(22 މާރޗް 2016 އާ ގުޅޭ)

...ދުވަހަކު ވެސް އީތަން މިހާރު އެ އުޅޭ ގޮތަށް އުޅެނިކޮށް ރާބިއާ ނުދެކެއެވެ. ހަދާނޭގޮތެއްނޭނގި ނިކަމެތިވެފައިވާ މީހަކު ފަދައިން ރާބިއާގެ ގާތުގައި އީތަން އާދޭސްކުރަމުން ދިޔައެވެ.

ރާބިއާގެ ކޮޓަރި ދޮރު ލައްޕާލި ގޮތަށް ދޮރުފަތުގައި ކަންފަތް ޖަހާލައިގެން ހުރި ހަމްރާއަށް ކަމެއް ފަހުމުވާގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާއަށް ވެސް އީތަން ރޮމުން އެއްޗެހި ތަކެއް ކީކަން އެނގެއެވެ. މެޔަށް ފިނިގެންވެގެން ދިއުމުން ކަނާތުން މޭގައި އަތްއަޅާލެވުނެވެ. ކަންބޮޑުވުމާއެކު ދޮރާ ދިމާއަށް ބަލާލާފައި ތަޅުގައި ހިފާލިއެވެ. ނަމަވެސް ރާބިއާ އޭނާ އެ ކޮޓަރިން ބޭރަށް ފޮނުވާލީ ސަބަބަކާ ނުލައެއްނޫންކަން ހިތަށް އެރުމުން ވަންނާކަށް ނުކެރުނެވެ. އެ ކޮޓަރީގެ ދޮރުމަތީގައި ހަމްރާ ހުއްޓިލައިގެން އެތައް އިރަކު ހުއްޓެވެ. އެހެން ހުއްޓާ ގޭގައި މަސައްކަތްކުރަން އުޅޭ ނޯކަރު ކުއްޖާ އައިސް ހަމްރާއަށް ގޮވާލިއެވެ. އަދި ހެނދުނުގެ ސައިތައްޔާރުކުރަން ފަށަންވީތޯ ސުވާލުކުރިއެވެ. ގަޑި ބަލާލަން ހަމްރާ ހަނދާންވީ ވެސް ދެނެވެ. އިރުއަރައި ދިޔައީއެވެ. އެހެންޏާ ނޯކަރު ކުއްޖާއާއެކު އޭނާ ވެސް ބަދިގެއަށް ވަންނާނެއެވެ.

"ހިނގާ..." ހަމްރާ މިހެން ބުނެ ބަދިގެ ފަރާތަށް ދިއުމަށް ހިނގައިގަތެވެ.

އީތަންގެ ގައިގާ ރާބިއާ އައިސް ހިފަހައްޓާލިއެވެ. އަދި ދެއަތުން އީތަންގެ މޫނުގައި ހިފާލަމުން އޭނާއާ ދިމާއަށް އުފުލާލާފައި ނިކަން ލޯތްބާއެކު އީތަންގެ ދެ ލޮލާއި ކޯތާފަތް ފުހެލަ ދިނެވެ. މާޔޫސްވެފައި ހުރި އީތަންގެ އަތުގައި ހިފާލަމުން ގެނެސް އެނދުގައި ބޭންދިއެވެ. އޭނާގެ ގާތުގައި ރާބިއާ އިށީނދެ ވާހަކަދައްކަން ފެށިއެވެ.

"އީތަން. އަދިވެސް ރަނގަޅަށް ވިސްނާލަބަލަ.... މިހާރު އެ އަންހެންކުއްޖާއާ އީތަން ގުޅެން ތި ނިންމަނީ ހަމަ ލޯބިންތަ؟ ނޫނީ އޭނާގެ މައްޗަށް ހަމްދަރުދީ އުފެދިގެންތަ؟ މާމަ ޔަޤީންކުރަން ޖެހެނީ، ކައިވެންޏަކީ ބޭނުންވީމަ އިނދެފައި ހިތްކެނޑުނީމާ ވަރިވާން އޮންނަ ގުޅުމަކަށް ނުވާތީ..."

