ދިވެހިންގެ ތެރެއަށް ހަމަޖެހުން އަންނާނީ މީހުންގެ ފުރާނަ ހަށިގަނޑާއި ވަކިކުރާ މީހުންގެ މައްޗަށް، މަރުގެ ހުކުމް ތަންފީޒުކުރެވިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިންގެ ކެމްޕޭނަށް މަންދޫބުން ތަމްރީން ކުރުމަށް ބޭއްވި ތިންވަނަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުން ގޮވައިގެން އަމާން ބަނދަރަކަށް ވާސިލުވެވޭތޯ ކުރާ މަސައްކަތް ކަމަށެވެ.

"ސަރުކާރުން އެންމެ ބޮޑު މަސައްކަތެއް މިކުރަނީ ގައުމަށް ހަމަޖެހުން ގެނައުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހަމަޖެހުން އަންނާނީ ހަމައެކަނި ގާނޫނުގެ ފޮޅުވަތްތައް ފުރިހަމަވެގެން ނޫން ކަމަށާއި، އެކަން ކުރެވޭނީ ހައްގުތަކަށް އަރައިގަނެ މީހުންގެ ފުރާނަ ހަށިގަނޑާއި ވަކިކުރާ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުވެގެން ކަމަށެވެ. ރައީސް ވިދާޅުވީ ބޭރުގެ ބައެއް ގައުމުތަކުން މިއަދު ކަންބޮޑުވަނީ އެހެން ބުނާތީ ކަމަށާއި، ނަމަވެސް ބަޔަކު ކަންބޮޑުވީނަމަވެސް ކުރާނެކަމެއް ނެތް ކަމަށާއި އެއީ ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެހެން މީހުންނާއި އެމީހުންގެ އާއިލާތަކަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ ފަދައިން އެމަނިކުފާނަށް ވެސް ގާނޫނީ ރައްކާތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ކޮށްދިނުމަށް ކަމަށާއި އަދި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ. އެކަންކަން އެމަނިކުފާނުގެ ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރަށްވެސް އެމަނިކުފާނު ވަނީ އަމާންކަމާއެކު މަސައްކަތްކުރެވޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށްވެސް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ ގައުމަކަށް ހިދުމަތް ކޮށްދޭނެ ރައީސެއް ހޮވާއިރު ގާނޫނުގެ ހައްގުގައި ރައްޔިތުން ގޮވައިގެން ކުރިއަށްދާން އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ ބަލާފަ ވޯޓް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.