(17 މާރޗް 2016 އާ ގުޅޭ)
ދެ ފަހަރަކު އީތަން ކޮށްޕާލާފައި ދުރަށްދާން އުޅެފައި ވެސް އެ ދެއަތުގެ ތެރެއިން ސަލާމަތް ނުވެވޭނޭކަން އެނގުމުން ޒޫރިން ވެސް ހިމޭންވިއެވެ. އެހެން ހުއްޓާ ޒޫރިންގެ ކަނދުރާއާ ދިމާއިން ފިނިކަން އިހުސާސްވެގެން ދިޔައެވެ. ބޯހިއްލާލާ އީތަންގެ މޫނަށް ބަލާލިއިރު އޭނާ ރޮނީއެވެ. އެ ކަރުނައިގެ ސާފުކަމާއެކު އީތަންގެ ކެހިވެރިކަމުގެ ލައްގަނޑު ދޮވެވެމުންދިޔައެވެ.
"ރީން...." ކުރެހިފައިވާ އަޑުން އީތަން ބުނެލިއެވެ. އޭނާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެ އެހެންނަމަވެސް ނުބުނެވިގެން އުޅޭ ކަހަލައެވެ.
"މިހާރު ކީއްކުރަން އީތަން ތިއައީ؟" އީތަންގެ މޭގައި މޫނުޖައްސާލައިގެން ހުރެ ޒޫރިން ސުވާލުކުރިއެވެ. އޭނާގެ ދެ ލޯ ވެސް ވަނީ ކަރުނުން ތެމިފައެވެ.
"ރީން... ދަރިފުޅު...."
"އެ ދަރިފުޅަކީ އީތަންގެ ދަރިއެއްނޫން..." ރީން އިސްއުފުލާ އީތަންއަށް ބަލާލިއެވެ. އެއާއެކު އީތަން ދެ ފަރާތަށް މަޑުމަޑުން ބޯހޫރާލީ އެހެންނުބުނާށޭ ބުނަންކަން ގައިމެވެ.
"ރީން... އަހަންނަށް އެނގޭ..."
"ނޫން އީތަން... އެއްވެސް ކަމެއް އީތަންއަކަށް ނޭނގޭ. އަހަރެންގެ ބަދުނަސީބުކަން އެއީ އީތަންދެކެ އަހަންނަށް ލޯބިވެވުން. ހަޤީޤަތުގައި ވެސް އަހަރެން މޮޔައީ... ހީކުރެވުނީ އަހަރެން ދެކެ އީތަން ވެސް ލޯބިވާނެއޭ... އެކަމަކު އީތަން އޮޅުވާލީ... އީތަންގެ ހަޔާތުގެ ބައިވެރިއަކަށްވުމަށް އަހަރެން އެކަށީގެންނެއްނުވި... އެއްފަހަރު ވެސް ބުނެލިނަމަ ކައިވެނި ކުރާކަށް ބޭނުމެއްނޫނޭ. ހަމައެކަނި ބޭނުންވަނީ ރީންގެ ގާތުން އުފާކޮށްލާށޭ... އޭރުން ވެސް... އޭރުން ވެސް އަހަރެން އީތަންގެ އެދުން ފުއްދައިދިނީމުސް... އެކަމަކު އޭރުން އަހަންނަށް ހަޤީޤީގަތް އޮޅިފައެއްނޯންނާނެ. އަހަރެންގެ މަންމަ އީތަންގެ ގާތު އާދޭސްކުރާކަށް ވެސް ނުޖެހޭނެ... ތީ ދޮގުވެރިއެއް... އެރޭ ކައިވެންޏަށް ތައްޔާރުވެގެން އަހަރެން އީތަންއަށް އިންތިޒާރުކުރިން. އެހެންނުހެދުމަށް އެދި އާދެސްކުރިން. އަހަރެން ގަތް ލަދަށްވުރެ އަހަރެންގެ މަންމަ ކުރިމަތިލާންޖެހުނު ލަދު މާބޮޑު... މާ އަސަރުގަދަ... އަހަރެން މަރުވިނަމަވެސް މާ ރަނގަޅުވީހޭ އެ ދުވަހު ހިތަށް އެރި..." ޒޫރިންގެ ވާހަކަ މެދުކެނޑުނެވެ. އޭރު އީތަން އޭނާއާ ދުރަށް ޖެހިލުމަށްފަހު ޒޫރިންގެ ދެފައިބުޑަށް ތިރިވެ އޭނާގެ ފައިގާ ހިފަހައްޓާލިއެވެ.
