(15 މާރޗް 2016 އާ ގުޅޭ)
...އީތަންގެ ލޮލުން ފައިބައިގެން ދިޔަ ކަރުނައިން ރޭޝްމާގެ ހިތް މަޑުވެގެންދިޔައެވެ. އޭނާ އެތެރެއަށް ޖެހިލާ ދޮރޯށި އިހުނަށްވުރެ ބޮޑަށް ހުޅުވާލިއެވެ. އެ އިޝާރާތް ދަޢުވަތަކަށް އީތަންއަށް ފުދުނެވެ. އަވަސް އަވަހަށް ދެ ލޯ ފުހެލާފައި އެތެރެއަށް ވަނެވެ.
ދޮރޯށި ލައްޕާލާފައި ރޭޝްމާ ހިނގައިގަތީ އެތެރެއަށެވެ. އޭނާއަށް މި ކުރެވޭކަންތަކާ މެދު އެއްވެސް ޔަޤީންކަމެއް ނެތް ކަހަލައެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރެ ރޭޝްމާގެ ފަހަތުން އީތަން އައެވެ. މައްޗަށް އެރެން ހުރި ސިޑިން ރޭޝްމާ އަރަން ފެށުމުން އީތަން ވެސް އެ ސިޑިން އަރަމުން ދިޔައެވެ. އެހެންނަމަވެސް އީތަންގެ ކުށްވެރިކަމުގެ އިޙްސާސް އޭނާގެ ދެފައިގައި އަޅައިފައިވާ ކަސްތޮޅުގެ ބާރުގަދަކަމުން ސިޑީގެ ހަރުފަތްތައް ހުރަސްކުރުން ބޮޑު އުޤޫބާތަކަށް ވެފައިވެއެވެ. ހަށިގަނޑުގައި ހުރި ބާރެއްލާފައި ހަރުފަތްތައް ގިރާ ކުރަމުން އައިސް އޭނާ ހުއްޓުނީ ރޭޝްމާއަށް ވެސް ހުއްޓުމެއް އައުމުންނެވެ. ހަރުފަތްތަކުގައި އަޅަމުން ދިޔަ ފިޔަވަޅުތަކަށް ހުއްޓިފައި ހުރި ނަޒަރު އެހިނދު އުފުލި ވަށައިގެން ހޯދާލާ ފަދަ ގޮތަކަށް އީތަން ނަޒަރު ހިންގާލިއެވެ.
"މިތާ މަޑުކުރޭ..." ކޮޓަރިތަކުގެ މެދުގައި ހުސްކޮށް އޮތް ބައިގައި މަޑުކޮށްލައިގެން ހުރި ރޭޝްމާ ބުނެލިއެވެ. އަދި އީތަންގެ ފަރާތުން ޖަވާބެއް ނުލިބެނީސް ރޭޝްމާ ހިނގައިގަނެއްޖެއެވެ.
އީތަންގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޒޫރިންގެ ކޮޓަރިއާ ދިމާއަށެވެ. އެތައް ރެއެއްގެ ހަނދާންތައް އޭނާގެ ސިކުނޑީގެ އެކި ދިމަދިމާއިން އައިސް ޖެހިގަތް ކަހަލައެވެ. ޚިޔާލުތައް ބޮނޑިވެގަތީ އެއްފަހަރާއެވެ. ޒޫރިންގެ ހުނުމުގެ އަޑެވެ. ލޯބީގެ ބަސްތަކެވެ. ހިތްއުފާކުރުވި ބީހުންތަކެވެ. އެ މައުސޫމުކަން އީތަންގެ ކެހިވެރިކަމުގެ މިޔައިން ފޮތިފޮތިކޮށްލި ގޮތެވެ. ދުނިޔެއަށް ބޭޒާރުވާން ދޫކޮށްލި ގޮތެވެ. ދެ ތުންފަތުން ބޭރުވާން އުޅުނު އާޙް ބޭރުވިޔަނުދީ އީތަން ހުއްޓުވިއެވެ. މޭގެ ތެރޭގައި އުފެދިފައިވާ ތޫފާނުގެ އެންމެ ރޯޅިއެއް ވެސް ބޭރުވިޔަނުދޭން މިވަގުތު އީތަން އަޙުދުވިއެވެ. ބޮޑެތި ބޮޑެތި ނަގޫރޯޅިތައް ވެސް މޭގެތެރެއަށް އޮއްބާލަނީއެވެ. އެނޫންގޮތެއް މިއަވުތު އޭނާއަކަށް ނެތެވެ. އައިތަނަށް އެނބުރި ދިއުމުގެ ގަސްދެއް ކުޑަކޮށް ވެސް ނެތެވެ. މި ހުރިހާ ދުވަހު އޭނާ ހިތް އެދޭހާ ގޮތަކަށް ކަންތައް ކޮށްގެން ލިބުނު މަންފާއެއްނެތެވެ. އޭގެ ބަދަލުގައި އަމިއްލަ ދިރިއުޅުމަށް އަމިއްލައަށް ވިހަލަމުން ދެވުނަ ކަހަލައެވެ.
