އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ނުވަތަ ޝާހު އަކީ މިހާރު ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިއެކެވެ. ގައުމީ ފެންވަރުގައި އަދި އިންޑިވިޖުއަލް ގޮތުން ޝާހު ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ފާއިތުވި ހަތަރު އަހަރު ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޝާހުގެ ކެރިއަރަށް އައު ކާމިޔާބެއް މިހާރު ވަނީ އިތުރުވެވެފަ އެވެ. ކުޅިވަރު އެތުލީޓެއްގެ ގޮތުގައި ޝާހު ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ރެޑްބުލް އިން ވަނީ މި އަހަރު ރެޑްބުލްގެ އެތުލީޓެއްގެ ގޮތުގައި ޝާހު އާ އެކު ޕާޓްނަަރ ވެފަ އެވެ. މިއީ ދިވެހި އެތުލީޓެއް ރެޑްބުލް ޕާޓްނަޝިޕް ކޮންޓުރެކްޓެއް ދިން ދެވަނަ ފަހަރެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިއީ މުޅި އޭޝިއާގައި ވެސް ވޮލީބޯޅަ ކުޅުންތެރިއެއް ރެޑްބުލްގެ އެތުލީޓަކަށް ހެދި ފުރަތަމަ ފަހަރަށްވުމެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް،" ޝާހު ،25، ބުންޏެވެ. "މި ކަހަލަ ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް."

ރެޑްބުލްެގެ އެތުލީޓަކަށްވުމުގެ ފުރުސަތު ލިބުނީ ކިހިނެއް؟

ރެޑްބުލްގެ އެތުލީޓަކަށްވުމުގެ ފުރުސަތު ލިބުމާއެކު ޝާހު އެ ފުރުސަތު ގަބޫލްކުރީ އިތުރު ވިސްނުމެއް ވެސް ނެތި އެވެ. ޝާހު ފާހަގަކުރާ ގޮތުގައި ޕާޓްނަޝިޕް ކޮންޓުރެކްޓް ލިބުމުގެ ކުރިން ވެސް ރެޑްބުލް އިން ދިޔައީ އޭނާ އަށް އެހީތެރިކަން ދެމުންނެވެ. މޮޅު އެތުލީޓަކަށް ޝާހު ހެދުމަށް ރެޑްބުލް އިން ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދިން ކަމަށް ޝާހު ބުންޏެވެ.

"ފާއިތުވި ދެ އަހަރުގައި ރެޑްބުލް އިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން. ރަނގަޅު އެތުލީޓަކަށް ހެދުމަށް ރެޑްބުލް އިން އެހީތެރިވެދިން. ފާއިތުވި ދެ އަހަރު ވެސް ރެޑްބުލް އިން ދިޔައީ އަޅުގަނޑުގެ ކެރިއަރު ވަރަށް ރަނގަޅަށް ބަލަމުން،" ޝާހު ބުންޏެވެ. "ރެޑްބުލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން."

ރެޑްބުލްއާއެކު ހާސިލްކުރަން ބޭނުންވަނީ ؟

ރެޑްބުލްގެ އެތުލީޓަކަށް ޝާހު ހަމަޖެއްސުމަކީ ހަމައެކަނި އޭނާ އަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ނުދެކެ އެވެ. ޝާހު ގަބޫލްކުރާ ގޮތުގައި މިއީ ރާއްޖޭގެ ވޮލީބޯޅަ އާއިލާ އަށް ލިބުނު ރީތި ނަމެކެވެ.

ޝާހު ބުނީ މި ފުރުސަތު ބޭނުން ހިފައި، ވޮލީބޯޅަ އަށް އިތުުރު ކުރިއެރުންތަކެއް ހޯދަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.

"މި ޕާޓްނަޝިޕްގެ ދަށުން އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ރޭވިފައި. އަޅުގަނޑު ބޭނުންވަނީ މި ފުރުސަތުގެ ބޭނުންކޮށްގެން، ވޮލީ އަށް އިތުުރު ކުރިއެރުންތަކެއް ހޯދައިދޭން. އެއީ ހާސިލްކުރަން ބޭނުންވާ ކަމަކީ،" ޝާހު ބުންޏެވެ.