"މާމާ. ދުވަހަކު ވެސް އަޅުގަނޑު ކަމަކާ މިހާ ޔަޤީންނުވޭ. ރީންދެކެ ހަޤީޤަތުގައި ވެސް އަޅުގަނޑު ލޯބިވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަނތްބެއްގެ ގޮތުގައި މުޅި އުމުރު ވެސް ރީން ބަހައްޓަން ބޭނުން"

"ބައްޕަ އާއި މަންމައަށް ތި ވާހަކަތައް ކިޔައި ނުދީ މާމަ އެކަނި ނިންމުމެއް ނުނިންމޭނެ. އެކަން ދަރިފުޅަށް އެނގެއެއްނު"

"އާން މާމާ... އެކަމަކު އަޅުގަނޑަކަށް ނުކެރޭނެ ބައްޕައަށް މި ވާހަކަތައް ކިޔައިދޭކަށް. ބައްޕަ ނުރުހުންވާނޭވަރު ހިތަށް އަރުވާލަން ވެސް ނޭނގޭ"

"ކޮންމެ މީހަކަށް ވެސް ރުޅި އާދެވޭނެ. އީތަންއަށް ކުރެވުނީ ކުޑަކުށެއްނޫން... މިއަދު އީތަންއަށް ޖެހޭނީ އެންމެންގެ ރުޅި އާއި އެމީހުން ކިޔާ އެއްޗިއްސަށް ކެތްކުރަން. ދަރިންގެ މައްޗަށް މައިންބަފައިން ވަރަށް ބޮޑު އުންމީދެއް ކުރާނެ. އެ އުންމީދުތައް ފުނޑުފުނޑުވެ ދަރިން ނުބައި މަގު ޚީޔާރު ކުރުމުން މައިންބަފައިންނަށް އެ ލިބޭ ހިތްދަތިކަމަކީ ދަރިންނަށް ވެސް އަންދާޒާ ނުކުރެވޭނޭހާ ބޮޑު ހިތާމައެއް.... މާމަ ދުވަހަކު ވެސް ހިޔެއްނުކުރަން އީތަން ތިހާ ފަރުވާކުޑަވެދާނެއެކޭ. ތިމާގެ ޢަމަލުތައް ނުހިފެއްޓޭ ހިސާބަށް ހިނގައިދާނެއެކޭ..."

"އަޅުގަނޑަށް މާފުކުރޭ މާމާ. އަޅުގަނޑު ޤަބޫލުކުރަން ތި ހުރިހާ ވާހަކައެއް ވެސް... އަޅުގަނޑަކީ ކުށްވެރިއެއް..."

"ހެނދުނުގެ އުފާވެރިކަމާއި ތާޒާކަން އެންމެންގެ މޫނުމަތިން ގެއްލޭނޭ ދުވަހަކަށް މިއަދު ވާނެ... އެހެންވިޔަސް ކުރާނޭކަމެއް ދެން ނެތް... ހިނގާ އީތަން. ހަމްރާ އާއި ސުފިޔާނުގެ ގާތުގައި ތި ހުރިހާ ވާހަކައެއް މާމަ ދައްކާއިރު އީތަން އިންނަންޖެހޭނެ"

"މާމަ، އަޅުގަނޑު ހުވާކުރަން ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ކެތްކޮށްފާނަން. އެކަމަކު ރީންއާ ވަކިވާކަށް ބޭނުމެއްނޫން. އަޅުގަނޑަށް ރީން ހޯދައިދީ...."

"ތިކަން ކޮށްދެވޭތޯ މާމައަށް ކުރެވޭނީ މަސައްކަތް. ޔަޤީންކަމެއް ނުދެވޭނެ..." ރާބިއާ މިހެން ބުނުމުން އީތަން ނުހަނު ބޮޑަށް މާޔޫސްވެ އިސްޖަހާލިއެވެ. އެއާއެކު ރާބިއާ ތެދުވެ އީތަންގެ ކޮނޑުގައި އަތްޖައްސާލައިފައި އޭނާއާއެކު އައުމަށް ބޮލުން އިޝާރާތްކޮށްލިއެވެ.

"އިހަށް ދޭ ކޮޓަރިއަށް. މާމަ އަންގާލީމާ ބަދިގެ ފަރާތަށް އާދޭ" ކޮޓަރިން ނުކުމެފައި ރާބިއާ ހުއްޓިލީ ޚިޔާލު ބަދަލުވެގެންނެވެ. އެއާއެކު އީތަން ކޮޓަރިއަށް ފޮނުވާލާފައި ރާބިއާ އެކަނި ބަދިގެ ފަރާތަށް ދިއުމަށް ނިންމިއެވެ.

"މަންމާ..." ރާބިއާ ބަދިގެއަށް ވަންތަން ފެނުމާއެކު ކެތްތެރިކަން ކުޑަވެފައި ހުރި ހަމްރާ ގޮވާލިއެވެ. އެހިނދު ރާބިއާ އަތުން އިޝާރާތްކޮށްލީ މަޑުކުރުމަށެވެ.