"އައި ލަވް ޔޫ... އައި ލަވް ޔޫ ރީން... ޕްލީޒް... މާފު ހައްޤުނުވިޔަސް މާފަށް އެދެން... އަހަރެން އެއްފަހަރު ވެސް ރީންއާ މެދު ތި ހީކުރާހާ ދަށުދަރަޖައިން ނުދެކެން... އަހަންނަށް ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުން ލިބުނު... ރީން ފޮނުވާ މެސެޖުތަކުން އަހަރެން ކިތަންމެ މޫޑު ގޯސްވެފައި ހުއްޓަސް ވަގުތުން ހިނިތުންވެލަން އަހަރެންގެ ޟަމީރަށް މަޖުބޫރުކުރުވާ... ރީންއާ އެއްވެސް އަންހެންކުއްޖަކާ އަޅާ ނުކިޔޭނެ. އެއަށްވުރެ ރީންއަކީ ތަފާތު ކުއްޖެއް... ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯތްބަކީ ކޮބައިގެން އަންގައިދިނީ ރީން... އަހަރެން ރީންދެކެ ވަރަށް ލޯބިވޭ. ރީންއާ ވަކިވިފަހުން މިހިތަށް ހަމަޖެހުމެއްނުލިބޭ. ކުށުގެ ކަނޑަކަށް ކޮންމެ ދުވަހަކު ޢަރަޤުވެގެން ދާ ކަހަލަ... ރީން ޕްލީޒް... އަހަރެން ބޭނުން ރީން... އަހަރެން ބޭނުން އަހަރުމެންގެ ދަރިފުޅު ވެސް"
އީތަންއާ ދުރަށް ޒޫރިން ޖެހިލުމާއެކު އޭނާ އައިސް އަލަމާރި ހުޅުވާލިއެވެ. އަދި ވަތްގަނޑުގައި އޮތް ފައިލެއް ނަގައިގެން އައިސް އީތަންއާ ދިމާއަށް ބިންމައްޗަށް އެއްލާލިއެވެ.
"ތި ފައިލުގައިވާ ލިޔުންތައް އީތަން ރަނގަޅަށް ބަލާބަލަ... އޭގައި އެވަނީ ލިޔެ ސިއްކަޖަހާފައި... ދެން ކޮންތާކުން އެ ދަރިފުޅަށް ބައްޕައަކު ލިބޭނީ" ރުޅިއަންނަން މަސައްކަތްކުރި ނަމަވެސް ޒޫރިންގެ ލޮލުން އޮހޮރޭ ކަރުނައިން އޭނާގެ ހިތަށްކޮށްފައިވާ އަސަރު އީތަންއަށް ސިއްރެއްނުވެއެވެ.
އިސްޖަހާލުމާއެކު ފައިލު ހުޅުވާ އީތަން ބަލާލިއެވެ. ތެދެކެވެ. ހުރިހާ ލިޔުމެއްގައި ވަނީ ޒޫރިން ވިހެއީ ނަހަލާލަށް ބަލިވެ އިނދެކަމެވެ. ދަރިފުޅުގެ ބައްޕައެއްނެތެވެ. ތިރިވެވުނު ގޮތަށް އަތުގައި އޮތް ފައިލު ތެރޭ އީތަން މޫނު ފޮރުވާލިއެވެ. އޭނާއަށް ރޮވިއްޖެއެވެ. ޒޫރިންގެ ކުރިމަތީ މިއަދު އޭނާގެ އާދޭހުގެ އަގެއްނާރާނޭކަން ޔަޤީންވެއްޖެއެވެ. ފަހަރެއްގައި ވެސް ޒޫރިންއަކީ ހަރުހިތެއްގެވެރި އަންހެންކުއްޖަކަށްވީމައެއްނޫނެވެ. ޒޫރިންއަށް ދެވުނު އަނިޔާގެ ބަދަލު ދޭނޭ ގޮތެއް މިއަދު އީތަންއަށް ނެތީއެވެ. އެ ދެމެދުގައި އޮތް ގުޅުމަށް ހުރަހަކަށް އޭނާގެ އަތުގައި އޮތް ފައިލުގައި ހުރި ކަރުދާސްތައްވެއްޖެއެވެ. އެކަމަކު ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. ކަރުދާސްކޮޅެއްގައި އެހާ ބާރު ގަދަވެދާނެހެއްޔެވެ؟ ނޫނެވެ. ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ. އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ޒޫރިންދެކެ އީތަން ލޯބިވެއެވެ. އެތަކެއް އަންހެނުންނެއްގެ ބައިބޯ ޖަމާޢަތެއްގެ ތެރޭގައި ހުއްޓަސް އޭނާއަށް ޒޫރިން ވަކިކުރަން އެނގޭނެއެވެ. ދެލޯ މަރައިގެން ހުރެ ވެސް ޒޫރިން ދެނެގަނެވޭނެއެވެ. ހިނގާލާފައިދާ ފިޔަވަޅުގެ އަޑުން އެކަނި ވެސް އެއީ ޒޫރިންކަން ބުނެދެން އެނގޭނެއެވެ. ޒޫރިންގެ ލޯބީގެ ފާޑާއި ރުޅީގެ ހޫނުކަމާއި ޒޫރިން އުފާވާ ކަންތައް އީތަންގެ ޟަމީރު ހިތުދަހެވެ. ވީއިރު އެ ގާތްކަމާއި އެ ގުޅުންތައް އީތަންގެ ކުރިމަތީގައިވި ކަރުދާސްތަކުން ކަނޑުވައިލެވޭނޭ ހެއްޔެވެ؟ ނޫނެވެ. އެހެންވިޔަ އީތަން ނުދޭނެއެވެ. ދެ ލޯ ފުހެލާފައި އީތަން ކޮޅަށް ތެދުވިއެވެ. ލޭކަރުނަ ހިލިފައިވާ ދެ ލޮލުން ޒޫރިންއަށް ބަލާލިއެވެ. އަދި އައިސް ޒޫރިންގެ ގާތުގައި ހުއްޓުނެވެ.
"ޝަރުޢީގޮތުން ދަރިފުޅުގެ ބައްޕައަށްވުމުގެ ހައްޤު އަހަންނަށް ގެއްލިއްޖެ. އެކަމަކު އެ ޒިންމާ އަދާކުރުމުން އަހަރެން ދުރުނުކުރޭ. އަހަރެން ބޭނުންވަނީ ރީންއަށް އަނތްބެއްގެ މަޤާމުދޭން. އަދި އަހަރުމެންގެ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން... މިއަދު އަހަރެން އައިސް މިހިރީ އެއްވެސް މަޖުބޫރުކަމެއްނެތި ހަމައެކަނި ރީންދެކެ ވާ ލޯބީގެ ހައްޤުގައި. އަހަންނަށް ވިސްނައިދޭން ތަހުސީނުބޭބެ ވަރަށް މަސައްކަތްކުރި. ޚުދު އަހަރެން ވެސް މިހާރު ބޭނުންވަނީ އަލުން އެ ދުވަސްތައް ގެންނަން... އެކަމަކު އެއީ އަހަންނަށް ކީއްކުރަން އެއްވެސް އިންސާނަކަށް ވާނޭކަމެއްނޫން... ރީންއާ ނުލާ އުޅޭނޭ ގޮތެއް އަހަންނަކަށް މިހާރު ނުވިސްނޭ. ދަރިފުޅު ދުށުމަށް އެދި އަހަރެންގެ ހިތާއި ފުރާނަ ވެސް ވަނީ ކެތްތެރިކަން ކުޑަވެފައި... ރީންގެ ގައިގާ ތެޅި މަންޒަރު ބަލަން ހުރިއިރު ޖަހާލާ ކޮންމެ ފަހަރަކު އަހަރެން އެތައްހާސްމަރަކުން މަރުވުމެކޭ އެއްވަރުވި... ރީން... އަހަންނަށް އަދި އެއް ފުރުޞަތުދީ. އަހަންނާ ކައިވެނި ކުރޭ..."
