(20 މާރޗް 2016 އާ ގުޅޭ)
ދޮރޯށިން ވަންނަމުން ދެއަތްތިލަ އިން ލޮލާއި މޫނު ފޮހެލާފައި ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ އީތަން އެތެރެއަށް ވަނެވެ. ސޯފާގައި އިން ރާބިއާ ފެނި އީތަން ސިހުނުކަން ޚުދު ރާބިއާއަށް ވެސް އެނގުނެވެ. އެހެންނަމަވެސް އީތަން ނިކަން އަވަހަށް އިސްޖަހާލަމުން އެ ތަނުން ފިލަން އުޅޭހެން ހިނގައިގަތެވެ.
"އީތަން..." ރާބިއާ ގޮވާލިއެވެ.
އީތަންގެ ޠަބީޢަތް ރާބިއާއާ ވާހަކަދައްކަން ހުއްޓޭކަށް އެއްބަހެއް ނުވިއެވެ. އެހެންވެ ފިޔަވަޅު މަޑުޖެހިލާފައި ވެސް ކުރިއަށް ހިނގައިގަތީއެވެ. އެތަން ފެނި ސޯފާއިން ރާބިއާ ތެދުވިއެވެ. އޭނާ އަނެއްކާ ވެސް އީތަންއަށް ގޮވާލިއެވެ. އަދި އީތަންގެ ފަހަތުން އައެވެ. ނަމަވެސް އީތަންއާ އަރާ ހަމަކުރުމުގެ ކުރިން އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ. ރާބިއާ އައިސް ދޮރުގައި ދެ ފަހަރަކު ޓަކި ޖަހާލާފައި ގޮވާލުމުން ވެސް އީތަން ދޮރެއް ނުހުޅުވިއެވެ. ހާސްކަމާއެކު ފުންނޭވާއެއް ރާބިއާއަށް ބޭރުކޮށްލެވުނެވެ.
"މަންމާ! އީތަން ގެއަށް އައީތަ؟" ކައިގެން ސިޓިން ރޫމަށް ނުކުން ސުފިޔާނަށް އީތަންގެ ކޮޓަރި ދޮރުމަތީ ރާބިއާ ހުއްޓިލައިގެން ހުރީތީ ފެނުމުން އަހާލިއެވެ. ލިބިފައިވާ މާޔޫސްކަން ރާބިއާ ފޮރުވަން މަސައްކަތް ކުރަމުން "ހޫން" ލައްވާލާފައި އޭނާ ވެސް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ދެވަނަ އެއްޗެއް އަހަން ސުފިޔާނަށް ފުރުޞަތު ނުދިނުމަށެވެ.
ރާބިއާގެ ސިކުނޑިއަށް އެއްގޮތަކަށް ވެސް ހަމަޖެހުމެއް ނުލިބުނެވެ. ތަފާތު ޚިޔާލުތަކާއެކު އޭނާއަށް ކޮޓަރިތެރޭ ދެކޮޅަށް ހިނގެނީއެވެ. އީތަންގެ ޠަބީޢަތް ރަނގަޅު ނޫންކަން ރާބިއާއަށް ޔަޤީންވެއެވެ. ކަންބޮޑުވަނީ އީތަން ފޮރުވަން މަސައްކަތް އެކުރަނީ ކުޑަކަމެއް ނޫނޭ ރާބިއާގެ ހިތް ބުނާތީއެވެ. ބިރުވެރިކަން ނަފްސަށް ވެރިވެގެން ދަނީ އެހެންވެއެވެ. އީތަންއަށް ސަލާމަތްނުވެވޭވަރުގެ ކަމަކަށް އޭނާ ކުރީ ކޮންކަމެއްކަން އެއްގޮތަކަށް ވެސް ޚިޔާލަށް ގެންނަން ނޭނގޭތީއެވެ. އީތަންއާ ވާހަކަދައްކަން މަސައްކަތް ކުރުމުން ވެސް އޭނާ ފުރަގަސްދޭތީއެވެ. ދެން ހަދާނޭ ގޮތެއް ނޭނގި ރާބިއާއަށް ނިތުގައި އަތްޖައްސާލެވުނެވެ. ދެ ފަރާތަށް ބޯހޫރާލެވުނެވެ. އެއްގޮތަކަށް ވެސް އީތަންއަށް ކަމެއް ވެގެން އުޅޭކަން ސުފިޔާނަށް އަދި އެނގޭކަށް ރާބިއާ ބޭނުމެއްނޫނެވެ. ސުފިޔާނު ކުރާ ސުވާލުތަކަށް އެދެވޭ ޖަވާބެއް އޭނާ ނުދިނީ އެހެންވެއެވެ.