"ހަމްރާ، ސުފިޔާނު ކޮބާ؟ އަހަރެން ވަރަށް ބޮޑު ވާހަކައެއް ކަލޭމެން ދެމީހުންނަށް ކިޔައިދޭން އެބަ ޖެހޭ"

"ކިހިނެއްތޯވީ މަންމާ... އީތަން ރުއިކަން އެނގޭ. އޭނާއަށް ކިހިނެއްވީ... ވީގޮތެއް ނޭނގޭތީވެ އަޅުގަނޑު ހާސްވެގެން މިހިރަ ހަލާކުވަނީ"

"މިހާރަކުނޫން ތި ވާހަކަދައްކާނީ... އައިނީ އާއި އައިދަންއާ ދެބެން ސައިބޯން އަންނަން އުޅޭނެ. އެކުދިން ގެއިން ދިޔައީމާ އަހަރެން ބޭނުންވަނީ އެ ވާހަކަދައްކަން" ރާބިއާ މިހެން ބުނުމުން އިތުރަށް ހަމްރާ ހާސްވިއެވެ. އަދި ބޮޑުކަމެއްވެއްޖެކަން ޔަޤީން ކުރެވުނެވެ. ރާބިއާގެ މޫނުމައްޗަށް ބަލާލި ނަމަވެސް އެކަން އެނގޭހާވެއެވެ. އޭނާގެ މުނޫމަތީގެ އަސަރުތައް އޮއްސި މީހާއަށް ހިމޭންކަމެއް ވެރިވެފައި އިނެވެ.

* * * *

"ރީން... ކިހިނެއްވެފައި މިތާ ތިހުރީ. މިދުވަސްކޮޅު އަރާމުކުރުން ވަރަށް މުހިންމުވާނެ" ޓެރެސްގައި ހުއްޓިލައިގެން ހުރި ޒޫރިންއަށް އޭނާގެ ފަހަތުން އައި ރޭޝްމާގެ އަޑު އިވުމާއެކު އަވަހަށް ދެ ލޯ ފުހެލިއެވެ.

"ކަމެއްނުވޭ ހަމަ ހުރެލީ މިތާ" އިސްޖަހާލާފައި ރޭޝްމާއާ ދުރަށް މޫނު އަނބުރާލަމުން ޒޫރިން ބުނެލިއެވެ.

"ރީން... ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ހިތުގައި ކިހާ ވޭނެއް އަޅާކަމެއްކަން މަންމައަށް ފުރަތަމަ ވެސް އެނގުނީ ދަރިފުޅުގެ ސަބަބުން. އެނގޭތަ އެއީ ކިހިނެއްކަން..." ޒޫރިންގެ ދެ އަތުގައި ހިފާލަމުން ރޭޝްމާއާ ކުރިމަތިވާ ގޮތަށް ޒޫރިން އަނބުރާލިއެވެ. އަދި ނިކަން ލޯބިން ވައަތުން ޒޫރިންގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.

"ރީންގެ ހިނިތުންވުން ގެއްލިއްޖެ. ހަށިގަނޑު އަނަރޫފަވެގެން ދިޔަ ދިޔައިނުން ވައިރޯޅިއެއް ޖެހިލިޔަސް ދަރިފުޅަށް ކަމެއްވެދާނޭތީ މަންމަ ބިރުގަނޭ... އެހާ ވެސް ހިކިއްޖެ... އުޅެން މަޖުބޫރުވެފައި ހުރީތީ އުޅޭހެން ހީވަނީ... ރީތިވުމަށް ކުރިން ހުރި ޝައުގުވެރިކަން ގެއްލިއްޖެ... ޝޮޕިންގ ކުރާހިތްވާ ކުއްޖެއްތީ. އެކަމަކު ގޭގެ ދޮރޯށިން ބޭރަށް ނުކުތީ ކޮންދުވަހަކު... ހިތާމަކޮށް ރޮއެރޮއެ ދެ ލޯ ކައިރި ތިވަނީ ކުލަބަދަލުވެފައި. ތި ދެ ލޮލުގައި ދުޅަކަމެއްނުވާ އިރެއް ނުދޭ... މިހުރިހާ ކަމެއް ގުޅިފައިވަނީ އެންމެ ކަމަކާ... އެއީ ދަރިފުޅުގެ ހިތުގައި އުފެދިފައިވާ ލޯބި. އެ ލޯބި ނުލިބިގެން ދަރިފުޅަށް އައިހާ ބަދަލު މި ކިޔައިދިނީ... މިހާ ދުވަސްވީއިރު ދަރިފުޅަށް އީތަންގެ މަތިން ހަނދާންނައްތައެއްނުލެވުނު. ރީންއަށް އެނގޭތަ. ދެން އަމުދުން އީތަންގެ މަތިން ހަނދާންނައްތައެއްނުލެވޭނެ. ކުޑަކުޑަ ޝަމްޢާން ފެންނަ ކޮންމެ ފަހަރަކު ރީންގެ ޟަމީރު ހަނދާންކޮށްދޭނެ އީތަންގެ މަތިން. މަންމަ ނުބުނަން އެއްފަހަރު ވެސް އީތަން ކަންތައްކުރީ ރަނގަޅަކަށޭ... އެކަމަކު މި މަންމަ ބޭނުން މަންމަގެ ދަރިފުޅު... މަންމަގެ ރީން އެނބުރި އަންނަން ބޭނުން... ގޭތެރޭގެ ދިރުން އެނބުރި އަންނަން ބޭނުން... ދަރިފުޅު ހީނލާތަނާއި އުފަލުގައި އުޅޭތަން ދުށުމަށް ބޭނުން..."

