މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ރަހީމް ސްޓާލިންގެ އުކުޅުވަޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނަ ހަ ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އުމުރުން 21 އަހަރުގެ ސްޓާލިންއަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 ލަނޑުން ސިޓީ ބަލިވި މެޗުގައެވެ.

މީޑިއާ ރިޕޯޓްތަކުން ބުނެފައި ވަނީ ސްޓާލިންގެ ލިބުނު އަނިޔާއިން ރަނގަޅުވާން މަދުވެގެން ހަ ހަފްތާ ނުވަތަ އަށް ހަފްތާ ނަގާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ލިވަޕޫލް ދޫކޮށް ސްޓާލިން ސިޓީއާ ގުޅުނު ފަހުން މިހާތަނަށް އޭނަ ވަނީ ސިޓީ އަށް ކުޅެދިން 26 މެޗުން ހަ ލަނޑު ޖަހައިދީފައެވެ. ސްޓާލިން ސިޓީއާ ގުޅުނީ 49 މިލިއަން ޕައުންޑުގެ އަގަކަށެެވެ.