"އީތަން ކިތައްމީހުންނާ ކައިވެނިކުރަންތަ ބޭނުންވަނީ؟"
"އަހަރެން... އަހަރެން އެކަކާ ވެސް ކައިވެންޏެއް ނުކުރަން. ޖަޒްލާއާއެކު އަހަރެންގެ ގުޅުން އޮތް... އެކަމަކު އެ ގުޅުމުގައި އެއްވެސް ކުލައެއްނުޖެހުނު. އަހަންނަށް ޖަޒްލާދެކެ ލޯތްބެއްނުވެވުނު... އެހާ ދުވަހު އެކުގައި އުޅެވުނީތީ ވަކިވާން ބޭނުންނުވެފައި ހުރީ. އެހެންހުއްޓާ ރީން އަހަރެންގެ ހަޔާތަށް އައީ... ހުރިހާ ކަމެއް ވެސް އެހިސާބުން ބަދަލުވެއްޖެ. އަހަރެންގެ މޭގައިވާ ހިތުގައި އިހަށް ނުޖަހާ އެތައް ވިންދެއް ޖަހަންފެށި. އެހެންވެއޭ މިބުނަނީ ރީންއާ އެހެން އެއްވެސް އަންހެންކުއްޖަކާ އެއްވަރެއްނުވާނެއޭ.... ދުވަހަކު ވެސް ނުވާނެ... ޖަޒްލާއާއި އަހަންނާ ދެމެދު އެއްވެސް ގާތްކަމެއް ނުހިނގާ. ރީން ނޫން އެހެން އަންހެންކުއްޖަކާ ދުވަހަކު ވެސް އެކަހަލަ ކަމެއްނުކުރަން. އަހަންނަށް އެނގޭ ރީން ވެސް ފުރަތަމަ އެ ގުޅުން ހިންގީ އަހަންނާއެކުގައިކަން.... އަދި އެއީ ރީން އަހަރެންދެކެ ލޯބިވާތީ ދިން އުފަލެއްކަން... ރީން... ޤަބޫލުކުރޭ... މި އީތަން މިހިރީ ހަމައެކަނި ރީންއަށްޓަކައި... ވީއިރު މި އީތަންއަށް ކުރެވުނު ކުށުގެ ކައްފާރާއެއްކަމުގައި ދެވަނަ ފުރުޞަތެއްދީ..."
"ދެވަނަ ފުރުޞަތެކޭ... އީތަންއަށް އެހާ ފަސޭހަތަ؟ ހުރިހާ ކަމެއް ހަނދާންނައްތާލަންވީތަ؟... ދެން ހެޔޮ.... އީތަން އަހަރެންގެ ގާތަށް އައިސްފީމެންނު. މާފަށް އެދެފީމެންނު... ދެން ދޭ... ދެން ދޭ މިގެއިން..." ގިސްލެވިފައި ހުރި ޒޫރިން ބުނެލިއެވެ. އަދި އީތަންގެ ގައިގާ އަތްއަޅާ ދޮރާ ދިމާއަށް ކޮށްޕަން ފެށިއެވެ. ހަޤީޤަތުގައި ޒޫރިންގެ ހިތްވަނީ މަޑުކަޕަކޮޅަކަށްވެފައެވެ. އީތަންގެ ގައިގާ ބައްދާލަމުން އެ މޭގައި މޫނުފޮރުވައިގެން ހުރެ ރޯލަން ޒޫރިން ބޭނުމެވެ. ދޫކޮށްލާފައި ނުދާށޭ ކިޔާ އާދޭސްކުރަން ވެސް ބޭނުމެވެ. އެ ހުރިހާ އިހުސާސެއް ބޭރުވުމުގެ ކުރިން ޒޫރިން އަވަސްވެގަތީ އޭނާގެ ކުރިމަތިން އީތަން ދުރަށް ލާށެވެ.
"ރީން... ރީން ޕްލީޒް... އަހަރުމެންގެ ދަރިފުޅަށް ޓަކައި... އަހަރެންދެކެ ރީންވީ ލޯތްބަށްޓަކައި... ޕްލީޒް..." އީތަންގެ ވާހަކަތަކުން ޒޫރިންގެ ރުއިން ގަދަވުމާއެކު އޭނާގެ ހަރަކާތްތައް އަވަސްވިއެވެ.
ކޮޓަރީގެ ދޮރުހުޅުވާލަފައި އީތަންކޮށްޕާލިތަން ބޭރުގައި ތިބި ރޭޝްމާ އާއި ތަހުސީނަށް ފެނުނެވެ. ކަންބޮޑުވެފައި އީތަންއާ ދިމާއަށް އެ ދެމީހުން ވެސް އެއްފަހަރާ ބަލާލިއެވެ.