ރޭގަނޑު ދިހައެއްޖަހަން ކައިރިވެފައި ހުއްޓާ ހަމްރާ އައިސް ރާބިއާގެ ކޮޓަރިއަށް ވަނެވެ. އޭނާއަށް ފެނުނީ އެނދުގައި ކަމަކަށް ގެއްލިފައި ރާބިއާ އިން ތަނެވެ. އެހެންވެ ކައިރިއަށް އައިސް ރާބިއާގެ ކޮނޑުގައި އަތްޖައްސާލަމުން ހަމްރާ ވާހަކަދައްކަން ފެށިއެވެ.
"އަޅުގަނޑު މިކޮޓަރިއަށް ވަންކަން މަންމައަށް ނޭނގޭވަރު ކޮންކަމަކަށް ގެއްލިފައި ތިއިނީ... މަންމަގެ ހާލު ރަނގަޅުތަ؟ ސުފިޔާނު ވެސް..."
"އަހަންނަށް އެއްވެސް ކަމެއްނުވޭ. އެކަމަކު އީތަންއަށް ކަމެއްވެއްޖެ. އެކަކު ވެސް އެކުއްޖާގެ ހާލު އެނގެން ނޫޅެނީ ކީއްވެތަ" ހަމްރާގެ ވާހަކަ މެދުކަނޑާލާފައި ރާބިއާ ވާހަކަދެއްކިއެވެ.
"ޖަޒްލާއާ ގުޅުން ހުރި ކަމަކަށް ވެދާނެބާއޭ އަޅުގަނޑު އެބަ ހިތަށް އަރާ" ވިސްނާލާފަދަ ގޮތަކަށް ބޯޖަހާލަމުން ހަމްރާ ބުނެލިއެވެ. އަދި ރާބިއާގެ ގާތުގައި އެނދުގެ މަގަތުގައި އިށީނެވެ.
"ހަމްރާ. އަހަރެންގެ ހިތަށް ވަރަށް އެބަ އުނދަގޫވޭ..."
"ތިހާވަރަށް ދެން ނުވިސްނާ މަންމާ. މިހާރު ދިހައެއްޖަހަން އެއުޅެނީ އަދި ނުވެސް ކަމެންނު. އަޅުގަނޑު މިއައީ ތަށިތައް ވެސް ނުނަގާ. ދެން ހިންގާ ބަދިގެ ފަރާތަށް. އަސްލު މިހާ ލަހުން ނުވެސް ވާނެ ކާކަށް. މަންމަގެ ބަތްޕެންކޮޅު ހޫނުކޮށްލާފައި މިއައީ ވެސް. ދެން ހިނގާ... އަޅުގަނޑު ވެސް މަޑުކޮށްގެން މިހުންނަނީ މަންމައާއެކު ކާންވެގެން"
"އީތަން ހުންނާނީ ނުކައިހެން ހީވަނީ. އޭނާ ގޮވައިގެން ކާންދަމާ" އެނދުން ތެދުވަމުން ރާބިއާ ބުނެލިއެވެ.