ރޭޝްމާގެ އަތްތިލަ ކޯތާފަތާއި ދުރުކޮށްލާފައި ޒޫރިން އިސްޖަހާލިއެވެ. އަދި ދޭނޭ ޖަވާބެއް ނޭނގިފައި އިރުކޮޅު ހުރުމަށްފަހު ރޭޝްމާގެ ގާތުން ދުރަށް ދިއުމަށް ހިނގައިގަތެވެ. ޒޫރިން ދާތަން ބަލަން ހުރެފައި ރޭޝްމާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.

ކޮޓާރިއަށް ވަދެ ދޮރުލައްޕާލާފައި ޒޫރިން އައިސް އެނދުގައި އޮށޯވެލިއެވެ. އުއްޑުން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ބާލީސްގެނެސް މޭގައި ބާއްވާލައިގެން ޒޫރިން އޮތެވެ. އޭނާ ވިސްނަމުން ދިޔައީ އީތަންއާ މެދުއެވެ. ރޭޝްމާ ބުނީ ތެދެކެވެ. ޚުދު ޒޫރިންއަށް ވެސް އެކަން އެނގެއެވެ. އީތަންގެ ލޯބިން މަހުރޫމުވެއްޖެކަން އެނގުނު ދުވަހުން ފެށިގެން އޭނާގެ ފުރާނަހުއްޓެއްކަމަކު މަރުވެއްޖެއެވެ. އަމިއްލަ ނަފްސަށް ކިރިޔާ ވެސް ހިތްވަރެއް ލަމުންދިޔައީ ބަނޑުގައިވާ ދަރިފުޅު އުފަންކުރުމަށްޓަކައި އެކަންޏެވެ.

"އަހަރެންދެކެ ލޯބިވާން މިހާ ދުވަސް އީތަން ނެގީ ކީއްވެ. މިހާރު ތިއުޅެނީ ލޯތްބަށްވުރެ ހަމްދަރުދީވެގެން. ތި ހަމްދަރުދީއެއް އަހަރެން ބޭނުމެއްނޫން.... ލޯބިވާކަށް އީތަންއަކަށް ނޭނގޭނެ..." ދެ ލޯ މަރާ ތަގުޅިކޮށްލުމާއެކު ދެފަރާތަށް ޒޫރިން ބޯހޫރަންފެށިއެވެ. އެވަގުތު އޭނާގެ ހިތާއި ސިކުނޑިއަށް އަރަމުންދިޔައީ އީތަން ދެއްކި ވާހަކަތަކެވެ. އެހެންނަމަވެސް އެ ވާހަކަތަކުގައި ހުރީ ކިހާވަރެއްގެ ތެދުވެރިކަމެއްކަން ދެނެގަންނާން ޒޫރިންއަކަށް ނޭނގުނެވެ. ޤަބޫލުކުރަން ބޭނުންވިޔަސް ލިބިފައިވާ ހިތްދަތިކަމާއި ކުރިމަތިލާންޖެހުނު ކަންތައްތައް އީތަންގެ ވާހަކަތައް ތެދުކުރުމަށް ހުރަސް އަޅަނީއެވެ.

* * * *

"އީތަން އޮފީހަށް ނުދޭތަ؟" ސައިބޮއެގެން ތެދުވަމުން އައިނީ އަހާލިއެވެ.

"މިއަދަކު ހިޔެއްނުވޭ ދާނެހެނެއް. ދެން ދޭ އަވަހަށް އޭރުން ގަޑިނުޖެހި ދެވޭނީ" ހަމްރާ ބުނެލިއެވެ.