"ބައްޕާ... އޭނަ ކައިރީ ބުނޭ މިގެއިން ދާށޭ..." ޒޫރިންގެ އަތުގައި އީތަން ހިފެހެއްޓުމުން ޒޫރިން ބުނެލިއެވެ. އެހިނދު ތަހުސީނު ކުރިއަށް ޖެހިލާ އީތަންގެ ކޮނޑުގައި އަތްބާއްވާލިއެވެ. އެއާއެކު ތަހުސީނަށް ބަލާލާފައި އީތަން އޭނާގެ އަތް ޒޫރިންގެ އަތާ ވަކިކޮށްލިއެވެ.
އީތަން ސިޑިން ފައިބައިގެން ދަމުން އަދިވެސް އެއްފަހަރު ވަށައިގެން ހޯދާލިއެވެ. ދަރިފުޅު ކޮބާތޯއެވެ. އަދި ހިތްހަލާކުވެ ގިސްލެވިފައި ހުރި ލޯބިވެރިޔާއަށެވެ. ފަނޑުހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަން އުޅުނު ވަގުތު އީތަންގެ ލޮލުން ކަރުނައިގެ ރޮނގެއް އެޅި ކޯތާފަތުން ފައިބައިގެން ދިޔައެވެ. އެއާއެކު ކަނާތުން ދެ ލޮލާއި ކޯތާފަތް ފުހެލިއެވެ. އޭނާގެ ފަހަތުން ތަހުސީނު އައެވެ. އެގެއިން އޭނާ ނެރެލަނީކަން އެނގި ހުރެ އީތަންގެ ހިތް ރޮމުންދިޔައެވެ. ޒޫރިންއާ ވަކިވާން ބޭނުންނުވިޔަސް މި ވަކިވަނީކަން އީތަންގެ ސިކުނޑި ވިސްނައިދެމުންދިޔައެވެ.
"އަޅުގަނޑަށް މާފުކުރޭ... ތަހުސީނުބޭބެ ދެއްކި ވާހަކަތައް މިކަންފަތުގައި އަދިވެސް ހަރުލާފައި އެބަހުރި. ރީންދެކެ އަޅުގަނޑު ލޯބިނުވާތީއެއްނޫން ނައީ... ފިނޑިވެ ބިރުގަތީ... ވާނޭގޮތެއް ނޭނގޭތީވެ... ޢާއިލާއިން އަޅުގަނޑު ބާކީކޮށްލާ ބޭރުކޮށްލަފާނެތީވެ... ޢާއިލާގެ ނަން އަޅުގަނޑުގެ ސަބަބުން ބަދުނާމުވެ ހިނގައިދާނޭކަން އެނގޭތީވެ... އަޅުގަނޑަށް މާފުކުރޭ.... އެ ދަރިފުޅަކީ ހަމައެކަނި ރީންގެ ދަރިއެއްނޫން. އެއީ އަޅުގަނޑުގެ ވެސް ދަރިއެއް... އެ ދަރިފުޅުގެ ގައިގާ އަޅުގަނޑުގެ ލޭ ނުހިނގާނެ ގޮތެއް އެއީ ނެތްގޮތެއް... އެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ހޯދަން އަޅުގަނޑަށް ކުރެވެން އޮތްހާ ކަމެއް ކުރާނަން..." އީތަން އޭނާގެ ބަސްތައް އިއްވާލާފައި ދޮރޯށިން ނުކުމެގެން ހިނގައްޖެއެވެ. އެ ތަން ބަލަން އިރުކޮޅަކު ތަހުސީނަށް މަޑުކޮށްލެވުނެވެ. އޭނާއަށް މިއަދު ސިފަވެގެން ދިޔައީ ޚުދު އޭނާ ހުރި ފިޔަވަޅު މަތީ އީތަންވީ ތަނެވެ. އަދި އީތަންގެ ބަސްތަކުން އޭނާގެ ސާބިތުކަން ޔަޤީންވިއެވެ. ޒޫރިންދެކެ އޭނާވާ ލޯބި އެ ދެ ލޮލުން ތަހުސީނަށް ފެނުނެވެ.