ޝާހު ބުނީ މި ޕާޓްނަޝިޕާއެކު މި އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަށް "އިތުރު ހިތްވަރެއް" ލިބިއްޖެ ކަމަށެވެ. އަދި މި ސީޒަންގައި ކުރިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"އަސްލު ވަރަށް ބޮޑު މޯޓިވޭޝަނެއް މިއީ. ރެޑްބުލް އިން ވެސް އަޅުގަނޑުގެ ޕަފޯމަންސް ބަލާނެ. އެހެންކަމުން މި އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ލިބުނު މޯޓިވޭޝަނެއް މިއީ،" ޝާހު ބުންޏެވެ.

ޝާހު ވޮލީގެ ތެރެއަށް ވަނީ ވަރަށް ޒުވާން އުމުރެއްގަ އެވެ. ޝާހަށް ވޮލީގެ ހުނަރުތައް ކުރިއަށް ޖައްސާލުމުގެ ފުރުސަތު ލިބުނީ ރާއްޖޭގެ ޖޫނިއާ ވޮލީ ޕޫލުންނެވެ. އޭރު ވެސް ޝާހު އަށް އިރުޝާދުދިން ކޯޗުންނަށް ވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެވުނެވެ. ފުރަތަމަ ޑިވިޝަންގައި ޝާހަށް ފުރަތަމަ ތަޖުރިބާ ލިބުނީ 2008 ވަނަ އަހަރު ބަނޑޮސް ޓީމުންނެެވެ.

ޝާހު ނިސްބަތްވަނީ ވޮލީގެ އާއިލާއަކަށެވެ. ޝާހުގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ސާޖިދު (ކާއްޓޭ) އަކީ ކުރިން ރާއްޖޭގައި ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ ކާއްޓޭ މިހާރު ވޮލީގައި ހަރަކާތްތެރިވަނީ ކޯޗެއްގެ ގޮތުގަ އެވެ. ޝާހު ވޮލީގައި ކުރިއަށް ދިއުމަށް އަބަދު ވެސް ކާއްޓޭގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށް ޝާހު ފާހަގަކުރެ އެވެ.

ޝާހު ވަނީ ކުރިން ބާސްކެޓްގައި ވެސް ފާހަގަކުރެވިފަ އެވެ. ބާސްކެޓްގައި ކުރިއަށް ދިއުމުގެ ފުރުސަތު ވެސް ޝާހު އަށް އޮތެވެ. އެކަމަކު ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށް ފަހު، ޝާހު ނިންމީ ވޮލީ އަށް ހުސްވުމަށެވެ. އޭގެ ނަތީޖާ ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާއެކު ވެސް ޝާހު ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނޭޕާލްގައި 2013 ވަނަ އަހަރު އޮތް އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގައި ވާދަކޮށް، ވޮލީގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ މެޑައްޔެއް ގައުމީ ޓީމުން ހޯދިއިރު، އެ މުބާރާތުގައި ޝާހު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބަންގްލަަދޭޝްގައި މިދިޔަ އަހަރު އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖެ ބަލިވިޔަސް، ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޝާހު ހޯދުމުންނެވެ. ދެހާސް ސާދަ ވަނަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ހޯދީ ވެސް ޝާހު އެވެ.

މީގެ އިތުުރުން ފާއިތުވެ ދިޔަ ހަތް އަހަރު، އަޝްފާގް އާދަމް (އައްކަޅޭ) އާ އެކު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޝާހު އެވެ.

ޝާހު އަކީ ފާއިތުވި ހަތަރު އަހަރު ވެސް ހަވީރުން ހޮވާ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާ އެވެ. މިއީ ހަވީރުގެ އެވޯޑްގެ ތާރީހުގައި އާ ރެކޯޑެކެވެ.