އެމެރިކާގެ ރައީސަކު ކިއުބާއަށް ވަޑައިނުގަންނަވާތާ 88 އަހަރު ފަހުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ތާރީހީ ދަތުރުފުޅެއްގައި ކިއުބާއަށް ވަޑައިގެންފި އެވެ.

އޮބާމާ ކިއުބާއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ކިއުބާހެ ހާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް އެވެ.

އޮބާމާ ކިއުބާއަށް މިކުރައްވާ ދަތުރުފުޅުގައި އަނބިކަނބަލުން މިޝޭލްއާއި ދެ ދަރިކަނބަލުން ކަމުގައިވާ ސާޝާ އާއި މާލިއާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އޮބާމާ ކިއުބާއަށް ވަޑައިގެން ރަސްމީ މަތިންދާ ބޯޓް، އެއާފޯސް ވަންއިން ފައިބައި ވަޑައިގެންނެވިއިރު ތުނިކޮށް ވާރޭވެހެމުން ދިޔަ ނަމަވެސް މުޅި އާއިލާ ތިއްބެވީ ކުޑަ ހިއްޕަވައިގެން ހިނިތުންވެފަ އެވެ.

އޮބާމާ ކިއުބާއަށް ވަޑައިގެން ދެ ގަޑިއިރު ތެރޭގައި ވަނީ ދާދިފަހުން ކިއުބާގައި ހުޅުވި އެމެރިކާގެ އެމްބަސީގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

އޮބާމާގެ ކިއުބާގެ ދަތުރުފުޅުގައި އެގައުމުގެ ރައީސް ރައުލް ކާސްޓްރޯއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވީ ނަަމަވެސް ރައުލްގެ ބޭބެ އަދި ކިއުބާގެ އިންގިލާބީ ލީޑަރު ފިޑެލް ކާސްޓްރޯއާ އޮބާމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ އާއި ކިއުބާއާ ދެމެދު އޮތް ބައިގަރުނުވީ ދެކޮޅުވެރިކަން ނިމުމަކަށް އައީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮބާމާއާއި ކިއުބާގެ މިހާރުގެ ރައީސް ރައުލް ކާސްޓްރޯއާއި ދެ ބޭފުޅުންގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ސަބަބުންނެވެ. ދެ ގައުމުގެ ގުޅުން ރަނގަޅުވުމާއި ގުޅިގެން އެމެރިކާއާއި ކިއުބާއާއި ދެމެދު މިހާރު ވަނީ މުވާސަލާތީ، ވިޔަފާރި އަދި ވައިގެ ދަތުރުތައް ކުރަން ފެށިފަ އެވެ.

އެމެރިކާގެ ރައީސް އެއް އެންމެ ފަހުން ކިއުބާއަށް ވަޑައިގެންނެވީ 1928 ވަނަ އަަހަރު އެވެ. އޭރު އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ހެރީ ޓްރޫމަން އެވެ. އޭނާއަކީ އެމެރިކާގެ 33 ވަނަ ރައީސް އެވެ.