"ރީން! ހޭލާތަ؟" ޖެހިލުންވެފައި ހުރެ ޒޫރިންގެ ކޮޓަރިތެރެއަށް ވަން ރޭޝްމާ ކޮޓަރީގެ ދޮރު ކައިރިކޮށްލާފައި އެނދުގައި ބަންޑުން އޮތް ޒޫރިންއަށް އަހާލިއެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން އޮތް ގޮތުން ޒޫރިން އޮތީ ހޭލާކަމެއް ނޫނީ ނިދިފައި ކަމެއް ރޭޝްމާއަކަށް ނޭނގުނެވެ. ޒޫރިންގެ އެއްވެސް އިޝާރާތެއް ނުވުމުން މަޑުމަޑުން އޭނާއާ ގާތަށް ރޭޝްމާ އައެވެ.
"ރީން ރޮނީތަ؟ މިހާރު ކީއްވެ ތިރޮނީ... މަންމަ ނުބުނަންތަ ހުރިހާ ކަމެއް އެ ނިމުނީއޭ... ރީން. ނުރޮއެ ތެދުވެބަލަ. ރީން އެންމެ ބޭނުންވާ މީހާ މިއަދު ރީން ހޯދަން އައިސް އެބަހުރި. އޭނާއާ ބައްދަލުކުރަން ނުނިކުންނާނަންތަ؟" ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ ޒޫރިން ރޮނީކަން ރޭޝްމާއަށް އެނގުމުން އެނދުގެ މަގަތުގައި އިށީނދެ ޒޫރިންގެ ބޮލުގައި ފިރުމާލާފައި ވާހަކަދެއްކިއެވެ. ޒޫރިންއަށް ލިބުނު ކުއްލި ހައިރާންކަމާއެކު ބޯ ހިއްލާލަފައި ރޭޝްމާއަށް ބަލާލީ ކަރުނުން ފުރިފައިވާ ދެ ލޮލުންނެވެ.
"އެއީ ކާކު..." ދެބުމަ ކައިރިކޮށްލަމުން ޒޫރިން ސުވާލުކޮށްލިއެވެ.
"އޭނާ އައީ ރީންއާ ބައްދަލުކުރަން. މަންމައަކަށް ނޭނގެ އޭނާ މިހިސާބަށް އަންނަން ހުއްދަދިނުމަކީ ކުރެވުނު ރަނގަޅުކަމެއްކަން ނުވަތަ މަންމައަށް ހެދުނު ބޮޑު ގޯހެއްކަމެއް... އެ ނިންމުން ނިންމާނީ ދަރިފުޅު. އެއްގޮތަކަށް ވެސް މި ފުރުޞަތު ގެއްލުނީ މަންމައާ ހެދިއޭ ރީންއަށް ހީވާކަށް ބޭނުމެއްނޫން..."
"ކާކުގެ ވާހަކައެއްތަ މަންމަ ތި ދައްކަނީ" އެއްއަރިއަށް ޖެހިލާ ދެ ލޯ ފުހެލާފައި ޒޫރިން އަނެއްކާ ވެސް ސުވާލުކުރީ ރޭޝްމާ ދައްކާ ވާހަކައެއް އޭނާއަށް ނަގައިގަންނަން ފަސޭހަނުވެގެނެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ކޮންމެވެސް ހިސާބަކުން ޖަހާލި ވިންދުގެ އިހުސާސް މުޅި ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. ސިކުނޑީގެ ކަނަކުން "އީތަން"ގެ ނަން ޢިއުލާން ކުރަން ފަށައިފިއެވެ. އެއާއެކު ހިތުގެ ރިހުން ފުންވެގެން ހިނގައްޖެއެވެ. މަޑުމަޑުން އިސްޖަހާލުމާއެކު ދެ ލޯ މަރާލިއެވެ.