އައިދަން އާއި އައިނީ ނުކުމެގެން ދިއުމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނޯކަރު ކުއްޖާގެ ގާތުގައި އީތަންއަށް ގޮވާލުމަށް ބުންޏެވެ. އޭރު ސުފިޔާނު ވެސް ސައިބޮއެ ނިމިގެން މަޑުކޮށްލައިގެން އިނީ ރާބިއާ އެދިގެންނެވެ. ސުފިޔާނުގެ ގޮނޑީގައި ހިފަހައްޓާލައިގެން ހަމްރާ ކޮޅަށް ހުއްޓެވެ. އީތަން އައިސް އެތަނަށް ވަންނާނޭ އިރެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ. ސުފިޔާނުގެ މޫނުމަތިން މާބޮޑު އަސަރުތަކެއް ފާޅުނުވިޔަސް ހަމްރާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.

"އިށީނދޭ..." ދޮރުމަތީގައި އީތަން މަޑުކޮށްލުމުން ރާބިއާ ބުނެލިއެވެ. އީތަންއަށް ވެފައި ހުރި ގޮތް ފެނި ސުފިޔާނު ސުވާލުއުފެދުނެވެ. އޭނާއަށް ވެސް މިފަހަރު ބަލާލެވުނީ ރާބިއާއަށެވެ.

"ހަމްރާ، އޭނާއަށް ސައިހަދައި..." ރާބިއާ ބޭނުންވީ އީތަން ރަނގަޅަށް ސައިބުއިމުން ނޫނީ އެއްވެސް ވާހަކައެއް ނުދައްކާށެވެ.

"ސުފިޔާނު. އަހަރުމެން ވެސް ސައިބޮއެގެން ސިޓިންރޫމަށް ދާނަން" ސުފިޔާނު އެތަނުން ދާންވީކަން ރާބިއާ ބުނެލި ގޮތުން އެނގުނެވެ. އެހެންވެ ތެދުވެގެން ބަދިގެފަރާތުން ނުކުންނަން ދިޔައެވެ.

ބަސްއަހާ ކުޑަކުއްޖަކު ފަދައިން މަޑުމަޑުން އިނދެގެން އީތަން ސައިބުޔެވެ. އެހެންނަމަވެސް އޭނާގެ އަރުތެރެއިން އެއްޗެއް ދިރުވުން ފަސޭހައެއްނުވިއެވެ. ރޮށިތަށީގައި އަތްލުމުގެ ބަދަލުގައި ތަށީގައި އޮތް ދެ ސޮސެޖު ކާލާފައި ސައިތަށި ބޯލިއެވެ.

"ރޮށި ވެސް ނުކައި ނިންމާލީތަ؟" އީތަން ފެންތަށި ބޯލުމާއެކު ހަމްރާއަށް ބުނެވުނެވެ.

"ނިމުނީ... ދެން ނުކެވޭނެ" އީތަންގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ. ރާބިއާ އަނގައިން ވެސް ނުބުނެ އިނީއެވެ. އީތަންއަށް ނުކެވޭނެކަން އޭނާއަށް އެނގޭތީވެ އިތުރަށް ބާރުއަޅަން ބޭނުންނުވެފައެވެ.

ރާބިއާ އާއި ހަމްރާއެކު އީތަން އައިސް ސިޓިންރޫމަށް ވަނެވެ. އެންމެން ސޯފާގައި އިށީނުމުން އެންމެ ދިގު ސޯފާގެ ފަހަތުގައި އީތަން ހުއްޓުނެވެ. ރާބިއާގެ ފުރަގަހަށް ވާގޮތަށެވެ. ސުފިޔާނު ގޮވާލާފައި އިށީނުމަށް ބުނުމުން ވެސް އީތަން ހުރީއެވެ. އެހިނދު ރާބިއާ ވާހަކަދައްކަން ފެއްޓިއެވެ. އީތަން ކިޔައިދިން ވާހަކަތައް ހަމްރާ އާއި ސުފިޔާނަށް އޮޅުން ފިލުވައިދިނެވެ. ހަމްރާ އިނީ ބުނާނޭ އެއްޗެއް ނޭނގި އާގަމަ އަރާފައެވެ. އެހެންނަމަވެސް ސުފިޔާނަށް މަޑަކުން ނީނދެވުނެވެ. ފުންމައިގެން އައިގޮތަށް އައިސް އީތަންގެ ފުއްކިބައިގައި ޖަހައިފިއެވެ. ހަމަ އެ ހޫނު ކަންމަތީ ދެތިން އެތިފަހަރު އީތަންގެ މޫނުމައްޗަށް އަރައިގެން ދިޔައެވެ. އެހެންނަމަވެސް އީތަންގެ ދުލުން ބަހެއް ވެސް ނުބުންޏެވެ.

