ރައީސުލްޖުމްހޫރިއްޔާގެ ނާއިބްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރައީސް ބޭނުންފުޅުވުމުން ވަކިކޮށް، އައްޔަންކުރެވޭގޮތަށް އޮންނަ މަގާމަށް ހަދަންޖެހޭކަމަށް ޕީޕީއެމްގެ ބިލިއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
ގައުމުގައި ނާއިބް ރައީސަކު ނެތި ގިނަ ދުވަސްތަކެއް ހޭދަވަމުންދާ މައްސަލައާއި ގުޅޭގޮތުން ވީޓީވީގެ ބޮޑު ފެންޑާ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ ނާއިބް ރައީސަކު އައްޔަންކުރުން ފަސްވަމުންދިޔަނަމަވެސް ފުރަތަމަ ކުރަންވީ ކަމަކީ ގާނޫނަށް ބަދަލް ގެނައުމުގެ މަސައްކަތްކަމަށެވެ.
މުބީން ވިދާޅުވީ ނާއިބް ރައީސް އައްޔަންކުރުމާއި ވަކިކުރުމަކީ މަޖިލީހުގެ ބައިވެރިވުމާއިއެކު ވަރަށް އުދަގޫ މަރުހަލާއަކުން ނޫނީ މިހާރު ނުކުރެވޭކަމަކަށް ވާއިރު ރާއްޖޭގެ ހާލަތު މިއަދު އޮތީ އެގޮތަށް ނޫންކަމަށެވެ.
ނާއިބް ރައީސުންގެ ތާރީހަށް ބަލާއިރު، އެ މަގާމަކީ ވަޒީރުން ފަދައިން ރައީސް ބޭނުންފުޅުވުން މަގާމަށް އައްޔަންކޮށް، ފަސޭހައިން މަގާމުން ދުރުކުރެވޭ ފަދަ މަގާމަކަށް ހަދަންޖެހޭކަމަށް މުބީން ވިދާޅުވިއެވެ.
އަދި އައު ނާއިބް ރައީސަކު އައްޔަންކުރުން ރަނގަޅީ ގާނޫނަށް މިބަދަލް ގެނައުމަށްފަހްކަމަށް ދެކޭކަމަށްވެސް މުބީން ވަނީ ވިދާޅުވެފައެވެ.
"އަލުގަނޑުގެ ވިސްނުމަކީ ފުރަތަމަ ކުރަންވީކަމަކީ ގާނޫނަށް ބަދަލް ގެނައުން. ނާއިބް ރައީސަށް މިއޮންނަ ބާރު ހަނިކުރުން. ވަޒީރުން އައްޔަންކުރާ އުސޫލުން ރައީސް ބޭނުންފުޅުވީމަ ވަކިކޮށް އައްޔަންކުރެވޭ މަގާމަށް ނާއިބް ރައީސްގެ މަގާމްވެސް ބަދަލްކުރަންވީ." މުބީން ވިދާޅުވިއެވެ.