ކުރީގެ އެސްޓީއޯ އިމާރާތުގައި ހިންގަމުން ދިޔަ ސިވިލް ކޯޓުގެ ޑިވިޝަންތައް ޖަސްޓިސް ބިލްޑިންގަށް ބަދަލުކުރުމަށް ނިންމާ އެމަސައްކަތް ކުރަމުންދާތީ ސިވިލް ކޯޓުގެ ބައެއް މައްސަލަތައް ކުރިއަށް ގެންދިއުން މަޑު ޖައްސާލައިފި އެވެ.

ޖަސްޓިސް ބިލްޑިންގަށް ބަދަލުކުރަނީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނާއި ހުކުމް ތަންފީޒު ކުރުމާ ބެހޭ ޑިވިޝަނެވެ. ދެ ދުވަހަށް މަޑު ޖައްސާލަފައިވަނީ ވެސް މި ދެ ޑިވިޝަނުގެ މައްސަލަތަކެވެ.

މި ދެ ޑިވިޝަނަކީ ކުރިން ވެސް ޖަސްޓިސް ބިލްޑިންގައި ހިންގަމުން ދިޔަ ދެ ޑިވިޝަނެވެ. ނަމަވެސް ކުރީގެ އެސްޓީއޯ އިމާރާތަށް ސިވިލް ކޯޓުގެ ދެ ޑިވިޝަން ބަދަލުކުރީ ޖަސްޓިސް ބިލްޑިންގުގައި ޖާގަ ނެތުމާއި ގުޅިގެންނެވެ.

ސިވިލް ކޯޓުގެ މި ދެ ޑިވިޝަން ބަދަލުކުރަނީ ކުރިމިނަލް ކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ޖަސްޓިސް ބިލްޑިންގްގެ ދެވަނަ ފްލޯ އަށެވެ. އަދި މިބަދަލާއި އެކު ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ކުރީގެ އެސްޓީއޯ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ހިނގަމުންނެވެ. މިމަސައްކަތް ކުރިއަށްދާތީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ވެސް ވަނީ ތިން ދުވަހަށް މެދުކަނޑާލާފަ އެވެ.