"ސުފިޔާނު..." ރާބިއާ ހަޅޭލަވައިގަތެވެ. އެހެންނަމަވެސް އެއަޑެއް އޭނާ ނޭހިއެވެ. ސިޓިންރޫމު ދޮރާ ދިމާއަށް އީތަން ގަންނަވައިލުމާއެކު އޭނާ ގޮސް ދޮރުން ބޭރަށް ވާގޮތަށް ވެއްޓިއްޖެއެވެ.

"ގޮތްކުޑަވެގެން ގޮސް ހައްދުފަހަނަ އެޅީމާ ދަރިންނެއްކަމަކު ނުގެންގުޅެވޭނެ... މީހަކަށް މޫނު ދައްކާލަން ނުކެރޭވަރު މި ޢާއިލާއަށް އީތަންކޮށްފި" ރުޅި ގަދަވެފައި ހުރި ސުފިޔާނު ހަޅޭލަވައިގަތެވެ. އަނގަމަތީ ދެއަތް އަޅައިގެން ދެ ލޯ ބޮޑުވެފައި ހަމްރާއަށް ހުރެވުނީއެވެ. އީތަންގެ ފަރާތުން އިވުނު ގިސްގެ އަޑުން އޭނާ ރޮނީކަން އެންމެނަށް ވެސް އެނގުނެވެ. އެހެންނަމަވެސް ހަމަ އެންމެ ލަފުޒެއް ވެސް އޭނާގެ ދުލުން ބޭރެއް ނުކުރިއެވެ.

"އީތަން އުޅޭނޭ ގޮތަކަށް އުޅޭން މިގެއިން ނުކުމެގެން ދާން އުޅޭ...އެހެންނޫނީ މަގޭ އަތުންފައިން އިތުރު ގޯހެއް ހެދޭނީ. ތި ކަހަލަ ދަރިއަކު މަރާލިޔަސް ފާފައެއްނުވާނެ..." ސުފިޔާނު ހަމައިން ނައްޓާފައިކަން ހުރީ ރާބިއާއަށް އެނގުމާއެކު އައިސް ސުފިޔާނުގެ އަތުގައި ހިފިއެވެ.

"ދަރިންނަށް ހެދޭ ގޯސްތަކުގެ ވާހަކަ މައިންބަފައިންގެ ގާތުގައި އައިސް ދެއްކުމުން ކަންތައްކުރަންވާނީ ތިޔަހެންތަ؟ ރުޅިއައުން ހައްޤު... އެކަމަކު ދަރިފުޅު ގެއިން ނެރެލާ ނޫނީ އޭނާ މަރާލާ... މިއީކީ ނޫނެއްނު ދަރިންނަށް ވިސްނައިދޭން ކުރަންޖެހޭނެ ކަންކަމަކީ. ބަލަ އީތަންއަށް ކުރެވުނު ކުށް އޭނާއަށް އިހުސަސްވެއްޖެކަން އަދިވެސް ނުފެނޭތަ. އޭނާ ބަހެއްވެސް ނުބުނެ އިނދެ އެ ރޮނީކީ ކޮންމެހެން ކަންދައްކާކަށް ނޫނޭ..."

"މަންމަ އަދިވެސް އޭނާއާ އެއްކޮޅަށްތަ ތި ވާހަކަދައްކަނީ. ވިޔާނުދާކަމުން ގޮސް ހައްދުފަހަނައެޅިމާ ވެސް ތަ؟"

"އާން! އީތަން ހިންގި ޢަމަލުގެ ސަބަބުން ނިހާޔަތަށް އަހަރެން ދެރަވެ ލަދުގަނޭ. އެހެންނަމަވެސް އެ ދަރިފުޅަށް އިސްލާހުވެ ރަނގަޅު މަގަށް އެޅުމަށް ދެވަނަ ފުރުޞަތެއް ނުދޭންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ. ކުށުގެ އިހުސާސްވެ އެ ކުށް ތަކުރާރު ނުކުރުމަށް ނިންމާއިރު އޭނާއަށް ދެވަނަ ފުރުޞަތެއް ބޭނުންވޭ. އޭނާ ބޭނުންވަނީ އެ އަންހެންކުއްޖާއާ ކައިވެނިކުރަން..."

