ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދަދީފިއެވެ.
ނާޒިމް ސިންގަޕޫރަށް ވަޑައިގަތުމަށް މިވަގުތު ހުންނެވީ އިބްރާހިމް ނާސިރު އިންޓަރނޭޝަަނަލް އެއަރޕޯޓްގައެވެ.
ނާޒިމް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 11:30 ގައި އޮންނަ ފްލައިޓަކުންނެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ހަސަން އަލީ ވިދާޅުވީ ނާޒިމް މިރޭ ސިންގަޕޫރަށް ފުރާ ވަޑައިގެންވުމުގެ ހުއްދަދީފައިވާ ކަމަށާއި ދިނީ 21 ދުވަހުގެ މުއްދަތެއް ކަމަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އިތުރަށް ވިދާޅުވީ ނާޒިމްގެ އާލާސްކަންފުޅާއި ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތަ ކަމަށެވެ.
މީގެ ކުރިން ނާޒިމް ވަނީ ލޮލުގެ ފަރުވާއަށް ސިންގަޕޫރުގައި 44 ދުވަސް ހޭދަކުރައްވާފައެވެ.
ނާޒިމް ބޭރަށް ފުރުމާއި ބެހޭ ލިޔެކިޔުންތަކުގައި ސޮއިކުރެެއްވީ ނާޒިމްގެ އަނބިކަނބަލުންކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.
ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެހުކުމަށް ތާއީދުކޮށްފައެވެ.
ނާޒިމްގެ އާއިލާއިން ބުނީ އެ މައްސަލަ ސްޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކުރާނެ ކޯޓްތަކުގެ ހުކުމްތަކުގައި އިންސާފެއް ނެތްކަމަށެވެ.