ބެލްޖިއަމް އާއި ޕޯޗުގަލް ބައްދަލު ކުރާ ރަހުމަތްތެރި ކަމުގެ މެޗު ޕޯޗުގަލްގެ ސިޓީއެއް ކަމަށްވާ ލެއިރިއާގައި ކުޅެން ނިންމައިފި އެވެ.

ކުރިން މިމެޗް ކުޅެން ހަމަޖެހިފައި އޮތީ ބެލްޖިއަމްގެ ބްރަސެލްސްގައެވެ. އެހެން ނަމަވެސް އެމެޗް ޕޯޗުގަލްގައި ކުޅޭ ގޮތައް ނިންމީ މިދިޔަ އަންގާރަ ދުވަހު ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓުގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަލާމަތީ ކަންކަމަށް ވިސްނުމަށްފަހު ކަމަށް އެ ދެ ގައުމުގެ ފުޓްބޯޅަ އިދާރާއާ ހަވާލާދީ އިނގިރޭސި މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ބެލްޖިއަމް އާއި ޕޯޗުގަލް މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހު ލެއިރިއާގައެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އެއާޕޯޓަށް ދިން ބޮމުގެ ދެ ހަމަލާ އާއި މެޓްރޯ ސްޓޭޝަނުގައި ދިން ބޮމުގެ ހަމަލާގައި 31 މީހުން މަރުވެ 270 ވަރަކަށް މީހުން ވަނީ ޒަހަމްވެފައެވެ.

މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހްމަތުގައި ހޯދަމުން ދިޔަ މީހާ އިއްޔެ ހައްޔަރުކޮށްފައި ވާއިރު، އެހަމަލާގެ ޒިންމާ މިހާރު އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.