އޮލިމްޕަސް އަމިއްލަ ފަރާތަކަށް ހަވާލުކުރަން ނިންމާ އެތަން ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލައިފި އެވެ.

އޮލިމްޕަސް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މިމަހުގެ 30 ވަނަ ދުވަހު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އޮލިމްޕަސް ކުއްޔަށް ދިނުމަށް އަލުން ހުޅުވާލާފައި މިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިދިޔަ ޖެނުއަރީ މަހު ކުރި އިއުލާން ބާތިލްކުރުމަށްފަހު އެވެ.

މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިންގުމަށާއި އަދި ފިލްމްތައް އެޅުވުމަށް ބޭނުންކުރަމުންދާ އޮލިމްޕަސް މިހާރު ބަލަހައްޓަމުން ގެންދަނީ ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އިންނެވެ.

އޮލިމްޕަސް ކުއްޔަށް ދިނުމަށް ނިންމުމާއި ގުޅިގެން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އަމިއްލަ ފަރާތަކުން އެތަން ކުއްޔަށް ނެގުމުން ފިލްމީ ދާއިރާގެ ފަރާތްތަކުން ބޭނުންވާ ވަގުތު އޮލިމްޕަސް ނުލިބުމާއި ފިލްމް އަޅުވަން ކުއްޔަށް ލިބޭނެ އަގު ބޮޑުވެދާނެ ކަމަށް ފިލްމީ ދާއިރާގެ ބޭފުޅުން ދަނީ ބުނަމުންނެވެ.