އެނދުގައި ބަންޑުން އޮތް އީތަންއަށް ރުއިން ނޫންކަމެއް ނުކުރެވެއެވެ. އެތައް ގަޑިއިރުތަކެއް އޭނާ ކަރުނައާ ހަނގުރާމަކޮށްފިއެވެ. އެހެންނަމަވެސް އެ ކަރުނައިގެ މައްޗަށް އޭނާއަށް ނަޞްރެއްނުލިބުނެވެ. ހިތް ކުދިކުދި ވަނީއެވެ. އެ ހިތް ބޭނުންވި ފަދަ ޖަވާބެއް ނުލިބި ޒޫރިންއާ ވަކިވެގެން އަންނަން ޖެހުމުންނެވެ. ޒޫރިންދެކެ އިންތިހާއަށް ލޯބިވާއިރު އެންމެ ފަހަރަކު ވެސް ޒޫރިންގެ ދުލުން އޭނާ ލޯބިވާކަން ހާމަނުކުރީމައެވެ. އެ ހިތުން އީތަންއަށްޓަކައި އޮތް ލޯބި ފޮހެވިގެން ދިޔައީބާއެވެ. ދެން ދުވަހަކު ވެސް އެ ހަޔާތުން ފުރުޞަތެއް ނެތީބާއެވެ. މި ސުވާލުތަކާއެކު އީތަން އިހުނަށް ވުރެ ބޮޑަށް ބައްދައިގަނެގެން އޮތް ބާލީހުގެ ތެރޭ މޫނު ފޮރުވާލައިފިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައިވަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމާއި ވޭނެއެވެ. މުޅި ކޮޓަރީގެ ދިރުން ގެއްލިފައިވާ ކަހަލައެވެ. ހިތަށް އޮބިނޯވެގެން ދޭތެރެއަކުން "ރީން"އޭ ކިޔާ އީތަން ގޮވާލައެވެ. ރުއިމުގެ ތެރެއިން އިރުއިރުކޮޅާ ނޭފަތް އެތެރެއަށް ދަމާލައެވެ. މި ހާލެއްގައި އޭނާ އުޅެނިކޮށް ކޮޓަރީގައި ޓަކިދިން އަޑު އިވުނެވެ. އެހެންނަމަވެސް ހިރިލަން ވެސް ބޭނުންނުވެފައި އޮތް ގޮތަށް އޮތީއެވެ. ދެން އިވުނީ ޓަކިދީފައި ރާބިއާ ގޮވާލި އަޑެވެ. އޭނާގެ އަޑު ކެނޑުނުތާ ގިނައިރެއް ނުވަނީސް ހަމްރާ ގޮވާލައިފިއެވެ. ދެން ވެސް އީތަން އަޅައެއް ނުލިއެވެ. އޮތް ގޮތަށް އޮތީއެވެ.
ބަނޑުހައިވުމެއް ވަރުބަލިކަމެއް ނިދީގެ ބުރަކަމެއް އީތަންއަށް އިހުސާސެއްނުވެއެވެ. އެނދުގައި އިށީނދެގެން ދެފައިގައި އުޅަންބޮށި ވިއްދާލައިގެން ދެއަތްތިލަ ޖޯޑުކޮށްލައިގެން އޭނާ އިނެވެ. ޒޫރިންއާއެކު ފާއިތުވެގެންދިޔަ ރޭތަކުގެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ނިއުޅެމުން އޮޅެމުން ދިޔައެވެ. އެ މަންޒަރުތަކުން ކުޑަ ވެސް އުފަލެއް އީތަންއަކަށް ނުލިބެއެވެ. ރޭގެ ހަތަރުދަން އީތަންއަށް ހޭދަވެގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. އޭނާގެ ސިކުނޑީގެ ނާރުތައް ފަޅައިގެންދާން ކައިރިވިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން އޭނާ އެނދުގައި އިނެވެ. އެވަރުން ކެތްނުވުމުން ފުންމައިގެން ތެދުވިއެވެ. އެކަނިވެރިކަމާއި ފަޅުކަމުގެ އަނދިރީގެ ތެރެއަށް އީތަންގެ ނަފްސު ގެނބެމުން