެހުމާއި، ބަންދާއިމެދު ގޮތް ނިންމުމުގެ މައްސަލަތަކެވެ.

ކްރިމިނަލް ކޯޓް އައު އިމާރާތަށް ބަދަލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮންމެ މަހަކު އެ ކޯޓަށް 70އަށްވުރެ ގިނަ މައްސަލަ ހުށައެޅޭކަމަށާ އެ މައްސަލަތައް އަވަހަށް ނިންމުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށް އެކޯޓުން ވަނީ މީގެކުރިންވެސް ބުނެފައެވެ.