"ރީން. ހިނގާ... ރީންއާ ބައްދަލުކުރަން އައިސް އެ ހުރީ. އޭނާގެ މައްޗަށް ނިޔާ ކަނޑައަޅާނީ ރީންކަމުގައި އޭނާ ބުނީ. މިއަދު ހުރިހާ ފައިސަލާއެއް ކުރާނީ ދަރިފުޅު... އޭނާ ޖެހޭނީ ދަރިފުޅުގެ ކޮންމެ ނިންމުމެއް ޤަބޫލުކުރަން. އެހެންވީމަ ދެން ހިނގާ. މި ފުރުޞަތު ދެން ނުލިބިދާނެ" ޒޫރިންގެ ކޮނޑުގައި ހިފާ ނަގަން ރޭޝްމާ މަސައްކަތްކުރިއެވެ.
މިވަނީ ކިހިނެއްކަމެއް ޒޫރިންއަކަށް ނޭނގުނެވެ. ރޭޝްމާގެ އެހީގައި އޭނާ ތެދުވިއެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތް އިރު ވެސް އޭނާ ހޯދަން އީތަން އަތުވެދާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ލަސް ފިޔަވަޅުތަކެއް ރޭޝްމާއާއެކު ކޮޓަރީގެ ދޮރުމައްޗަށް ޒޫރިން ނުކުމެވުމާއެކު ފަސްވަރަކަށް ފިޔަވަޅުގެ ދުރުމިނުގައި ހުރި އީތަން ފެނިއްޖެއެވެ. އެހިނދު ކުރިއަށް ހަމަ އެންމެ ފިޔަވަޅެއް ވެސް ޒޫރިންއަކަށް ނޭޅުނެވެ. އީތަންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރޮއެރޮއެ ރަތްވެފައިވާ ޒޫރިންގެ ލޮލާ އީތަންގެ ކެހިވެރިކަން ފޮރުވައިދިން ލޮލާ އަމާޒުވެފައި ހުއްޓެވެ.
ވޭނުންފުރިގެންވި ހިމޭންކަމެއް ވެރިފައިވެއެވެ. ރޭޝްމީ ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައެވެ. އެއްފަހަރު ޒޫރިންއަށް އަނެއްފަހަރު އީތަންއަށް އޭނާގެ ނަޒަރު އަމާޒުވަމުން ދިޔައެވެ. ޒޫރިންގެ ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަތަކާއެކު މަޑުމަޑުން ރޮވެމުން ގޮސް އޭނާއަށް ރޮވިއްޖެއެވެ. އޭނާގެ ދޫ ހިމޭންވެފައިވިޔަސް ލޮލުގައިވާ ކަރުނަ އޭގެ ހިމޭންކަން ދޫކޮށް އީތަންއާ ޝަކުވާ ކުރަން ފެށީއެވެ. މަޑުމަޑުން ނުކުތް ރުއިމުގެ އަޑު ގަދަވެ ބާރަށް ޒޫރިންއަށް ރޮވެނީއެވެ. އޭރު ވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ އީތަންއަށެވެ. އީތަންގެ ދެ ލޯ ވެސް ކަރުނުން ފުރިއްޖެއެވެ. ދުވެފައި ގޮސް އެ ދެއަތުގެ ތެރެއަށް ޒޫރިން ލުމަށް އޭނާގެ ޟަމީރު ބުންޏެއްކަމަކު ކުށްވެރިއަކު ފަދައިން ޒޫރިންގެ ކުރިމަތީ ހުއްޓި ހުރީ ކަސްތޮޅު އެޅިފައިވާ ޤައިދީއެއް ފަދައިންނެވެ.