* * * *
"މަންމާ! އަޅުގަނޑު ނަމާދަށް ދިޔައިރު ވެސް މަންމަ އިންނެވީ ތިޔަ ސޯފާގައި. މިރޭ ނަމާދު ވެސް ނުކުރައްވާ ރެޔަކީތޯ؟ އަނެއްކާ ކިހިނެއްތޯވީ... ގޭގައި ކަމެއް ގޯސްކޮށް ހިނގީތޯ؟" އިޝާ ނަމާދުކޮށްގެން އައިސް ސިޓިންރޫމު ދޮރުން އެތެރެއަށް ވަން ސުފިޔާނަށް ރާބިއާ ފެނުމުން އަހާލިއެވެ. އަދި އައިސް ސޯފާގައި އިށީނދެ ރާބިއާގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. ނަމަވެސް ރާބިއާ އަނގައިން ބުނުމުގެ ބަދަލުގައި ދެފަރާތަށް ބޯހޫރާލީއެވެ. އެ އިޝާރާތުން ސުފިޔާނު ވަރަށް އަޖައިބުވިއެވެ. ރާބިއާ އޭނަގެ ތަސްބީހަ ހިފައިގެން ޒިކުރުތައް ކިޔުމުގައި އިނުމުން ޓީވީ ހުޅުވަން އުޅެފައި ވެސް ސުފިޔާނު އެ ޚިޔާލު ދޫކޮށްލާ ތެދުވެގެން ކޮޓަރިއަށް އައެވެ.
"ހަމްރާ! މަންމަ ކަމަކާ ހިތްހަމަނުޖެހިފަތަ އެއިންނަނީ؟" ސުފިޔާނު އައިސް ކޮޓަރިއަށް ވަންތަނާ ފާޚާނާއިން ނުކުން ހަމްރާއާ ސުވާލުކޮށްލިއެވެ.
"ނޭނގެ... އީތަންއާ ހެދިހެން ހީވަނީ. ސުފިޔާނު... އަހަންނަށް ހީވަނީ އީތަންއަށް ކޮންމެވެސް ކަމެއް ވެގެން އުޅޭހެން. އޭނާ އަހަރުމެންނަށް ކަމެއް އެބަ ސިއްރުކުރޭ. އެގޮތަށް ކަންކަން ސިއްރުކުރާނަމަ ރަނގަޅެއްނުވާނެ... މަންމަ ވެސް އެހުންނަނީ އެކަމާ ކަންބޮޑުވެފައި ހެން ހީވަނީ. މިއަދު ކަންތައްވީގޮތް ވެސް ކިޔައިދިނީމެއްނު. އީތަން އެހެން ކަންތައްކުރަންވީ ކީއްވެބާއޭ ހިތަށް އަރަނީ. އަދިވެސް ބޭރަށް ދިޔަގޮތަށް ގެއަކަށް ނާދޭ. ވީތަނެއް ވެސް ނޭނގެ"
"ޝައުންއާއެކީގައި ކަންނޭނގެ ތިވާނީ. އޭނާ ނޫނީ އީތަން އެކުގައި އުޅޭ އެހެން އެކުވެރިއަކު ނުހުރެއެއްނު. މަށަށް ހީވަނީ ޝައުންގެ ކަންތައްހެން ތިއުޅެނީ. ކުރިން ވެސް މަ އެހާ ހިތްހަމައެއްނުޖެހޭ. އޭނާގެ ޢާއިލާ މީހުންނަކީ މާލޭގައި ޤަދަރުހުރި ރަނގަޅު ބަޔަކަށް ވިޔަސް އެކުއްޖާގެ އެކަހަލަ ސިފައެއްނެތް... ހަމްރާ ބުނެފިއްޔާ އަހަރެން އީތަންއާ ވާހަކަދައްކަފާނަން"
"ނޫން، ނޫން... ސުފިޔާނު އެއްގޮތަކަށް ވެސް އަދި އެއްޗެއް ބުނާނެކަމެއްނެތް. އަހަންނާއި މަންމައާ ދެ މީހުން އީތަންއާ ވާހަކަދައްކާނަން. ގިނަ ފަހަރަށް ސުފިޔާނަށް ބުނެވޭގޮތުން ކަންތައް އޮންނާނީ ގޯސްވެފައި... ސުފިޔާނު ވެސް މާ ހަރުކަށީއޭ އީތަންއާ މެދު ކަންތައްކުރާގޮތް. ވާހަކައެއް ބުންޏަސް ހީވާނީ ރުޅި އައިސްފައި ބުނާހެން"
"އެއީ ރުޅިއައިސްގެނެއްނޫނޭ. އެންމެން ލޯބިން ވާހަކަދައްކަންޏާ ކަމަކު ނުދާނެ. ކޮންމެވެސް މީހަކު ހުންނަންވާނެ ދަރިންނަށް ކަންކަން މަނާކުރާ މީހަކު ވެސް. އީތަންއަށް ވެސް އަދި އެކަން ވިސްނޭނެ. ހަމްރާ... އަހަރެން މިހާރު ހިތަށް އަރާ އެއްޗެއް ބުނަންތަ؟"
"ބުނެބަލަ... އެކަމަކު ދެން މަޑުކުރެވޭކަށްނެތް. ކާންތައްޔާރުކުރާ ގަޑި ވެސް ޖެހެނީ. ހިނގާބަލަ ބަދިގެފަރާތަށް، ދަމުން ވެސް ތިވާހަކައެއް ބުނެވިދާނެއެއްނު" ހަމްރާ މިހެން ބުނެ ހިނގައިގަތުމުން އޭނާއާއެކު ސުފިޔާނު ވެސް ހިނގައިގަތެވެ.
