ބަންގްލަދޭޝްގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޗިޓަގޮންގުގައި ދިރިއުޅޭ މީހާގެ ގައިން ޒިކާގެ ވައިރަސް ފެނިއްޖެ އެވެ.

ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައި ވަނީ، ޒިކާގެ ވައިރަސް ފެނިފަިއ ވަނީ 67 އަހަރުގެ ފިރިހެނެއްގެ ގައިން ކަމަށެވެ. އަދި އެމީހާއަށް ޒިކާ ވައިރަސް ޖެހިފައިވާކަން އިނގުނީ ވައިރަލް ނުވަތަ ޑެންގީ ހުން ކުރިން ޖެހިފަައި ތިބި 101 މީހުންގެ ގައިން ލޭގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމުގެ ތެރޭގައި ކަމަށް ވެސް ބަންގްލަދޭޝްގެ މީޑިއާތުގައި ރިޕޯޓްކޮށްފައި ވެއެވެ.

މިއީ ދެކުނު އޭޝިއާގެ ގައުމަކުން ޒިކާ ވައިރަސް ޖެހިފައިވާ މީހެއް ފެނުނު ފުރަތަމަ ފަހަރު ކަމަށްވީއިރު، އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ބަންގްލަދޭޝްގެ މީޑިއާތަކުގައި ރިޕޯޓް ކޮސްފައި ވެއެވެ.

ޒިކާ ވައިރަސް ޖެހިފައިވާ މީހަކު އަވަށްޓެރި އިންޑިއާއިން އަދި ފެނިފައި ނުވިނަމަވެސް، ޒިކާ ވައިރަސްއާހެދި އިންޑިއާ އޮތީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ސަބަބަކީ، އިންޑިއާގެ ބައެއް ސިޓީތަކުގައި އާބާދީގައި ތޮއްޖެހުން ބޮޑުވެފައި، މަދިރީގެ މައްސަލަވެސް ބޮޑުވުމުންނެވެ.

ޒިކާ ވައިރަސް ދެކުނު އެމެރިކާގެ 25 ގައުމެއްގައި ފެތުރެމުން އެބަދެއެވެ.

ޒިކާ ވައިރަސް އުފުލާ އީޑީސް މަދިރި، އެފްރިކާއާއި، މެދުތެރޭ ޔޫރަޕާއި، އޭޝިޔާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި އުޅޭ ކަމަށާއި، އެހެންކަމުން ޒިކާ ވައިރަސް ދެކުނު އެމެރިކާ ބައްރުން ބޭރުވުމުގެ ފުރުސަތު އެބަ އޮތްކަމަށް ޑަބްލިޔޫ.އެޗް.އޯގެ ތަޖުރިބާކާރެއް ކަމަށްވާ އެންތަނީ ކޮސްޓެލޯ ވިދާޅުވިއެވެ.

ޒިކާ ހުމަކީ އާއްމު ގޮތެއްގައި ފުރާނައަށް ނުރައްކާވާ ހުމެއް ނޫނެވެ. ތިން ދުވަސް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ހުން ޖެހިފައި އާއްމުކޮށް ރަނގަޅުވެ އެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ ވައިރަސް މާބަނޑު މީހުންނަށް ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ސިކުނޑި ކުޑަވާ ބައްޔެއް ކަމަށްވާ މައިކްރޯސެފަލީ ޖެހުމަށް މަގުފަހިވާ ކަމަށް ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. މިއާއެކު ޒިކާ ޖެހިފައިވާ މާބަނޑު އަންހެނުން ވިހާ ދަރިންނަކީ ސިކުނޑީގެ އުނިކަން ހުންނަ ކުދިންނަށް ވެގެންދެ އެވެ.

ޒިކާ ވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ނުރައްކާ ފޯރަފާނެ ކަމަށް ބަލައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ، މުޅި ދުނިޔެއަށް އިންޒާރުގެ އެލަރޓެއްވެސް ނެރެފައެވެ.

ދެކުނު އެމެރިކާގައި އާދަޔާ ޚިލާފަށް ފެންނަން ފަށާފައިވާ މައިކްރޯސިޕަލީ (ކުއްޖާގެ ބޯ އާދަޔާ ޚިލާފަށް ކުޑަވެފައިހުރުން) އަކީ ޒިކާ ވައިރަސްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވިފައި ވެއެވެ. މިމައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ ބްރެޒިލްއަށެވެ.