ހަނގުރާމައިގެ ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ނާޒިމް ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިރޭ 11:30 ގައި އޮތް ފްލައިޓަކުންނެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ހަސަން އަލީ ވިދާޅުވީ ނާޒިމް ސިންގަޕޫރަށް ފުރާ ވަޑައިގެންވުމުގެ ހުއްދަދީފައިވާ ކަމަށާއި ދިނީ 21 ދުވަހުގެ މުއްދަތެއް ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އިތުރަށް ވިދާޅުވީ ނާޒިމްގެ އާލާސްކަންފުޅާއި ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

މީގެ ކުރިން ނާޒިމް ވަނީ ލޮލުގެ ފަރުވާއަކަށް ސިންގަޕޫރުގައި 44 ދުވަސް ހޭދަކުރައްވާފައެވެ.

ނާޒިމް ބޭރަށް ފުރުމާއި ބެހޭ ލިޔެކިޔުންތަކުގައި ސޮއިކުރެެއްވީ ނާޒިމްގެ އަނބިކަނބަލުންކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެހުކުމަށް ތާއީދުކޮށްފައެވެ.

ނާޒިމްގެ އާއިލާއިން ބުނީ އެ މައްސަލަ ސްޕްރީމް ކޯޓުގައިވެސް އިސްތިއުނާފު ކުރާނެ ކަމަށެވެ.