އަންނަ ޖޫން މަހު ފްރާންސްގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްގެންދަން ވާނީ އެންމެންގެ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (ފީފާ) އިން މިއަދު ބުނެފި އެވެ.

ފީފާއިން މިހެން ބުނެފައި ވަނީ އިއްޔެ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓުގެ ޑިޕާޗާ އޭރިޔާގައި ދެ އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރުމަށް ފަހު ނެރިފައިވާ ނޫސް ބަޔާނެއްގައެވެ.

ފީފާއިން ބުނީ، ބެލްޖިއަމްގައި އިއްޔެ ހިނގި ހާދިސާއާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ކެންސަލް ކުރަން ޖެހުމުން ހިތާމަ ކުރާ ކަަމަށެވެ. އަދި އިއްޔެ ބެލްޖިއަމްއަށް ދިން ބޮމުގެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށް ވެސް ފީފާގެ ބަޔާނުގައި ބުނެފައި ވެއެވެ.

އިއްޔެ ބެލްޖިއަމްއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އަންނަ ހަފްތާގައި ޕޯޗުގަލްއާއި ދެކޮޅަށް ކުޅެން ނިންމާފައިވާ ރަހުމަތްތެރިކަމުގެ މެޗް ވެސް ކެންސަލް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ބެލްޖިއަމްއަށް އިއްޔެ ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޔޫއޭފާގެ ނައިބު ރައީސް ޖިއަންކާލޯ އަބެޓޭ ވިދާޅުވީ ، ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ޓެރަރިސްޓު ހަމަލާތައް ޔޫރަޕްގައި ގިނަވެއްޖަ ނަމަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދާ ކަމަށެވެ. އެގޮތައް އެކަން ކުރަންޖެހެނީ ކުޅުންތެރިންގެ ރައްކަލަކައްޓައި ކަމަށް ވެސް އަބެޓޭ ވިދާޅުވިއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް އޮތީ އިޓަލީއާއެކު މަރުގެ ގްރޫޕެއްގައި ކަމަށް ވެސް ފުޓްބޯޅައިގެ ގިނަ މާހިރުން ވަނީ ސިފަކޮށްފައެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި ވެސް މި ވަގުތު އޮތް ބެލްޖިއަމް އާއި އިޓަލީއާއެކު، މިގުރޫޕް އީގައި ދެން އޮތީ ސްވިޑަން އާއި ރިޕަބްލިކް އޮފް އަޔަލޭންޑެވެ.

އިއްޔެ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓަށް ދިން ބޮމުގެ ދެ ހަމަލާ އާއި މެޓްރޯ ސްޓޭޝަނުގައި ދިން ބޮމުގެ ހަމަލާގައި 35 މީހުން މަރުވެ 250 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ބްރަސަލްގެ އެއާޕޯޓްގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ މިހާރު އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.