ދިޔައެވެ. އަތްނުފޯރާފަށަށް ސިކުނޑީގެ ޚިޔާލު އޭނާ ބަލިކަށިކޮށްފިއެވެ. މޮޔައަކު ފަދައިން "ރީން"އޭ ކިޔާ ބާރަށް ހަޅޭލަވަން އޭނާ ބޭނުމެވެ. އެކަމަކު އޭނާ ބާރަށް ހިންދިރުވާލާ އެކަން އޮއްބާލިއެވެ. މޮޅިވެފައިވާ ހިތާއެކު ކޮޓަރިތެރޭގައި ދެ ކޮޅަށް އީތަން ހިނގިއެވެ. އަލިފާން ރޯކޮށްފައިވާ އަނދަވަޅަކަށް މީހަކު އެއްލައިލީމާ ހޭދަކުރާފަދަ ވޭނީ ކެކުޅުމެއްގެ ތެރޭގައި އީތަންވިއެވެ. ފެންނެތްތާކު މަހެއް ތެޅޭ ފަދައިން އީތަން ތެޅުނެވެ. އެހާލުގައި އޭނާ ވަނިކޮށް ހަޤީޤީ ދުނިޔެއަށް ގެނައީ ފަތިސް ނަމާދުގެ ބަންގިއެވެ. ކޮޓަރީގެ އަނދިރިކަމުގެ ތެރެއިން އެނދުގެ އަރިމަތީ ހުރި ކަބަޑުގައި ބާއްވާފައި އޮތް އީތަންގެ ފޯނުން އިވިގެންދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑުން އޭނާގެ ވަށައިގެން ބައްދަމުން އައި ކިއްލާ ފުނޑުކޮށް ބިމާ ހަމަކޮށްލިއެވެ. ކަނިވަމުން ދިޔަ އުންމީދާއެކު ވެސް އެހިތަށް ރޯޝަންކަން ވެރިވި ކަހަލައެވެ. މޫނުގައި ދެއަތް އަޅައިގެން އިރުކޮޅަކު ހުރުމަށްފަހު އީތަން އައިސް ދޮރުކައިރީ ފާރުގައި ހުރި ސުވިޗަށް އޮބާލުމާއެކު މުޅި ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. އެއާއެކު އޭނާ ގޮސް ފާޚާނާއަށް ވަނެވެ.
ފަތިސް ނަމާދުކޮށް ނިމި ޖަމާޢަތުގެ ސަފުތައް ރޫޅުނެވެ. އެއާއެކު ސުފިޔާނު ވެސް އެނބުރުނީ މިސްކިތުން ފޭބުމަށެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ މިސްކިތުގެ އެންމެ ފަހަތު ސަފުގައި ނަމާދަށް އަރާ ހުރި އީތަންއެވެ. މަޑުކޮށްލެވުމާއެކު ދަރިފުޅަށް ބަލަހައްޓައިގެން ސުފިޔާނަށް ހުރެވުނެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
"މި ފަދަ މަންޒަރެއް ފެންނާނީ ނަސީބުވެރި ބަފައަކަށް" ހިތާ ހިތުން ސުފިޔާނަށް ބުނެލެވުނެވެ. އަދި އަވަސްވެގަތީ އީތަން ނަމާދުން ފައިބާ ތަނާ ސުފިޔާނު ފެނިއްޖެނަމަ ކަމަކު ނުދާނޭ ހިތަށް އަރާފައެވެ. އެހެންވެ މިސްކިތުން އަވަހަށް ފައިބައިގެން ގެއާ ދިމާއަށް ސުފިޔާނު ހިނގައިގަތެވެ.
ފަތިހުގެ ވަގުތެވެ. އިރުއެރުމާ އެ ދޭތެރޭގައި ގަޑިއެއްހާއިރަށްވުރެ ގިނަ އިރު ހުއްޓެވެ. ގެއަށް އައިސް ވަނުމާއެކު އީތަން ދޮރޯށި ތަޅުލިއެވެ. ސިޓިން ރޫމަށް ވަންއިރު އެތަނުގައިވަނީ ފަޅުކަމެވެ. މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ތެދުވެގެން އައިސް ރާބިއާގެ ކޮޓަރީގެ ދޮރުމަތީ ހުއްޓުނެވެ.
