ވޯލްޑް ކަޕް ކޮލިފައިންގައި ކެނެޑާ އަތުން ފަސޭހަ ކަމާއެކު 0-3 ލަނޑުން މެކްސިކޯ މޮޅުވެއްޖެ އެވެ.

ކެނެޑާ ކޮޅަށް މެކްސިކޯގެ ލަނޑުތައް އެޓީމަށް ޖަހައިދިން ކުޅުންތެރިންނަކީ ފޯވާޑް ޒާވިއާ ހެނާންޑޭޒް އާއި މިޑްފީލްޑަރ ރޮޑްރިގޯ ލޮޒާނޯ އަދި މިޑްފީލްޑަރ ޖީސަސް ކޮރޯނާ އެވެ.

ކެނެޑާގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުން މެކްސިކޯ މޮޅުވުމުން އެޓީމް ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. ކޮލިފައިންގެ ފަސްވަނަ ބުރަށް ވެސް މެކްސިކޯ ވަނީ ދަތުރުކޮށްފައެވެ. މެކްސިކޯ އަތުން ބަލިވި ކެނެޑާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ދެވަނާގައެވެ. އެޓީމުވެސް ވަނީ ކޮލިފައިންގެ ފަސްވަނަ ބުރަށް ދަތުރުކޮށްފައެވެ.

މެޗަށް ފަހު މެކްސިކޯގެ ކޯޗު ޖުއާން ކާލޮސް ބުނީ، މެޗުގައި ކުޅުންތެރިން ދެއްކީ ވަރަށް ވެސް މޮޅު ކުޅުމެއް ކަމަށާއި މެޗުގެ އެންމެ ފަހު ވަގުތާ ޖެހެން ދެން ވެސް ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ ފެނިއްޖެ ކަމަށެވެ.

"މި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުމުން އުފާވޭ. ކެނެޑާ އަތުން މޮޅުވީ މޮޅަށް ކުޅެގެން. މި މޮޅަކީ ވަރަށް މުހިންމު މޮޅެއް. މެޗުން މޮޅުވުމުން ގްރޫޕުގެ އެއްވަނަ ވެސް ލިބިއްޖެ. މިހާރު މިވަނީ ކޮލިފައިންގެ އިތުރު މަރުހަލާ އަކަށް ދެވިފައި،" ކޯޗް ޖުއާން ބުންޏެވެ.

ކޮލިފަިއންގައި މި ދެޓީމް ދެން ބައްދަލުކުރާ މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހު މެކްސިކޯގައެވެ.