"މަންމަ ބުންޏަސް ތިބުނާ ކައިވެންޏެއްކޮށްގެން މިގެއަކު އީތަންއަކަށް ނޫޅެވޭނެ"

ސުފިޔާނާއި ރާބިއާގެ ދެމެދުގައި ވެސް ދެބަސްވުން އުފެދުނެވެ. އޭރު ދުރުގައި ހުރި ހަމްރާ ރޮމުން ރޮމުން އައިސް އީތަންގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އެހިނދު އީތަން ދެއަތްޖޯޑުކޮށްލުމާއެކު ކަރުނުން ފުރިގެންވީ ދެ ލޮލުން މަންމައަށް ބަލާލީ މާފުކުރުމަށް އެދިއެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތްތިލާގައި ހަމްރާ ދެއަތުން ހިފާލުމާއެކު ބޯޖަހާލިއެވެ. އަދި އީތަންގެ ކޮނޑުގައި ހިފާ އޭނާ ކޮޅަށް ނެގިއެވެ.

"އީތަން... ދަރިފުޅު ކީއްވެތަ އެވަރުގެ ބޮޑުކަމެއް ކުރީ..." އީތަންގެ މޭގައި ބޯޖައްސާލަމުން އެ މޭގައި ފިރުމަމުން ހަމްރާ ސުވާލުކުރިއެވެ. އެ ސުވާލަށް ޖަވާބެއްދޭން އީތަން ފަސްޖެހެއެވެ. އެ ވަގުތީ ލައްޒަތަށް ގޮވާލީ ވެސް ޚުދު އީތަންއެވެ. ރަޙުމަތްތެރިޔާގެ އަވައިގައިޖެހި ޒޫރިންގެ ހުރި ކެރުމަކާއި ކުޅަދާނަކަމެއް ބެލުމަށް އިސްނެގީ ޚުދު އީތަންއެވެ. ވީއިރު ހުރިހާ ގޮތަކުން ވެސް ކުށްވެރިއަކީ އޭނާއެވެ. ސުފިޔާނު ބުނި ފަދައިން ގޮތްފޮތެއްނެތް ވިޔާނުދާ ޒުވާނަކަށް ނޫނީ އެ ފަދަ ޢަމަލު ހިންގާކަށް ނުކެރޭނެ ޚުދު އީތަންއަށް ވެސް ޤަބޫލުކުރެވުނެވެ.

ހަމްރާއާއެކު އީތަން އައިސް އޭނާގެ ކޮޓަރިއަށް ވަނީ ހަމްރާގެ އެދުމުގެ މަތިންނެވެ. ސުފިޔާނަށް ރުޅި ކޮންޓްރޯލު ނުކުރެވި ރާބިއާގެ ކުރިމަތީ އޭނާ ޒުވާބުކުރެވެން ފެށުމުން އެންމެ ފަހުން އޭނާ ގެއިން ނުކުމެގެން ދިޔައީއެވެ. އެތައް އިރަކު ރާބިއާ ސޯފާގައި ވިސްނަން އިނެވެ. އެހެން އިންދާ ހަމްރާ އައިސް ރާބިއާގެ ގާތުގައި އިށީނެވެ.

"މަންމާ! ދެން ކިހިނެއްވާނީ... އެ އަންހެންކުއްޖާ އީތަންއާ ގުޅެން ބޭނުންވޭތަ؟" ޒޫރިން އާއި އީތަންގެ ދެމެދުގައި ހިނގާފައިވާ ދެބަސްވުން ރާބިއާއަށް ކިޔައިދެވުމުގެ ކުރިން ސުފިޔާނުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެހެންވެ ޒޫރިންގެ ވާހަކަތައް އޮތީ ކިޔައިނުދެވިއެވެ. ހަމްރާގެ ސުވާލާއެކު ޒޫރިން ކަންތައްކުރިގޮތް ރާބިއާ ކިޔައިދިނެވެ.

"އަންހެންކުއްޖާ ބަދުނާމުވެދާއިރު ހުރިހާ ކަމެއް ބަދަލުވާނެ. އީތަންއަށް ކުރިން ވިސްނުނުނަމަ" ހަމްރާއަށް އޭރު ވެސް ރޮވެނީއެވެ. ލޯބިން ގެންގުޅުނު ދަރިފުޅުގެ ފަރާތުން އުންމީދުވެސް ނުކުރާވަރުގެ ބޮޑުކަމެއް ކުރިމަތިވުމުން އޭނާއަށް ވެސް ވިސްނުން ހިންގަންވީ ދިމާއެއް ނޭނގޭ ކަހަލައެވެ.