"މާމާ... މާމާ..." ޖެހިލުންވެފައި ހުރެ ވެސް ރާބިއާއަށް ދެ ފަހަރަކު އީތަން ގޮވާލިއެވެ.
"ކާކު؟ ދޮރުހުޅުވާފައި ތިހިރީ..." ރާބިއާ ބުނެލިއަޑު އިވުނެވެ. އެއާއެކު މަޑުމަޑުން ރާބިއާގެ ކޮޓަރީގެ ދޮރު އީތަން ހުޅުވާލިއެވެ. އަދި އިސްޖަހާލައިގެން ހުރެ އެތެރެއަށް ވަނެވެ.
"އީތަން... ދަރިފުޅުތަ؟ އަވަހަށް އާދޭ... ނަމާދުކޮށްފިންތަ؟" ނަމާދު ދޮޅިއާއެކު މުސައްލަމަތީ ކިޔަވަން އިން ރާބިއާ ތެދުވިއެވެ. އަދި ހަތިމު އެއްފަރާތުގައި ހުރި މޭޒުގެ މަތީ ބާއްވާލާފައި އައިސް ތަޅުމުގައި އޮތް މުއްސަލަ ނެގިއެވެ. އޭރު ވެސް އީތަން ހުރީ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ގޮތަށެވެ.
"އީތަން. ކީއްވެފައިތަ ތިހުންނަނީ؟ މާމަގެ ކޮޓަރިއަށް އީތަން އަލައްތަ ތިވަނީ؟ އެހެންޏާ އަންނަ ގޮތަށް އައިސް މާމަގެ އެނދަށް ޖެހިގަންނާނެ.... އާދެބަލަ" ރާބިއާ އައިސް އީތަންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. ދެން ވެސް އީތަން ވާހަކައެއް ނުދެއްކިއެވެ. ރާބިއާ ތަފާތު އެކި ގޮތްގޮތަށް ވާހަކަފަށައިގެން ސުވާލުކުރީމާ ވެސް އީތަން އަނގައިން ނުބުންޏެވެ. އެއާއެކު އިރުކޮޅަކު ހިމޭނުން ރާބިއާ އިނީ އީތަންއަށް ނަޒަރު ހުއްޓާލައިގެންނެވެ. އަދި އެހެން އިނދެފައި ވާހަކަދައްކަންފެށިއެވެ.
"ދަރިފުޅުގެ ތި ހަމަހިމޭންކަން މާމައަށް ދެނެގަންނަން އެނގޭނަމަ އެއްވެސް ސުވާލެއް ނުކުރާނަން... ދަރިފުޅު ދެކެ މާމަ ލޯބިވާވަރު ހަމަ ރަނގަޅަށް އެނގޭނެ. އިއްޔެ ހަވީރު ދަރިފުޅު ނުކުމެގެން ދިޔައީ ރޮމުންކަން މާމައަށް އެނގޭ. މީ ކުއްލިއަކަށް ދަރިފުޅަށް އައިސްގެން އުޅޭ ބަދަލެއްނޫން... ދުވަސްކޮޅެއްވެއްޖެ ދަރިފުޅު ތިޔަހެން އުޅޭތާ... އެކަމަކު މާމައަށް އެހީވާން އެނގޭނީ ވެސް ދަރިފުޅަށް ވީގޮތެއް އެނގުނީމަ ދޯ"
"އަޅުގަނޑަށް ފާފައެއް ކުރެވިއްޖެ... ވަރަށް ބޮޑު ފާފައެއް..." ރާބިއާއަށް އީތަން ބަލާލި ދެ ލޯ ފުރި ބަންޑުންވެއްޖެއެވެ. ރާބިއާ އަވަސް އަވަހަށް އޭނާގެ ދެއަތުން އީތަންގެ ދެ ލޯ ފުހެލަދިނެވެ.