"އަހަރެން ހިތަށް އަރަނީ އެއްގޮތަކުން ރަނގަޅޭ އީތަން ކައިވެނި ނުކުރިކަން. އަހަންނަށް އެ އަންހެންކުއްޖާއެއް އީތަންއަކާ ނުގުޅޭ... އެއްޗެއް ނުބުންޏަސް މަށަށް ވެސް އެނގޭ އެ ދެމީހުން ވަރަށް މައްސަލަޖެހޭކަން. އީތަންގެ ފަރާތުން ވެސް އެހާ ޝައުގުވެރިކަމެއް ނުފެނޭ... ކައިވެންޏަކާ ހަމައަށް ދާ ގޮތަށްވުރެ އެ ދެމީހުން އުޅެނީ ޅަކުދިން އުޅޭހެން. މާބޮޑު ޚިޔާލެއް ފިކުރެއްނެތް ކަހަލަ ގޮތަކަށް..."
"އަހަންނަށް ހީވަނީ އަހަރުމެން ބުނާނޭ އެއްޗެއް ނޭނގޭތީހެން އީތަން އެ ގުޅުން ކެނޑުނުކަން ވެސް ނުބުނެ އެހާ ދުވަހު މަޑުކުރީ. އީތަންއަށް ކަމުދާ ކުއްޖަކު އަހަންނަށް އެންމެ ރަނގަޅު. އެނގޭ ރަނގަޅު ކުއްޖަކުކަން އީތަންގެ ހަޔާތަށް އަންނާނީ" ހަމްރާގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވިއެވެ.
އެންމެން ކެއުމަށް އިންސާފު ކުރަން ބަދިގެ ފަރާތަށް ދިޔައިރު ވެސް ރާބިއާ ނުދިޔައެވެ. އޭނާ އެންގީ މިރޭ އޭނާ ނެތަސް ކެއުން ކުރިއަށް ގެންދިއުމަށެވެ. ރާބިއާ ކާނީ ތަންކޮޅެއް ފަހުން ކަމަށެވެ. އޭނާ އިށީނދެ އިން ސޯފާއިން ނުތެދުވުމަށް އަޒުމު ކަނޑައަޅައިގެން އިން ކަހަލައެވެ. އެހެން އިން އިރު އަވަސް ނަޒަރުތަކެއް ސިޓިން ރޫމު ދޮރަށް ހުއްޓާލައެވެ. އަދި ޓީވީ ރެކުގައި ހުރި ގަޑިއަށް ވެސް ބަލާލައެވެ. އިންތިޒާރު އެކުރަނީ ކޮންކަމަކަށްކަން އެކަކަށް ވެސް ނޭނގެއެވެ.
ދޮރޯށިން ވަންނަމުން ދެއަތްތިލަ އިން ލޮލާއި މޫނު ފޮހެލާފައި ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ އީތަން އެތެރެއަށް ވަނެވެ. ސޯފާގައި އިން ރާބިއާ ފެނި އީތަން ސިހުނުކަން ޚުދު ރާބިއާއަށް ވެސް އެނގުނެވެ. އެހެންނަމަވެސް އީތަން ނިކަން އަވަހަށް އިސްޖަހާލަމުން އެ ތަނުން ފިލަން އުޅޭހެން ހިނގައިގަތެވެ.
"އީތަން..." ރާބިއާ ގޮވާލިއެވެ. (ނުނިމޭ)