ޝަމްޢާން ގޮވައިގެން އެކުއްޖާއާ ސާމާސާ ކުރަން ރޭޝްމާގެ ކޮޓަރީގައި އިން ތަހުސީނު ސިއްސުވާލީ ޒޫރިންގެ ރުއިމުގެ އަޑުންނެވެ. އެނދުގައި އޮތް ޝަމްޢާނުގެ ވަށައިގެން ބާލީސް ޖެއްސުމަށްފަހު ނިކަން އަވަހަށް ކޮޓަރިން ތަހުސީނު ނުކުތީ ރޭޝްމާއަށް ގޮވަމުންނެވެ. ކޮޓަރިން ބޭރަށް ދެ ފިޔަވަޅު ވެސް ރަނގަޅަށް ނޭޅެނީސް ހިތުގައިޖެހިގެން ރޮމުން ދިޔަ ޒޫރިންއާއި އޭނާގެ ނަޒަރު ހުއްޓިފައި ހުރި އީތަން ތަހުސީނަށް ފެނުނެވެ. އޭނާގެ ހިތް ހަމްދަރުދީއިން ފުރުމުގެ ބަދަލުގައި އަލިފާނުގެ އާރެއް ކެކިއުތުރި ގަތެވެ. އޭނާގެ މޭގައި، ސިކުނޑީގައި، ހިތުގައި އަލިފާން އަނދަނީއެވެ. އެ އަލިފާނުގެ ހޫނުން ތެޅި ފޮޅެވެނީއެވެ. ތަހުސީނުގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެއެވެ. އޭނާގެ ރަނގަޅުކަން ނެތި ހިނގައްޖެއެވެ. މުޅި ޟަމީރު ފުނޑުފުނޑުކޮށްލާވަރުގެ ގަދަ ރުޅީގައި މީހާ ތުރުތުރު އަޅާލިއެވެ.
"މިގެއަށް ކަލޭ އައީ ކޮންހައިސިއްޔަތަކުން؟ އަހަރެން ނުބުނަންތަ އެދުވަހު ދެން ދުވަހަކު ވެސް ރީން ހޯދަން އީތަން އައިސްގެން ނުވާނެއޭ... ތި ދިން އަނިޔާއިން އަދިވެސް ހިތްނުފުރޭތަ؟ ކަލޭގެ ސަބަބުން އޭނާއަށް ވެފައި ހުރި ގޮތް އެބަ ފެނޭތަ؟ ހަމަމިހާރު މިގެއިން ނުކުމޭ... ނުކުމެގެން ރައްކާވޭ... ކަލޭގެ މޫނު ވެސް ބަލާކަށް މަށެއް ބޭނުމެއްނޫން..." އައިސްފައި ހުރި ރުޅީގައި ތަހުސީނު ހަޅޭލަވައިގަތެވެ. އެހެންނަމަވެސް ހުރި ފިޔަވަޅުން ގުޑިވެސް ނުލާ އީތަން ހުއްޓެވެ. އޭނާގެ ލޮލުން ވެސް ކަރުނަ އޮހެމުން ދިޔައެވެ. ޒޫރިންނަށް ބަލަން ހުރި އޭނާއަށް ތަހުސީނުގެ އެއްވެސް ވާހަކައެއް ނީވޭ ކަހަލައެވެ. އޭރު އީތަންއަށް ވެސް މަޑުމަޑުން ރޮވެނީއެވެ.
"ރީން... ރީން..." ރޮވިފައި އީތަން ބުނެލިއެވެ.
"ކޮން ރީންއެއްތަ... ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީއޭ..." ކުއްލިއަކަށް ކޮންޓްރޯލު ނެއްޓި ތަހުސީނު އައިގޮތަށް އައިސް އީތަންގެ ކަންފަތްމަތީ ޖެހިއެވެ. ޖެހިލެއް ބާރުކަމާއެކު އީތަން އަރިއަޅާލައިގެން ތަޅުންމައްޗަށް ވެއްޓުނެވެ. ދެން ވެސް ތަހުސީނު އަތްމަޅާލީ އީތަންގެ ގައިގާ ޖެހުމަށެވެ.
"ނޫން!" ނިކަން ބާރަށް ޒޫރިން ހަޅައިލަވައިގަތެވެ. އަދި ދުވެފައި އައިސް އީތަންގެ ހިމާޔަތުގައި އޭނާގެ ގައިގާ ޒޫރިން އޮޅުލައިގަތެވެ. އެވަގުތު އެމީހުންނާއި ތަހުސީނުގެ ދެމެދަށް އައިސްވަނީ ރޭޝްމާއެވެ.