"ފާފައެކޭ... އީތަން ރޮނީތަ؟" އީތަންގެ ރުއިމުގެ މަންޒަރާއި އޭނާގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކުން ރާބިއާ އަޖައިބުވެ އަންތަރީސް ކުރުވިއެވެ.
"މާމާ އަޅުގަނޑު ނުރޮއެ މިއަދު ކީއްތޯ ކުރާނީ؟ ކުރެވުނީ ދުވަހަކު ވެސް މާފު ނުލިބޭނޭވަރުގެ ކުށެއް..." އީތަން ތެދުވެގެން އައިސް ރާބިއާގެ ކުރިމަތީ ދެ ކަކޫމައްޗަށް ތިރިވެލިއެވެ. އަދި ރާބިއާގެ ދެއަތުގައި ހިފާލުމާއެކު އެ ދެއަތުގައި ނިތްކުރި ޖައްސާލިއެވެ. ރާބިއާގެ އެއްވެސް ސުވާލަކަށް އީތަންއަށް ޖަވާބުދެވޭވަރެއް ނުވިއެވެ. އޭނާ ރާބިއާގެ އުނގުގައި ބޯއަޅާލައިގެން އޮވެ ރޮނީއެވެ. އެ މަންޒަރު ދުށުން ރާބިއާގެ ދެ ލޮލަށް ކުޅަދާނައެއްނުވިއެވެ. އީތަންގެ ބޮލުގައި ފިރުމަމުން ތެމެމުންދިޔަ އަމިއްލަ ދެ ލޯ ވެސް ރާބިއާ ފުހުނެވެ.
"އީތަންއަކީ ފަސޭހައިން ރޯކުއްޖެއްނޫން. އެކަމަކު މިއަދު ތިވަރަށް ތި ރޮނީ ކޮންކަމަކާ ހިތުގައިޖެހިގެންތަ؟ ދަރިފުޅަށް ކުރެވުނީ ކޮން ފާފައެއްތަ؟ މާމައަކަށް ކެތެއްނުވާނެ އީތަން ތިޔަހެން ރޯތަން ދުށުމަކަށް... ދެން ހުއްޓާލަބަލަ... ހުއްޓާލާފައި ތި ރުއިމުގެ ފަހަތުގައިވާ އެއްޗެއް ނިކަން ކިޔައިދީބަލަ"
އެތައް އިރަކު ރާބިއާގެ އުނގުގައި ބޯއަޅާލައިގެން އީތަން ރުޔެވެ. އޭނާގެ ރުއިން މަޑުވެ ހިމޭން ކަމުގައި ވެސް ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. އެހެން އިންދާ އެ ކޮޓަރި ދޮރުހުޅުވާލީ ހަމްރާއެވެ. އަޖައިބުވެ އަންތަރީސް ވެފައި ރާބިއާގެ އުނގުގައި ބޯއަޅާލައިގެން އިން އީތަންއަށް ބަލަން ހުއްޓެވެ. އެހިނދު ރާބިއާ ލޮލުން އިޝާރާތްކޮށްލީ އެ ކޮޓަރިން ނުކުތުމަށެވެ. އެއާއެކު ސިއްރުން ހަމްރާ ހުޅުވައިގެން ހުރި ދޮރު ލައްޕާލިއެވެ. ލޯ މަރާލައިގެން އޮތް އީތަންއަށް ގުދު ވެލާފައި ރާބިއާ ބަލާލިއެވެ. އެ ދެ ލޯ ވަނީ ވަރަށް ބޮޑަށް ދުޅަވެފައިކަން ރާބިއާއަށް ނަގައިގަނެވުނެވެ. ފުންނޭވާއަކާއެކު އީތަންގެ ބޮލުގައި ފިރުމާލެވުނެވެ. މަޑުމަޑުން ލޯ ހުޅުވާލާފައި އީތަން އޭނާގެ މާމައަށް ބަލާލިއެވެ.
