ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓުގެ ޑިޕާޗާ ހޯލްގައި ދެ ބޮމެއް ގޮއްވާލައިފި އެވެ.

ބުރަސެލްސްގެ އެއާޕޯޓުގައި ބޮން ގޮއްވާފައި މިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފްރާންސްގެ ވެރިރަށް ޕެރިހަށް ދެވުނު ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ހުރި ކަަމަށް ތުހުމަތުކުރެވޭ ސޮލާހް އަބްދުއްސަލާމް ބްރަސެލްސް އިން ހައްޔަރުކުރިތާ ހަތަރު ދުވަސް ފަހުންނެވެ.

ބެލްޖިއަމްގެ ނިއުސް އެޖެންސީ، ބެލްގާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިހާދިސާއާއި ގުޅިގެން މިހާތަނަށް އެކަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އެއާޕޯޓަށް ދެެވުނު ހަމަލާތަކުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެއާޕޯޓުގެ ޑިޕާޗާ ހޯލްގައި ވަރަށް ބޮޑަށް ދުން އަރަމުންދާ މަންޒަރާއި އެއާޕޯޓްގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ މަންޒަރާއި އަދި ސަލާމަތްވުމަށް މީހުން އެކިކޮޅުކޮޅަށް ދުވަމުންދާ މަންޒަރު ފެނެ އެވެ.

މިހާދިސާ ތަޖުރިބާކުރި ސްކައި ނިއުސްގެ ރިޕޯޓަރަކު ބުނެފައިވަނީ މި ދެ ބޮން ގޮއްވާލި ވަގުތު ވަރަށް ބާރު އަޑެއް އިވިގެން ދިޔަ ކަމަށާއި އަދި ބައެއް އިމާރާތްތަކަށް ގުޑުން އަރައިގެން ދިޔަ ކަމަށެވެ.

ބެލްޖިއަމްގެ ޒަވެންޓެމް އެއާޕޯޓުގައި ބާރުގަދަ ދެ ބޮން ގޮއްވާލާފައިވާ ކަން ބެލްޖިއަމްގެ ކަމާ ގުޅުންހުރި ފަރާތްތަކުން ޔަގީންކޮށްދިން ނަމަވެސް މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެ ގައުމުން އަދި ނިންމާފައެއް ނުވެ އެވެ.

ބްރަސެލްސްގެ އެއާޕޯޓެއްގައި ބާރުގަދަ ދެ ބޮން ގޮއްވާލާފައި މިވަނީ ޕެރިހަށް ދެވުނު ޓެރަރިސްޓް ހަމަލާތަކަށް ފަހު ބެލްޖިއަމްގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި ވަނިކޮށެވެ.