"ތަހުސީނު..." ބިރުވެރިކަމުން ފުރިގެންވީ ގޮތަކަށް ރޭޝްމާ ގޮވާލިއެވެ. އަދި ތަހުސީނު ހުއްޓުވުމަށްޓަކައި އޭނާގެ މެދުހަށީގައި ދެއަތް ވަށާލުމާއެކު ރޭޝްމާ ބައްދައިގަތެވެ. ރޭޝްމާގެ އެ ޢަމަލުން ތަހުސީނު ހުއްޓުނެވެ. އޭރު ގޭތެރޭގައި ޒޫރިންއާއި އީތަންގެ ރުއިމުގެ އަޑު އެކުވެ ގުގުމަމުން ދިޔައެވެ.
ރޮމުންރޮމުން ބޯތިރިކުރަމުން ދިޔަ އީތަން ސަޖިދާގައިވާ މީހަކު ފަދައިން ވިއެވެ. އޭނާގެ ބުރަކަށީގައި ހިފަހައްޓާލައިގެން އިން ޒޫރިންއަށް ވެސް ރޮވެނީއެވެ. ގިސްލަ ގިސްލާފައި ދެ މީހުން ރޮމުން ދިޔައިރު ދެ ހިތުގައި އޮތް ލޯބި ސިއްރެއްނުވިއެވެ. ތަހުސީނުގެ އަތުން ކިތަންމެ ބޮޑު އަނިޔާއެއް ލިބުނު ނަމަވެސް މިއަދު އީތަން ނުދާނެއެވެ. ހަމައެގޮތަށް އީތަންއަށް އަނިޔާއެއް ލިބޭތަން ބެލުމަކީ ޒޫރިންގެ ހިތަށް ކެތްވާނޭ ކަމެއްނޫނެވެ. ދެ މީހުން ކަރުނަ އަޅަމުން ދިޔައީ އެކަކު އަނެކަކާ ދުރުގައި އެހާ ދުވަހު ހޭދަކުރަން ޖެހުމުން ކަހަލައެވެ. ރޮއެރޮއެފައި އީތަންގެ ބުރަކަށިން އަތްނަގާ ޒޫރިން އޭނާގެ ދެ ލޯ ފުހެލިއެވެ. އަދި އުނދަގުލުން ކޮޅަށް ތެދުވެ އީތަންގެ އަތުގެ މުލަށްދަނޑީގައި ދެއަތުން ހިފާ އުފުލާލަން އުޅުން ޒޫރިން ބޭނުންވާގޮތް އީތަންއަށް އެނގި އޭނާ ކޮޅަށް ތެދުވިއެވެ. ޒޫރިންއެކޭ އެއްފަދައިން އީތަން ވެސް އޭނާދެ ދެ ލޮލާއި ކޯތާފަތް ފުހެލައި ޒޫރިންއަށް ބަލާލިއެވެ. އެހިނދު އޭނާގެ އަތްތިލާގައި ހިފާލަމުން ޒޫރިން ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. އެތަން ފެނި ތަހުސީނު ދެބުމަގޮށްޖަހާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
"ތަހުސީނު..." ފެންކަޅިވެފައި ހުރި ރޭޝްމާ ގޮވާލުމުން ތަހުސީނު އޭނާއަށް ބަލާލިއެވެ. އެއާއެކު ރޭޝްމާ ދެފަރާތަށް ބޯހޫރާލީ ތަހުސީނު ކުރަން އުޅޭ ކަމެއް ހުއްޓާލާށޭ ބުނާ ފަދައިންނެވެ. އެ ދެމީހުން ބަލަބަލާ ހުއްޓާ ޒޫރިންގެ އަތުގައި ހިފައިގެން އީތަން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕ ހިސާބުން ގެއްލިއްޖެއެވެ.
"ތަހުސީނު... އީތަންއަށް ފުރުޞަތެއް ނުދިނަސް ރީންއަށް ފުރުޞަތެއްދީ. އެއީ ދަރިފުޅުގެ ބައްޕަ... ރީންގެ ހިތުގައިވާ އެއްޗެއް ތަހުސީނަށް ވެސް މިހާރު ނޭނގިއެއްނޯންނާނެ. އޭނާ އެ ރޯ ރުއިން... އެއީ ހަމައަށް އީތަންއަށްޓަކައި... މިއަދު ނިންމުން ނިންމާނީ ރީން. އަހަރުމެންނެއްނޫން... ރީންގެ ނިންމުން ތަހުސީނު ވެސް ޖެހޭނީ ޤަބޫލުކުރަން... ތަހުސީނަކީ އަނިޔާވެރިއެއްނޫން..." ރޭޝްމާ މިހެން ބުނުމުން އޭނާގެ އަތުގައި ހިފާލުމާއެކު ތަހުސީނު ބޯޖަހާލިއެވެ. އައިސްފައި ހުރި ގަދަ ރުޅި ފިނިވެގެން ދިޔަހެން އޭނާ ރޭޝްމާގެ ކުރިމަތީ އިސްޖަހާލިއެވެ.
