ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ އޭނާގެ މައްސަލަ މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސަސްޕެންޑްކޮށްފައި ހުންނެވި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އަމުރު ނެރެންޖެހޭ ތަނެއް ނެތް ކަމަށް އެކޯޓުން ނިންމައިފި އެވެ.

ހަސަން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އޭނާ ސަސްޕެންޑު ކުރި މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ އެމައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން ޖޭއެސްސީ އިން ބަލަމުންދާ އޭނާގެ މައްސަލަ މަޑުޖައްސާލުމަށާއި އަދި ކޯޓުން ގޮތެއް ނިންމަންދެން އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

ހަސަން ހުށަހެޅުއްވި މި މައްސަލަ ސިވިލް ކޯޓަށް ބަލައިގަތުމާއި ގުޅިގެން ކޯޓުން ވަކި ގޮތެއް ނިންމަންދެން ޖޭއެސްސީ އިން ބަލަމުންދާ އޭނާގެ ސުލޫކީ މައްސަލަ މަޑުޖައްސާލުމަށް ހަސަންގެ ފަރާތްޕުޅުން ކޮމިޝަންގައި ވެސް މީގެ ކުރިން އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް ކޮމިޝަނުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

ޖޭއެސްސީ އިން ހަސަންގެ ސުލޫކީ މައްސަލައެއް ބަލަނީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓްގެ ބައްދަލުވުމެއްގައި ހައި ކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓް ފަނޑިޔާރުން ކަމަށާ އެބޭފުޅުން ހުރިހާ ކަމެއް ކުރަނީ ހިޔާ ބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ހަސަން ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެންނެވެ.

މީގެ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހްމަދު ޝަރީފްގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށް އޭނާ ވެސް ވަނީ އެމައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އެހެންކަމުން މިއީ ފަނޑިޔާރަކު ސަސްޕެންޑް ކުރި މައްސަލައެއްގައި ކޯޓަށް މައްސަލަ ހުށަހެޅުނު ދެވަނަ ފަހަރެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަން ފެށީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރި ފަހުންނެވެ.