ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިނުގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ "ރައީސް ޔާމިން 2018" މަހާސިންތާގެ ތިންވަނަ މަހާސިންތާ ނިންމުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާފައިވާތީ އެއީ ކުރަންޖެހޭ ކަމެއްތޯ ވިދާޅުވެ އެމައްސަލައާއި ދޭތެރޭ ރައީސް ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި މިމައްސަލައިގެ ދިފާއުގައި ޕީޕީއެމްއާއި އެމްޑީއޭގެ މެންބަރުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ ހިޔާލު ތަފާތުވުންތަކެއް ހުރި ނަމަ ކަންކަން ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށެވެ. އެކަމަށް ސަރުކާރުން ފުރުސަތު ދީފައިވާ ކަމަށާއި އެހެންކަމުން މައްސަލަތަކެއް ހުރި ނަމަ މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރަން މަޝްވަރާގައި ބައިވެރިވުމަށް ރައީސް މިރޭވެސް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފަ އެވެެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާ މިސަރުކާރުގެ އިޚްލާސްތެރިކަމާ ދޭތެރޭ ޝައްކު އުފައްދާއިރު އިދިކޮޅު ފަރާތްތަކުގެ އިޚްލާސްތެރިކަން ދެއްކުމަށް ގޮވާލާ ކަމަށެވެ. ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުގެ ކަންކަން ހުރި ގޮތުން އެފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތް ކަން އަމަލީގޮތުން ފެނިގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން އިންސާނުން ފަދައިން އެމަނިކުފާނުގެ ކަންކަން އިތުރަށް ފުރިހަމަކުރުމަށާއި ސަރުކާރުގެ ކަންކަން ރަނގަޅު ކުރަންވެސް އެހެން މީހުންގެ އެހީތެރިކަމާއި އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މަޝްވަރާއަށް ސަރުކާރުން ގޮވާލީ ވެސް މިފަދަ މަގުސަދުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން މީހުންނާއި އެމީހުންގެ އާއިލާތަކަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަދައިން އެމަނިކުފާނަށް ވެސް ގާނޫނީ ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ކޮށްދިނުމަށް ކަމަށާއި އަދި ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ. އަދި އެކަންކަން އެމަނިކުފާނުގެ ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިނގާދިޔަ އެތައް ކަމަކަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ދިވެހި ރައްޔިތުން އެތައް ކަމެއްގައި ސުވާލު އުފައްދަން ޖެހުނު ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އަސާސީއާއި ގާނޫނުގެ ބޭރުން އެތައް ކަމެއް ހިންގަމުން ގޮސް ބައެއް ކަންކަން ހައްދު ފަަހަނައަޅައި ދިޔަ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، އެހެން ދީންތަކުގެ މީހުންނަށް ފުރުސަތު ދިނުމަށް ރައީސް އޮފީހުން އެކި ތަންތަނަށް ސިޓީ ފޮނުވި މައްސަލަ ރައީސް ފާހަގަކުރެއްވި އެވެ.