ކޮޓަރިތެރޭގައި އެކަކު އަނެކަކަށް ކުރިމަތިލައިގެން ޒޫރިން އާއި އީތަން ތިއްބެވެ. ކުރިން އެއްޗެއް ބުނަން އެކަކު އަނެކަކަށް ފުރުޞަތުދީގެން ތިބިކަހަލައެވެ. ކެތްތެރިކަން ކޮޅުންލީ ޒޫރިންގެއެވެ.
"އަހަރެން ލަދުގަންނަވަންތަ އެ މަންޒަރު ބަލަން އެތަނަށް ދިޔައީ... ނޫނީ އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަން ބޭނުންވަނީތަ؟ އަހަރެން... ކެތްކޮށްކޮށް މަރުވެދާނެ... އެހެންވިޔަސް އީތަންގެ ދިރިއުޅުމަށް އަހަރެންގެ ހިޔަނި ވެސް އެޅުނަ ނުދޭނަން... އެއްވެސް ކަމަކާ އީތަން ކަންބޮޑުވާކަށް ނުޖެހޭނެ..." ޒޫރިންގެ ވާހަކަ މެދު ކެނޑުނީ އޭނާގެ ކޮނޑުގައި އީތަންގެ އަތްތިލަ ބާއްވާލުމުންނެވެ.
"ލޯބިވެޔޭ ބުނިއްޔާ ރީން ޤަބޫލުކުރާނަންތަ؟ އަހަންނަށް ކުރެވުނީ ކިހާ ބޮޑު ކުށެއްކަން އިހުސާސްވީ މިއަދު. ކުރިން ވެސް އަންނަން ބޭނުންވި... އެކަމަކު އަހަރެންގެ ހިތުގައިވާ ޖަޒުބާތުތަކުގެ މައްޗަށް ބިރުވެރިކަން ކުރި ހޯދީ... އަހަރެންގެ ފިނޑިކަންއެއީ... ރީންއާ ފުރަތަމަ ބައްދަލުވި ދުވަހު ވެސް އަހަރެންގެ ހިތުގައި ތަފާތު ވިންދެއްޖެހިކަން އެނގޭ. އޭރު ޤަބޫލުކުރަން ބޭނުންނުވީ..."
"މި ހަށިގަނޑުތަ އީތަން ބޭނުންވަނީ... އުފާ ހޯދުމަކީ އީތަންގެ ނަޒަރުގައި ލޯބިތަ؟ އެހެންވެއްޖެއްޔާ އަން! އީތަން ބޭނުން ވަރަކަށް އުފާ ހޯދާ..." ޒޫރިން ކުއްލިއަކަށް އޭނާ ލައިގެން ހުރި ޓީޝާޓު ބޭލުމަށް މައްޗަށް ހިއްލާލިއެވެ. އެހިނދު އެކަން އީތަން މަނާކުރިއެވެ. ޒޫރިންގެ ދެއަތުގައި ހިފެހެއްޓުމާއެކު ގެނެސް އޭނާގެ މޭގައި ޒޫރިން ފޮރުވާލިއެވެ. ދެ ފަހަރަކު އީތަން ކޮށްޕާލާފައި ދުރަށްދާން އުޅެފައި ވެސް އެ ދެއަތުގެ ތެރެއިން ސަލާމަތް ނުވެވޭނޭކަން އެނގުމުން ޒޫރިން ވެސް ހިމޭންވިއެވެ. އެހެން ހުއްޓާ ޒޫރިންގެ ކަނދުރާއާ ދިމާއިން ފިނިކަން އިހުސާސްވެގެން ދިޔައެވެ. ބޯހިއްލާލާ އީތަންގެ މޫނަށް ބަލާލިއިރު އޭނާ ރޮނީއެވެ. އެ ކަރުނައިގެ ސާފުކަމާއެކު އީތަންގެ ކެހިވެރިކަމުގެ ލައްގަނޑު ދޮވެވެމުންދިޔައެވެ. (ނުނިމޭ)