"އީތަންއަށް ދެވަނަ ފުރުޞަތެއް ދޭންޖެހޭނެ. އޭނާ އެ އަންހެންކުއްޖާދެކެ ލޯބިވާތީ އަހަރުމެންގެ ގާތުގައި އެ ވާހަކަ އެ ދެއްކީ. އެހެންނޫންނަމަ އަހަރުމެންނަށް ކަޅެއްދޮނެއް ވެސް ނޭނގޭނެ. ކުރެވުނު ކުށް އީތަން އެވަނީ ޤަބޫލުކޮށްފައި. އަހަރެން ބޭނުން އެ އަންހެންކުއްޖާއާ ބައްދަލުކުރަން. ބައްދަލުކޮށް އީތަންގެ ހާލު ކިޔައިދޭން... އީތަން ބުނަނީ އެ އަންހެންކުއްޖާ އޭނާގެ ވާހަކަތައް ޤަބޫލުނުކުރާކަމަށް" ރާބިއާ އާއި ހަމްރާގެ މެދުގައި އެތައް މަޝްވަރާއެއް ހިނގިއެވެ. ރާބިއާގެ ޚިޔާލު ހުރި ގޮތް ހަމްރާއަށް ކަމުދިޔައެވެ. އެހެންނަމަވެސް ގޭތެރޭގެ މަސްލަހަތު ގެއްލިއްޖެކަމުގެ އިހުސާސް ކުރެވުނެވެ. އޭގެ އިތުރުން އައިނީ އާއި އައިދަންއަށް އެނގުމުން ދެންވާނޭ ގޮތަކާއި މެދު ވެސް ހަމްރާއަށް ވިސްނާލެވުނެވެ.

މެންދުރުފަހުގެ ވަގުތެވެ. ގޭތެރެއަށް ހަމަހިމޭންކަން ވެރިވެފައި ވެއެވެ. ރާބިއާ އޭނާގެ ކޮޓަރީގައި އުޅެފައި ސިޓިންރޫމަށް ނުކުންއިރު ހަމްރާ އިނެވެ. އޭނާގެ ގާތުގައި ގޭގައި ގެންގުޅޭ ކުއްޖާ ވާހަކަދައްކަން ހުއްޓެވެ. މެންދުރުގެ ކެއުމަށްތައްޔާރު ކުރަންވީ އެއްޗެއް ނޯކަރު ކުއްޖާގެ ގާތުގައި ހަމްރާ ބުނުމާއެކު އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

"އީތަންގެ ޚަބަރެއް ބަލާލިންތަ؟" ހަމްރާގެ ގާތުން ރާބިއާ އަހާލިއެވެ.

"އެބައޮތް އެނދުގައި... ހެނދުނު ރަނގަޅަށް ސައިނުބޯތީ ޖޫސްތައްޓެއް ގެންގޮސްދިނީމާ ވެސް ނުބުއި. އެކަމަކު މިއައީ އެ ކޮޓަރީގައި ބަހައްޓާފައި" ހަމްރާ ބުނެލިއެވެ.

"ސުފިޔާނު ރުޅިމަޑުކުރީމާތާ އެއްޗެއް ބުނެވޭނީ ވެސް. އަހަރުމެން ނޫނީ ދެން ކޮންބައެއްތިބީ އީތަންއަށް އެހީވާން" ރާބިއާ ބުނެލިއެވެ. ހަމަ އެހިނދު ދޮރޯށި ހުޅުވުނު އަޑާއިއެކު އަންހެންކުއްޖަކު ސަލާމްގޮވާލި އަޑު އިވިގެން ދިޔައެވެ. ސޯފާގައި އިނދެފައި ހަމްރާ ސަލާމްބަލައިގަތެވެ. އަދި ނުކުންނަން ދާންވާއިރަށް ސިޓިންރޫމު ދޮރުމަތީ އައިސް ހުއްޓުނު އަންހެންކުއްޖާ ފެނިފައި ހަމްރާ އާއި ރާބިއާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހައިރާންކަމާއިއެކު ހާސްކަން ވެސް ދެ މީހުންގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ އެކުއެކީއެވެ.

"ޖަޒްލާ... ކަމަކުތަ؟" ވަންނާށޭ ބުނުމުގެ ކުރިން ވެސް ހަމްރާއަށް ސުވާލުކޮށްލެވުނެވެ. ސިޓިންރޫމު ދޮރުމަތީ ކުޑަކޮށް ހިނިތުންވެލައިގެން ހުރި ޖަޒްލާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. (ނުނިމޭ)