މާލޭގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފިއެވެ.
މިރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގާދިޔަ މާރާމާރީއާއި ގުޅިގެން ފުލުހުން ދަނީ މާލެތެރޭގައި ހަރަކާތްތެރިވަމުންނެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ދެ ގުރޫޕެއްގެ ދެމެދުގައި މިރޭ ހިނގާދިޔަ މާރާމާރީއެއްގެ މައްސަލަ ބަލަމުން ގެންދާކަމަށެވެ. އަދި މިވަގުތު މުޅި މާލެތެރޭގައި ގިނަ އަދަދެއްގެ ފުލުުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް ތޭރަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރަށް މިރޭ ހިނގާދިޔަ މާރާމާރީއާއި ގުޅިގެން ދެ ހޮސްޕިޓަލުން ބަޔަކު ފަރުވާ ހޯދާފައިވާކަމަށާ އެމީހުންނާއި ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުން ހޮސްޕިޓަލްތަކަށް ގޮސް މަސައްކަތްކުރި ނަމަވެސް އެމީހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ކުރިއަށްދާއިރު، ފުލުހުން ބައެއް ގޭގެއަށް ވަދެ ފާސްކުރަމުން ގެންދާކަމަށްވެސް ވަނީ ބުނެފައެވެ.
މިރޭ ފުލުހުން މަސްއޮޑިގެއަށް ވަނުމާއި ގުޅިގެން ބައެއް ހަމަނުޖެހުން ހިނގާދިޔަކަމަށާ ފުލުހުންގެ ފަރާތުން ބައެއް މީހުންނަށް އަނިޔާލިބިފައިވާކަަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ މިކަން ދޮގުކޮށްފައެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާލިބިފައިނުވާނެކަމަށާ ފުލުހުން ބަޔަކަށް އަނިޔާނުކުރާކަމަށެވެ.