ރޭގެ ވަގުތެއްގައި އެސްއޯ ފުލުހުންގެ ބަޔަކު ނުކުމެ މާލޭގެ ދެ ގްރޫޕަކަށް ނިސްބަތްވާ ބަޔަކަށް ހަމަލާދީ، ގޯތިގެދޮރަށްވަދެ މުދަލަށް ގެއްލުންދީ ހިންގާފައިވާ ކަމަށް ބުނާ ބޮޑު ޖަރީމާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއޯ ފުލުހުންންގެ ބަޔަކު ރައްޔިތުންގެ ނަފްސާއި މުދަލަށް ލާއިންސާނީ ގެއްލުންދިން ކަންމުގެ ހެކިތަށް ވަނީ މަންޒަރުތަކާއި ހެކިތަކާއިއެކު ހާމަވެފައިވާ ކަމަށާއި އަދި މި ހާދިސާގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންނަށް އެހީތެރިވުމަށް ކަމަށް ބުނެ ސިފައިން މަގުމައްޗަށް ނެރެފައިވާކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރޭގައި ވަރަށް ސީރިއަސް ހާދިސާއެއް މާލޭގައި ހިނގާފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް މިކަމުގެ ފުރިހަމަ މައުލޫމާތުތަށް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ހިއްސާކުރަމުން ނުދާތީ ކަންބޮޑުވާ ކަމަށެވެ.

ފުލުހުން ބުނީ ރޭ ފުލުހުން މަސްއޮޑިގެއަށާއި މ. ޖޭޑަށް ވަދެފައިވަނީ މާލެ ތެރޭގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ކަމަށާއި ފުލުހުން އެގެތަކަށް ވަނީ ބަޔަކު ހައްޔަރު ކުރަން ނޫން ކަމަށެވެ. އެހެންނަމަވެސް ހިނގާދިޔަ ބައެއް ކަންތައްތަކާ ގުޅިގެން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން އެކަކުވެސް އަދި ދޫކޮށްލާފައި ނުވާ ކަމަށެވެ.

ރޭ ފުލުހުން މަސްއޮޑިގެއަށް ވަނުމާއި ގުޅިގެން ބައެއް ހަމަނުޖެހުން ހިނގާދިޔަ ކަމަށާ ފުލުހުންގެ ފަރާތުން ބައެއް މީހުންނަށް އަނިޔާލިބިފައިވާ ކަަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ މިކަން ދޮގުކޮށްފަ އެވެ.

ފުލުހުން ހިންގި ކަމަށް ބުނާ ބޮޑު ޖަރީމާ ތަހުގީގުކުރަން އަދާލަތު ޕާޓީން ވެސް ވަނީ ގޮވާލާފަ އެވެ.