"މާމާ... ކައިވެނިން ބޭރުގައި އަޅުގަނޑަށް ވަނީ ދަރިއަކު ލިބިފައި. އެ ދަރިފުޅުގެ މަންމަދެކެ... އޭނާ އެވަނީ އެންމެންގެ ތެރެއަށް ބަދުނާމުވެ ފަޟީހަތްވެފައި... ނަހާލަލަށް ބަލިވެ އިނދެ ވިހެއިކަމުގެ ބަދުނާމު ބޮލުގައި އެޅި އެކަމުގެ އަދަބު ލިބިފައި... އެކަމަކު އެ ކުށުގައި އަޅުގަނޑު ވެސް ހަމަހަމަ... ނަމަވެސް އެކަމުން ބަރީއަވެގަތީ... އެ ކުށުގައި އޭނާ އެކަނިވުމަށް ދޫކޮށްލެވުނީ..." އީތަންގެ ވާހަކަތަކާއެކު ރާބިއާއަށް އިނީ ހުއްޓުން އަރާފައެވެ. އެއްވެސް ހަރަކާތެއްނެތި އޭނާ އިނީ އީތަންއަށް ނަޒަރު ހުއްޓާލި ގޮތަށެވެ. އެންމެ ލޯބިވާ މާމަ ދަރިފުޅު ދައްކަމުން ދިޔަ ވާހަކައަކީ ދޮގަކަށް ވާނޭ ނަމައޭ ރާބިއާގެ ހިތާއި ޟަމީރު ބުނަމުން ދިޔައެވެ. އެހެންނަމަވެސް އީތަންގެ މޫނުމަތީގައި އެވާ އަސަރުތައް އޭނާގެ ވާހަކައަށް ހެކިވެއެވެ.
"އީތަން..." ބުނާނޭ އެއްޗެއް ނޭނގި އެހެންނަމަވެސް ކަމުގެ ބާވަތުން ރާބިއާއަށް ހަމައެކަނި އީތަންގެ ނަމުން ގޮވާލެވުނީއެވެ.
"މާމާ... އަޅުގަނޑަށް އެނގޭ ކުރެވުނީ ކިހާ ވަރެއްގެ ކުށެއްކަން. އަޅުގަނޑު ބޭނުންވަނީ ކައިވެނިކުރަން... އަޅުގަނޑަށް އެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ވަރަށް މުހިންމު..."
ކުއްލިއަކަށް ރާބިއާ އިންތަނުން ތެދުވެ އީތަންއާ ދުރަށް ޖެހިލިއެވެ. އެއާއެކު އީތަން ވެސް ތެދުވެއްޖެއެވެ. އަދި ރާބިއާގެ ގާތަށް ޖެހިލިއެވެ.
"މާމާ..." އީތަންގެ ދުލުން ރާބިއާއަށް ގޮވާލި ވަގުތު ބޭއިޚްތިޔާރުގައި އޭނާގެ މޫނުގައި ރާބިއާއަށް ޖެހުނެވެ.
"ތިވަރުކަމެއް އީތަން ކުރީ ކީއްވެ؟ އަންހެނުންނަށް ކުރަންޖެހޭ ޤަދަރާއި ދޭންޖެހޭ އިއްޒަތް އީތަން ހަނދާންނެތުނީ ކީއްވެ؟ އަންހެންކުއްޖަކަށް އެންމެ މުހިންމު އެއްޗަކީ އޭނާގެ އިއްފަތްތެރިކަން... ވީއިރު އެ އިއްފަތްތެރިކަމަށް އީތަން އަތްފޯރުކުރިއިރު ތި ހިތަށް އެއްޗެއް ނޭރިތަ؟ ދުނިޔެއަށް ދަރިއަކު އުފަންކުރަންވާނީ ދެ މަފިރިންގެ ގޮތުގައި ހަލާލު ކައިވެނީގެ މަތީގައި. އީތަންއަށް މާމަ ދެމުން އައި ނަޞޭހަތުގެ އެއްވެސް އަގެއްނެތްކަން މިއަދު ތި ސާބިތުކޮށްދިނީ..."
