ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްވެސް އަމާންކަމާއެކު މަސައްކަތްކުރެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް އެމަނިކުފާނު އިދިކޮޅުފަރާތްތަކުގެ ކިބައިން އެދިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިލެއްވީ "ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ތިންވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމަކަށް ހިދުމަތް ކޮށްދޭނެ ރައީސެއް ހޮވާ އިރު، ގާނޫނުގެ ހައްގުގައި ރައްޔިތުން ގޮވައިގެން ކުރިއަށްދާން އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ ބަލާފަ ވޯޓުދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މަސްއޫލިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެެ. އަދި، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންގެ ތެރޭގައި ސުލްހަވެރިކަމާ އަމާންކަން ގާއިމުކުރުން ކަމުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން އަމާންކަމާއެކު މަސައްކަތްކުރެވޭނެ ފަދަ މާހައުލެއް އެމަނިކްފާނަށްވެސް ގާއިމްކޮށްދެއްވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ދިވެހިރާއްޖޭގެ ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ވާސިލުވެވޭތޯ ކުރާ މަސައްކަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާކަމަށާ އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ ހިދުމަތްތަކެއް ދެވިފައިވަނީ މައިގަނޑު ދެދާއިރާ ކަމުގައިވާ ސިއްހީ ދާއިރާ އަށާއި ތައުލީމީ ދާއިރާއަށް ކަމަށެވެ.

އެގޮތުން ސިއްހީ ދާއިރާއިން ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ ތެރޭގައި ސުޕަ ސްޕެޝަލިސްޓުން ރާއްޖެއަށް ގެނެސް 6000 ބަލިމީހުންގެ މެޑިކަލް ޓެސްޓުތައް ވަނީ ހެދިފައިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ސީ އެމްބިއުލަންސްގެ ހިދުމަތް ފެށިފައިވާކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތައުލީމީ ދާއިރާއަށް ގެނެވިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 423 ކުލާސްރޫމާއި 19 ހޯލާއި 21 ކޮމްޕިއުޓަރު ލެބޯރަޓަރީއާއި 12 ސައިންސް ލެބޯރަޓަރީ ވަނީ އެޅިފައެވެ. އަދި މީގެ އިތުރުން، ސްކޫލްތަކުގަ މަސައްކަތްކުރާ ޓީޗަރުނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ކިޔަވާފަތިބި ބަޔަކަށް ހެދުމަށް ހާއްސަ ކޯސް ތަކެއް ހިންގިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.