"މާމާ... ތި ދެއަތުން އަޅުގަނޑުގެ ގައިގާ ތަޅާ... ގަދަފަދަވެގެންވާ އުޤޫބާތެއް ދީ. އެ ހުރިހާ ކަމެއް ވެސް އަޅުގަނޑަށް ހައްޤު. އަޅުގަނޑަށް މަގުއޮޅުނީ... އެ ނުބައި ޢަމަލު ހިންގުނީ... މާމާ، އަޅުގަނޑުގެ މޫނުގައި އަދިވެސް ޖަހާ..." އީތަން އައިސް ރާބިއާގެ އަތްނަގާ މޫނުގައި ޖެއްސިއެވެ. އެހިނދު ނިކަން އަވަހަށް ރާބިއާ އަތްދަމައިގަނެއްޖެއެވެ.
"މާމަ ބުނާނީ ކީކޭ؟ އެ ކުއްޖާ މިހާރު ކޮބާ؟" ރާބިއާ މިހެން އެހުމާއެކު ޒޫރިންގެ ހުރިހާ ކަމެއް އީތަން އޮޅުންފިލުވައިދިނެވެ. އީތަންގެ ސަބަބުން ޒޫރިންއަށް ލިބިފައިވާ ފުން ހިތާމަ ދެނެގަންނާކަށް ރާބިއާއަކަށް އުނދަގުލެއްނުވިއެވެ. އީތަންގެ ހިތަށް އެހާ ބޮޑު އަސަރެއްކޮށް އޭނާ ރަނގަޅު މަގު ޚިޔާރުކުރީތީ އެކަމާ ރާބިއާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ކިބައިން ހާސްކަމެއް ފިލައިގެނެއް ނުދިޔައެވެ.
"ރީންއަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުކުރުވީ ހަމަ އީތަންއެއްނު... އޭނާ މިއަދު ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އީތަން ޖެހޭނީ ޤަބޫލުކުރަން..."
"ހެޔޮނުވާނެ މާމާ... އަޅުގަނޑު ކޮންމެފަދަ ކަމަކަށް ވެސް ކެތްކޮށްފާނަން. އެކަމަކު ތިޔަހެން ނުބުނޭ. އަޅުގަނޑު ރީން އާއި ދަރިފުޅު ބޭނުން. ރީން ނޫން މީހަކާ އަޅުގަނޑު ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަން. ކޮންމެ މީހަކަށް ވެސް ކުށެއްކުރެވިދާނެއޭ މާމަ ވެސް ބުނަމެއްނު... އަޅުގަނޑަށް ކީއްވެ ދެވަނަ ފުރުޞަތެއް ނުލިބެންވީ... އަޅުގަނޑު ހުރިހާ ކަމެއް ރަނގަޅުކުރާނަން... ދުވަހަކުވެސް ދެން ރީން ދެރަވާވަރުކަމެއް ނުކުރާނަން..."
"ރީން ދެކެ އެހާ ވެސް ލޯބިވޭތަ؟" މޮޔައެއް ފަދައިން އީތަން ވާހަކަދައްކަނިކޮށް ރާބިއާ އަހާލިއެވެ.
"މާމާ. އަޅުގަނޑު މިއޮއް މޮޔަވަނީ... ހަދާނޭ ގޮތެއް ނޭނގި ސިކުނޑި ފަޅައިގެންދަނީ... އަޅުގަނޑަށް އެހީވެދީ މާމާ... ޕްލީޒް މާމާ. އަޅުގަނޑަށް އެހީވެދީބަލަ... އަޅުގަނޑުގެ ވާހަކަ ރީން ޤަބޫލުކުރާނީ ކިހިނެއް ހެދީމާތަ؟" ދުވަހު ވެސް އީތަން މިހާރު އެ އުޅޭ ގޮތަށް އުޅެނިކޮށް ރާބިއާ ނުދެކެއެވެ. ހަދާނޭގޮތެއްނޭނގި ނިކަމެތިވެފައިވާ މީހަކު ފަދައިން ރާބިއާގެ ގާތުގައި އީތަން އާދޭސްކުރަމުން ދިޔައެވެ. (ނުނިމޭ)